ތިން ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި މަހު 26 ވަނަ ދުވަހު ފަށަން ނިންމިއިރު، މުބާރާތުގެ ޗެމްޕިއަނާއި ރަނަރަޕް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހާމަކޮށްފި އެވެ.
ޖުމްލަ އެކު، 15 ޓީމު ކުޅޭ މި ފަހަރުގެ، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މި ފަހަރު ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ގުރުއަތުލުން ކުރިއަށް ގޮސްފައިވަނީ މިއަދު މެންދުރު ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގަ އެވެ.
ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ، ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހުު، ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމަކަށް ކުއާޓާ ފައިނަލްގެ ފުރުސަތު ދޭއިރު، ކުއާޓާގެ ބާކީ ޖާގަތަށް ދޭނީ ތިން ގްރޫޕުން ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެ ޓީމަކަށެވެ.
ދެ ވަނަ ޑިވިޝަން ގްރޫޕްތައް:
ގްރޫޕް އޭ: މަސްއޮޑި ސްޕޯޓްސް ކްލަބް، މަހިބަދޫ ސްޕޯޓްްސް ކްލަބް، ޖޭޖޭ ސްޕޯޓްސް ކްލަބް، ކުޑަހެންވޭރު ޔުނައިޓެޑް، އެލްޓީ ސްޕޯޓްސް ކްލަބް
ގްރޫޕް ބީ: ބީޖީ ސްޕޯޓްސް ކްލަބް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްްޕޯޓްސް ކްލަބް، ކްލަބް ޓީނޭޖް، ޓެންޓް ސްޕޯޓްސް ކްލަބް
ގްރޫޕް ސީ: ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ލޮރެންޒޯ، ބިސް ބުރު ސްޕޯޓްސް، ލެގޫންސް
އެފްއޭއެމް އިން މިއަދު ބުނީ މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުން އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނަށް ދެ ޓީމު ޕްރޮމޯޓްވާނެ ކަމަށެވެ. އެއީ މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނާއި ރަނަރަޕް އެވެ.
އެކަމަކު މީގެ ކުރިން، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ލަސްވަމުން އަންނާތީވެ، އެކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު ވާސިފް، އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރަމުން ދަނިކޮށް، އޭނާއާ އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައްސާމް ވަނީ ދެ ވަނަ ޑިވިޝަނުން ތިން ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާނެ ކަމަށް ބުނެފަ އެވެ. އެ ކަން، އެފްއޭއެމުން ރަސްމީކޮށް، އިއުލާނުނުކުރި ނަމަވެސް، ވާސިފް ވަނީ އެ މައުލޫމާތު، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ދެ ވަނަ ޑިވިޝަނުން ފުރަަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް ނިންމީ ކިހިނެއްތޯ އޮޅުންފިލުވަން ސުވާލުކުރުމުން، އެފްއޭއެމުން ބުނީ މުބާރާތުގެ ގަވާއިދު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ދެ ވަނަ ޑިވިޝަން ފަށާނީ އަންނަ އަންގާރަ ދުވަހު ހަވީރު، މަސްއޮޑި އާއި މަހިބަދޫ ކުޅޭ މެޗުންނެވެ.
ރޭގަނޑު މެޗެއް ނުކުޅޭނެ، ހުރިހާ މެޗެއް ހަވީރު!
މި ފަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗެއް ކުޅެން ހަމަޖެހިފައިވަނީ 3:50 ގަ އެވެ. ގަލޮޅު ދަނޑުގެ ލައިޓް ސިސްޓަމަށް ދިމާވެފައިވާ މައްސަލަތައް ހައްލުނުކުރެވޭތީ، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފަހު ދެ މެޗު ވެސް ކުޅެން ޖެހުނީ ހަވީރު އެވެ.
ދެ ވަނަ ޑިވިޝަންގެ ހުރިހާ މެޗެއް ހަވީރު ކުޅޭ ގޮތަށް ހަމަޖެއްސުމާ އެކު، މުބާރާތް އިތުރަށް ދިގުލީ އެވެ.
މި އަހަރު ޖޫން/ޖުލައި އިން ފެށިގެން ބައެއް ޓީމުތަކުން ޕްރެކްޓިސް ފެށީ ލަސްވެގެން ޑިސެމްބަރު މަސް ތެރޭ މި މުބާރާތް ނިމޭނެ ކަމަށް ބަލައި، އެ ގޮތަށް ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހަދައިގެންނެވެ.
އެކަމަކު، މިއަދު ނެރުނު ޝެޑިއުލްގައިވާ ގޮތުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ނިމޭނީ ފެބްރުއަރީ 15 ވަނަ ދުވަހު އެވެ. އެހެންކަމުން، އަނެއްކާ ވެސް ދެ ވަނަ ޑިވިޝަނުގެ ޓީމުތަކަށް މާލީ ގޮތުން އިތުރު ބުރައެއް އުފުލަން ޖެހުނީ އެވެ.
މީގެ ކުރިން، ދެ މަހެއްހާ ދުވަހުން ނިމޭ ދެ ވަނަ ޑިވިޝަން، މި ފަހަރު ޕްރެކްޓިސް ފަށަން ޖެހުނު އިރަށް ބަލާއިރު، އަށް މަހަށް ދިގުވީ އެވެ.












