ދިވެހި ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާ ތަކެއް ނުދައްކައިގެން މާޝަލް އައިލެންޑުގައި ރަޖިސްޓްރީ ކޮށްފައިވާ ސުޕާ ޔޮޓެއް ރާއްޖެ އިން ފުރުން ސިވިލް ކޯޓުން އިއްޔެ މަނާ ކޮށްފި އެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ، ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓު ޕްރައިވެޓް ލިމިޓެޑް ގެ އެދުމުގެ މަތިން ބީއެސް ސްޓާ ޝިޕިން އިންކް ގެ "ކަޓީނާ" ޔޮޓް ރާއްޖެ އިން ފުރައިގެން ދިޔުން މަނާކުރީ، ސީލް މޯލްޑިވްސް ގެ ފަރާތުން ބީއެސް ސްޓާ ގެ މައްޗަށް ކޯޓަށް ހުށަހަޅާފައިވާ ފައިސާގެ މައްސަލަ އަކާ ގުޅިގެންނެވެ.
ސީލް މޯލްޑިވްސް އިން ކޯޓުގައި ބުނެފައި ވަނީ، ބީއެސް ސްޓާ، ކަޓީނާ ޔޮޓް، އެ ކުންފުނީގެ އެޖެންޓު ކަމުގައި 2021 ވަނަ އަހަރު ޑިސެމްބަރު މަހު ރާއްޖެ އައިސް 2022 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފުރައިގެން ދިޔަ މުއްދަތުގައި، ފޯރުކޮށްދީފައިވާ ހިދުމަތްތަކަށާއި އެ ހިދުމަތްތަކަށް ފައިސާ ނުލިބުމުން ވީ ގެއްލުމަށް 180،000 އަށް ވުރެ ގިނަ ޑޮލަރު، ނުލިބި އެބަ އޮތް ކަމަށެވެ.
ސީލް މޯލްޑިވްސް އިން ފައިސާ ހޯދުމަށް ކުރާ ދައުވާ ވަކި ގޮތަކަށް ނުނިމެނިސް، ކަޓީނާ ޔޮޓް ރާއްޖެ އިން ފުރައިގެން ހިނގައްޖެ ނަމަ، ސީލް މޯލްޑިވްސް އަށް އިޔާދަ ނުކުރެވޭ ގެއްލުމެއް ލިބުމުގެ އިހުމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ކަމަށް، ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މި އަމުރުގައި ބުނެފައިވާ ގޮތުގައި ހުކުމް ނިމުމުގެ ކުރިން ނުވަތަ ޝަރީއަތުން އެހެން ގޮތެއް ނާންގަނިސް، އެ އުޅަނދަށް ފުރޭނެ ހަމައެކަނި ގޮތަކީ، ދައުވާގައި އެދޭ ފައިސާގެ އަދަދު ކޯޓުގައި ބެހެއްޓުމެވެ.
ކަޓީނާ ޔޮޓް މިހާރު ރާއްޖެ އައިސްފައި އޮތީ އެހެން ފަރާތެއްގެ އެޖެންޓު ކަމުގެ ދަށުންނެވެ.
ޓޫރިސްޓުން ޗާޓަރު ކޮށްގެން ޗުއްޓީ ހޭދަކުރާ ކަޓީނާ ޔޮޓަކީ ހަ ކޮޓަރީގެ 60 މީޓަރު ދިގު، އުޅަނދެކެވެ. އެއް ފްލޯ އިން އަނެއް ފްލޯ އަށް ދިއުމަށް ލިފްޓް ހުންނަ، މި ޔޮޓް ގައި ޖިމް އާއި މޫދު ކުޅިވަރުގެ ގިނަ ހިދުމްތަތަކެއް ލިބެން ހުރެ އެވެ.










