ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަރު 16) - އިންޑިއާ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން، މަހިންދުރަ ސިންގް ދޯނީގެ ޝަރަފްގަައި ގައުމީ ޓީމުގެ ހަތް ނަމްބަރު ޖޯޒީ ރިޓަޔާކުރަން އިންޑިއާގެ ކްރިކެޓް ބޯޑު، ބީސީސީއައި އިން ނިންމައިފި އެވެ.
މީގެ ކުރިން ބީސީސީއައި އިން ވަނީ އިންޑިއާގެ ކްރިކެޓް ލެޖެންޑް، ސަޗިން ޓެންްޑުލްކާ ބޭނުންކުރަމުން އައި 10 ނަމްބަރު ޖޯޒީ ރިޓަޔާކޮށްފަ އެވެ. ސަޗިންގެ ޖޯޒީ ރިޓަޔާކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.
ބީސީސީއައިގެ އިސް އޮފިޝަލަކު އިންޑިއާގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ގައުމީ ޓީމުގެ 10 ނަމްބަރާއި 7 ނަމްބަރު ބޭނުންނުކުރެވޭނެ ކަމަށެވެ. އަދި މިއީ އިންޑިއާގެ ކްރިކެޓަށް އާދަޔާހިލާފު ކާމިޔާބީ ހޯދައިދޭ ކުޅުންތެރިންނަށް ހައްގު ޝަރަފެއް ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ.
"ޖޯޒީ ނަމްބަރު 7 އެއީ، 2011 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ހޯދައިދިން ކެޕްޓަން (ދޯނީ)ގެ ރަމްޒު. އެ ކާމިޔާބީއާ އެއްވަރުގެ ޝަރަފެއް އޭނާ އަށް ލިބެން ޖެހޭ،" ބީސީސީއައިގެ ނައިބު ރައީސް ރާޖީވް ޝުކްލާ، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އިންޓަނޭޝަނަލް ކްރިކެޓުން ދޯނީ ރިޓަޔާކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު، 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން، ދޯނީ ކުޅެމުން އަންނަނީ އިންޑިއާގެ ކްރިކެޓް ފްރެންޗައިސް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގަ އެވެ.












