ލަންޑަން (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި އާސެނަލް 1-1 އިން އެއްވަރުވިއިރު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑުން 93 އަހަރު ތެރޭގައި ސީޒަނެއްގެ އެންމެ ދަށް ފެށުމާ ކުރިމަތިލާންޖެހިއްޖެ އެވެ.
ލިވަޕޫލް ދަނޑުގައި ކުޅެގެން ހޯދި ޕޮއިންޓާ އެކު، އާސެނަލް އޮތީ އެއް ވަނައިގަ އެވެ. އެއީ 18 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެ ވަނައިގައި އޮތީ 18 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 18 މެޗުން 39 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތީ ރޭ އެވަޓަން އަތުން 2-1 އިން މޮޅުވެ، 18 މެޗުން 36 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް އެވެ. އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ މިހާރު ފަސް ވަނައިގައި އޮތީ 17 މެޗުން 34 ޕޮއިންޓާ އެކު އެވެ.
އާސެނަލުން ރޭ ލިވަޕޫލް ދަނޑުގައި ލީޑުނެގީ ހަ ވަަނަ މިނިޓްގައި ގަބްރިއެލް މަގާޅައެސް ބޮލުން ޖެހި ގޯލުންނެވެ. މިއީ ހިލޭ ޖެހުމަކުން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ނެގި ބޯޅައަކުން ޖެހި ލަނޑެކެވެ. އޭގެ ފަހުން، އޮޑެގާޑް އަތުގައި ޖެހުނު ބޯޅައަކަށް ޕެނަލްޓީއެއް ހޯދަން ލިވަޕޫލުން ކުރި އެޕީލް ކާމިޔާބުނުވި އެވެ.
ލިވަޕޫލުން އެއްވަރުކުރީ މެޗުގެ 30 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ޖެހި ގޯލުންނެވެ. މިއީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ދިން ބޯޅައަކުން ސަލާހު ޖެހި މޮޅު ގޯލެކެވެ. މި ގޯލާ އެކު، ސަލާހު ވަނީ ޕްރިމިއާ ލީގުގައި 151 ލަނޑު ހަަމަކޮށް، ލީގު ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ގަދަ 10 ކުޅުންތެރިންގެ ތެރެެއިން ޖާގަ ހޯދައިފަ އެވެ.
މެޗުން މޮޅުވާން އެންމެ ރަނގަޅު ފުރުސަތު ލިބުނީ ލިވަޕޫލް އަށެވެ. ކައުންޓަ އެޓޭކުގައި ސަލާހު ދިން ބޯޅައަކުން އޭރިއާތެރެއިން އާނޯލްޑް ފޮނުވާލި ޝޮޓް އަމާޒުވީ ހުރަސްދަނޑިއަށެވެ.
ވެސްޓް ހޭމް ދަނޑުގައި ޔުނައިޓެޑަށް ލީޑުނަަގައިދޭން އަލެހަންދްރޯ ގާނާޗޯ އަށް ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުގެ ބޭނުންނުހިފުނެވެ. ވެސްޓް ހޭމް މޮޅުވީ މެޗުގެ ފަހު 20 މިނިޓް ތެރޭގައި ޖެހި ގޯލުތަކުންނެވެ. އެ ގޮތުން، މެޗުގެ 72 ވަަނަ މިނިޓްގައި ވެސްޓް ހޭމް އިން ލީޑުނެގީ ލޫކަަސް ޕަކޭޓާ ދިން ހިތްގައިމު ބޯޅައަކުން، ޖެރޮޑް ބޮވެން އެވެ. އޭގެ ފަސް މިނިޓް ފަހުން، މި ފަހަރު ޕަކޭޓާ ދިން ބޯޅަ ހިފައިގެން ގޮސް ގޯލު ޖެހީ މުހައްމަދު ކުޑޫސް އެވެ.
ޔުނައިޓެޑް މި ވަނީ ސީޒަނުގެ މިހާތަނަށް 13 މެޗަކުން ބަލިވެފަ އެވެ. މިއީ، 1930 ވަނަ އަހަރުގެ ފަހުން ސީޒަނެއް ފަށައިގެން މިހާ ހިސާބަށް އައިއިރު ޔުނައިޓެޑް މިހާ ގިނަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕްގެ ފުލަށް ގޮސް ޔޫރަޕްގެ މުބާރާތްތަކުން ކެޓިއިރު، ޕްރިމިއާ ލީގުގައި އެ ޓީމު އޮތީ އަށް ވަަނައިގަ އެވެ. އެއީ 18 މެޗުން ލިބުނު 28 ޕޮއިންޓާ އެކު އެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ފުލަމް ދަނޑުގައި ބާންލީ ވަނީ 2-0 އިން މޮޅުވެފަ އެވެ. ލޫޓަން އިން 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކުރިއިރު، ނޫނޯ އެސްޕިރީޓޯ ސަންޓޯގެ ކޯޗުކަމުގައި ނޮޓިންހަމް ފޮރެސްޓް ކުޅުނު ފުރަތަމަ މެޗުން ބޯންމައުތު އަތުން ބަލިވީ 3-2 އިންނެވެ.












