ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ސެމީ ފައިނަލަށް ޕޮލިސް ކުލަބާއި ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް ދަތުރުކޮށްފި އެވެ.
އިއްުޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން އެވެ. އެ މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އަދި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ދެ ވަނަ މެޗުގައި އަސްދިގަ ސްޕޯޓްސް ކުލަބުގެ މައްޗަށް ވޮލީބޯލް އެކަޑަމީން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރަތަމަ ސެޓުގެ ކުރީކޮޅު ދެ ޓީމަށް ވެސް ބޮޑު ލީޑެއް ނެގޭ ގޮތެއް ނުވި އެވެ. އެކަމަކު، މި ސެޓުގެ މެދުތެރެއިން ޕޮލިސްގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ)ގެ މޮޅު ސާވިސްތަކާ އެކު ޕޮލިހުން ފަސް ޕޮއިންޓްގެ ލީޑެއް ނެގިއެވެ. މި ސެޓު ޕޮލިސް އިން ކާމިޔާބުކުރީ 25-22 އިންނެވެ.
މި މެޗުގެ ދެ ވަނަ ސެޓުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ޓީމުން އިތުރު ހިތްވަރަކާ އެކު ކުޅުނުއިރު، މި ސެޓު ފަށައިގެން ޔޫތު ނިއުޖެނެރޭޝަނުން ވަނީ ބޮޮޑު ލީޑެއް ނަގައިފަ އެވެ. މި ސެޓުގައި ޔޫތު ނިއު ޖެނެރޭޝަންގެ ޝަހާ ޝާމިން އާއި، ބިދޭޝީ ކުޅުންތެރިޔާ، ނޭޕާލްގެ އުޝާ ބަންދާރީގެ މޮޅު އެޓޭކުތަކެއް ފެނިގެންދިޔަ އެވެ. އަދި ރިސީވްތަކުގައި ވެސް މި ދެ ކުޅުންތެރިންގެ ތަފާތު ފެނުނެވެ. މި ސެޓު ޔޫތު ނިއުޖެނެރޭޝަނުން ކާމިޔާބުކުރީ 25-19 އިންނެވެ.

ޔޫތު ނިއު ޖެނެރޭޝަން ޓީމުގެ ޝަހާ (ކ) ޝޮޓެއް ފޮނުވާލަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ޔޫތު ނިއުޖެނެރޭޝަންގެ ކުޅުންތެރިންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ދެ ސެޓުގައި ޔޫތު ނިއު ޖެނެރޭޝަންގެ ކުޅުންތެރިންގެ ފަރާތުން ޕްރެޝަރު ދަނޑިވަޅުތަކުގައި އާދައިގެ ގޯސްތައް ހެދުނެވެ. އޭގެ ފައިދާ ނަގާ ޕޮލިހުން ވަނީ މި ދެ ސެޓު 25-22 އަދި 25-19 އިން ކާމިޔާބުކޮށް، މެޗުން މޮޅުވެފަ އެވެ.
އަސްދިގައާ ދެކޮޅަށް ރޭ ކުޅުނު މެޗު ވޮލީބޯލް އެކަޑަމީން ކާމިޔާބުކުރީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-19، 25-15 އަދި 25-12 އިންނެވެ.
މި ނަތީޖާތަކާ އެކު މި މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހުގެ ހަވީރު ބައްދަލުކުރަން ޖެހޭނީ ޕޮލިސް ކުލަބާއި ވޮލީބޯލް އެކަޑަމީ އެވެ.
ސެމީ ފައިނަލްގެ އަނެއް ޖާގަތައް ކަނޑައެޅޭނި މާދަމާ ކުޅޭ ކުއާޓާ ފައިނަލް ފަހު ދެ މެޗުންނެވެ. ދެން އޮތް ކުއާޓާ ފައިނަލް މެޗުތަކަކީ، އަލްމާ ސްޕޯޓްސް ކްލަބާއި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބްގެ މެޗާއި ކްލަބް ވެމްކޯ އާއި ޔޫތު ނިއު ޖެނެރޭޝަން ބައްދަލުކުރާ މެޗެވެ.













