ވަޒީރުކަން ދޭއިރު ބަލަންވީ ސިޔާސީ ބުރަދަނަށްތަ ނޫނީ ފަންނީ ގާބިލުކަމަށްތަ؟

ވަޒީރުކަން ދޭއިރު ބަލަންވީ ސިޔާސީ ބުރަދަނަށްތަ ނޫނީ ފަންނީ ގާބިލުކަމަށްތަ؟

ރައީސް މައުމޫން އަބްދުލްގައްޔޫމް 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވިއިރު އެމަނިކުފާނުގެ ކެބިނެޓުން ޖާގަ ހޯއްދެއްވި ގިނަ ވަޒީރުން އެހިސާބަށް ވަޑައިގެންނެވީ ހަރުފަތަކަށް ހަރުފަތެއް ގިރާކުރައްވައިގެންނެވެ. މައުމޫން ވެރިކަން ކާމިޔާބުކުރައްވަމުން ގެންދެވީ ސިޔާސީ މާބޮޑު ވާދަވެރިކަމެއް ނެތި ކަމުން، ސިޔާސީ ބާރުވެރިކަން އެމަނިކުފާނަށް ހޯދައިދެއްވީތީ ވަޒީރުކަން ދެއްވަން ޖެހުނު ބޭފުޅުންނަށް މަދެވެ. އެހެންކަމުން އޭރުގެ ގިނަ ވަޒީރުންގެ ކިބައިގައި ސިޔާސަތު ތަންފީޒުކުރުމުގެ ގާބިލްކަމާއި، ހިންގުމުގެ ތަޖުރިބާ ހުއްޓެވެ.

ނަމަވެސް 2008 އިން ފެށިގެން، ރާއްޖޭގެ ރައީސްކަން ހޯދެނީ، ބޮޑު ވާދަވެރިކަމެއްގެ ތެރެއިން ކަމަށްވާތީ، ރައީސަކަށް ވަޑައިގަންނަވާ ބޭފުޅާ އަށް ސިޔާސީ ބާރުވެރިކަން ހޯދައިދޭން މަސައްކަތްކުރެއްވި މީހުންނަށް ހާއްސަކޮށް ޕާޓީގެ އިސް ބޭފުޅުންނަށް ވަޒީރުކަން ދޭން އޮންނަނީ ޖެހިފަ އެވެ. އެގޮތަށް ދޭން ބަލާއިރު، ސިޔާސަތު ތަންފީޒުކުރުމާއި، ހިންގުމުގެ ތަޖުރިބާ ނެތް އެތައް ބަޔަކު ވަޒީރުކަމަށް އައްޔަންކުރަން ޖެހެ އެވެ.

އެފަދަ ބޭފުޅުން އައްޔަންކުރުމުން އަމާޒުވާ ފާޑުކިއުން ފޫބައްދަނީ، ތައުލީމީ، ފަންނީ ބޭފުޅުންކޮޅެއް ވެސް ކެބިނެޓަށް އައްޔަންކޮށްގެންނެވެ. ނަމަވެސް އެފަދަ ބައެއް ބޭފުޅުންގެ ކިބައިގައި ސިޔާސީ ބާރުވެރިކަން ނެތުމުން، އާއްމުންނާ ގުޅުން ހުރި ބައެއް ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަހަތަށް ޖެހެވޭ މަންޒަރު ވެސް ފެނެ އެވެ.

Advertisement

މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ވެސް ފެންނަނީ ސިޔާސީ ބޭފުޅުންނާއި، ފަންނީ ބޭފުޅުންނާއި، އޭގެން އެއްވެސް ގޮޅިއަކަށް ނުފެތޭ ބޭފުޅުންނެވެ. ސަރުކާރަށް މާގިނަ ދުވަސް ނުވިޔަސް ބައެއް ވަޒީރުންގެ ކިބައިން ފެންނަ ކަންކަމާ ހެދި މިހާރު އޮތީ ބަހުސެއް އުފެދިފަ އެވެ. ވަޒީރުކަމަށް ރަނގަޅީ ސިޔާސީ ބޭފުޅުން ހެއްޔެވެ؟ ނުވަތަ ފަންނީ ބޭފުޅުން ހެއްޔެވެ؟

މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަކީ އާބަން ޑިވެލޮޕްމަންޓުގެ ދާއިރާގައި ރާއްޖޭގައި މިހާރު ހުންނެވި އެންމެ ފަންނީ، އެންމެ ތައުލީމީ އެކެކެވެ. ނަމަވެސް، އޭނާއާ މެދު ބައެއް އާއްމުންގެ ހިތުގައި ވަނީ ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ. އިދިކޮޅު އެމްޑީޕީ އޮތީ ހިތްހަމަނުޖެހިފަ އެވެ. ސަބަބަކީ ކުރީ ސަރުކާރުން ހިންގި ބޯހިޔާހިކަމުގެ މަޝްރޫއާ މެދު ހައިދަރު ގެންގުޅުއްވާ ސިޔާސަތެވެ. އެކަމާ ބެހޭގޮތުން ހައިދަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތަކުން އާއްމުންނަށް ފާހަގަވީ، ކަމުގެ ތެރެއަށް ވެންނެވިފައި ނެތް ކަމެވެ.

ހައިދަރު ތިން ފަހަރު ވާހަކަ ދެއްކެވީ ތިން ގޮތަކަށެވެ. މަޝްރޫއުގެ ބައެއް މައުލޫމާތު އޮޅުން ފިލުއްވީ ނޫސްވެރިންގެ ކިބައިންނެވެ. އެންމެ ބޮޑަށް ފާހަގަކުރެއްވުނީ، ގިނަ ބަޔަކާ ގުޅުން ހުރި އަދި ސަރުކާރަށް ބޮޑު ޑެމޭޖެއް ކުރިމަތިވެދާނެ ފަދަ ކަމަކާ ކުރިމަތިލެވޭ ވަރުގެ ސިޔާސީ ގާބިލްކަން ނެތް ކަމެވެ.

ދެން އޮތީ އަނެއް ކޮޅެވެ. މި ސަރުކާރުން ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ހަމަޖެއްސި ޑރ. އަބްދުﷲ މުއްތަލިބަކީ، އެ ދާއިރާގެ ފަންނީ އަދި ތައުލީމީ ބޭފުޅެކެވެ. ސިޔާސީ ބޭފުޅަކަށް ނުވިޔަސް، ތިލަމާލެ ބްރިޖާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވީ އާއްމުންގެ އިހުސާސްތަކާ ނުކުޅެ، އިހުތިރާމާ އެކު އެވެ. ސިޔާސީ މައްސަލައަކަށް ވެފައިވާ އެ ބްރިޖުގެ ކަންކަން އޭނާ އޮޅުންފިލުއްވައިދެއްވީ ޑިޕްލޮމެޓިކް ކޮށެވެ.

ސިޔާސީ ގޮތުން ބުރަދަން ހުރި ވަޒީރުންގެ ތެރެއިން ފިޝަރީޒް މިނިސްޓަރީ އަށް ލެއްވި އަހުމަދު ޝިޔާމަކީ އެ ދާއިރާގެ ފަންނީ ބޭފުޅެއް ނޫނެވެ. ނަމަވެސް އޭނާ އަންނަނީ މަސްވެރިކަމުގެ ދާއިރާ އިން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމުގައި ބޮޑު ކާމިޔާބެއް ހޯއްދަވަމުންނެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަކީ ދާއިރާގެ ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާއާ މެދު ދާއިރާގެ މާބޮޑު އިތުބާރެއް ވެސް ނެތް ކަމަށް ވެ އެވެ.

އެހެންކަމުން މިކަމުން އެނގެނީ، ގާބިލްވަނީ ހަމައެކަނި، ތައުލީމާއި، ތަޖުރިބާއަކުން ނޫން ކަމެވެ. އަދި ސިޔާސީ ގޮތުން ވެސް ނޫން ކަމެވެ.

"ވަޒީރުކަމަށް ގާބިލްވާން ކޮންމެހެން ތައުލީމީ ނޫނީ ފަންނީ މީހަކަށް ވާކަށް ވެސް ނުޖެހެޔޭ. އަދި ސިޔާސީ މީހަކަށް ވެސް ވާކަށް ނުޖެހޭ. ހުރިހާ ކަމެއް ވެސް މި ބިނާ ވަނީ އެ މީހެއްގެ ކިބައިގައި ހުރި ލީޑާޝިޕް ކޮލިޓީއަކަށް،" ތަޖުރިބާކާރަކު ހިޔާލުފާޅުކުރި އެވެ.

ޕާޓީ ސިސްޓަމްގެ މަފުހޫމާއި ގާބިލްކަން ކަނޑައަޅާނެ މިންގަނޑު

ނަމަވެސް ގިނަ ފަހަރަށް އެ ލީޑާޝިޕަށް ވުރެ ބެލެނީ ޕާޓީ ލައިނަކަށެވެ. ޕީއެންސީ/ ޕީޕީއެމްގެ އެންމެ އިސް ލީޑަރަކަށް މީގެ ކުރިން ހުންނެވި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޓީމުގެ ފާޑުކިޔުން ވެސް ސަރުކާރަށް ހަފުތާއެއްވުމާއެކު އަމާޒުވި އެއް ކަމަކީ ވެސް ޕާޓީ ލައިނަށް އިސްކަން ނުދޭ ވާހަކަ އެވެ.

ކުރީގެ ރައީސް ޔާމީނާއެކު ޕީޕީއެމް ދޫކޮށްލެއްވި، އެ ޕާޓީގެ ފުރަތަމަ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލުގެ ނުކުތާއަކީ އެއީ އެވެ. ކެބިނެޓަކީ ރައީސުލްހުމްހޫރިއްޔާގެ ހައްގަކަށް ވިޔަސް، އެ ހައްގާއި ޒިންމާ އަދާ ކުރުމުގައި އަމާނާތްރިވާން ޖެހޭ ކަންކަން ވެސް ހުންނާނެ އެވެ. ހާއްސަކޮށް އިންތިހާބުގައި ތަމްސީލު ކުރި ސިޔާސީ ޕާޓީގެ ލައިނަށް އިހުތިރާމު ކުރަން ވާނެ ކަމަކަށެވެ.

"ފުރަތަމަ ކަމަކަށް ޕާޓީގެ އިސް ލީޑަރު، ގިނަ ރައްޔިތުންގެ ތާއީދާއި ލޯބި އޮތް، ރައީސް ޔާމީންގެ ވެސް މަޝްވަރާއާއި ލަފައެއް ނުހޯދާ، ރައީސް ޔާމީނަށް ލިބެމުން އައި އެއް ޝަކުވާއަކީ ވެސް ޕާޓީ ލައިންގެ ބަޔަކު ބާކީވުން، އަޅުގަނޑުމެން ނުވެސް ދަންނަ ބަޔަކު އެ ތިބީ ކެބިނެޓުގައި،" ހޯމް މިނިސްޓަރު ކަމާއި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެެއްވި ޖަމީލު "އަދަދު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ރައީސްގެ ތަސައްވުރުގައި ސިޔާސީ ކެބިނެޓެއްގެ ބަދަލުގައި ފަންނީ ކެބިނެޓު

ސަރުކާރަކުން ވަޒީރުންގެ މަޖިލީހެއް އެކުލަވާލާއިރު ސިޔާސީގޮތުން ވަރުގަދަ ބޭފުޅުންނަށް އިސްކަން ދިނުމަކީ މުހިންމު ކަމެއްތޯ "އަދަދު" އިން ކުރި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒު އައްޔަންކުރި ވަޒީރުންނަކީ މަޝްވަރާތަކަށްފަހު އެކުލަވާލި ތަސައްވުރަށް ބިނާކޮށް އައްޔަންކުރި ބޭފުޅުން ކަމަށެވެ. އެ ތަސްއްވުރު ހާސިލް ކުރުމަށް މަސައްކަތް ކުރައްވާނީ ކިހިނެއްތޯ ނުވަތަ އައްޔަންކުރާނީ ގިނައިން ސިޔާސީ ބޭފުޅުންތޯ ނުވަތަ ފަންނީ ބޭފުޅުންތޯ ކަނޑައަޅުއްވާނީ ރައީސްކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުގަ ސިޔާސީ ބޭފުޅުން ތިއްބެވިނަމަ ސުވާލު ކުރާނެ ކިހިނެއްހޭ ރައްޔިތުންނަށް ހިދުމަތް ދޭނީ؟ ހުސް ސިޔާސީ ބޭފުޅުންނޭ ތިއްބެވީ! ރައީސް އެކުލަވާލިވަރަށް ވަރުގަދަ ކެބިނެޓެއް. ތަފާތު އެކި ދާއިރާތަކުން ފަންނީ ގޮތުން ވަރަށް ވަރުގަދަ ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ތިއްބެވި ކެބިނެޓެއް. ސިޔާސީ ގޮތުން އެންމެ އަޑު މަޑު ބޭފުޅާ ވެދާނެ އެންމެ ރަނގަޅަށް މަސައްކަތް ކުރައްވާ ބޭފުޅާއަށް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ވުޒާރާތަކުގެ މަސައްކަތް ފެއިލްވެއްޖެނަމަ އެކަމުގެ ނަން ލިބިލައްވާނީ ރައީސަށް ކަމަށެވެ. އެހެންކަމުން، ވަޒީރުންގެ ގޮތުގައި ވަކި ދާއިރާއަކަށް ސިޔާސީ ބޭފުޅުން ނުވަތަ ވަކި ދާއިރާއަކަށް ފަންނީ ބޭފުޅުން އައްޔަން ކުރައްވާނީ، ރައީސަށް އެ ދާއިރާއަކަށް އެންމެ އެކަށީގެންވަނީ ކޮން ކަހަލަ ބޭފުޅެއްކަމާ މެދު ވިސްނުމަށް ފަހު ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މިދާއިރާއިން ވައުދު ފުއްދުމަށް ބޭނުންވާނީ ފަންނީ ބޭފުޅެކޭ ނޫނީ ސިޔާސީ ބޭފުޅެކޭ، ރައްޔިތުންނަށް އެންމެ ފަސޭހަ ހިދުމަތެއް ދެވޭނީ މި ދާއިރާއަށް ސިޔާސީ ބޭފުޅެއް އައްޔަން ކޮށްގެން ނޫނީ ފަންނީ ބޭފުޅެއް އައްޔަން ކުރީމަ،" ޝިޔާމް ވިދާޅުވި އެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުގެ މި ތަސައްވުރާއި މި ނިންމެވުމާ އާންމުންގެ ތެރެއިން ގިނަ ބަޔަކުވެސް ދެކޮޅުކަން މިވީ ދުވަސްތަކުގެ ތެރޭގައި ހާމަވި އެވެ. ހާއްސަކޮށް ސިޔާސީ ފަސްމަންޒަރު ނެތް ވަޒީރުންގެ ޖަވާބު ދެއްވުމާއި މައުލޫމާތު ހިއްސާ ކުރުމުގައި މިނިސްޓަރެއްގެ ކިބައިގައި ހުންނަން ޖެހޭ ފެންވަރާއި ހަރުދަނާކަން ނެތްކަން ފެނިފައިވެ އެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ ކުރީގެ ޗެއާ އަދި މިހާރު ޑިމޮކްރެޓްސްގެ ލީޑަރު ކަމަށް ވާދަ ކުރައްވާ ހުސެއިން އަމްރު "އަދަދު" އަށް ވިދާޅުވީ މިނިސްޓްރީގެ މަސައްކަތްތައް ކުރުމަށް އަބަދުވެސް ފަންނީ މުވައްޒަފުން ތިއްބަވާ ކަމަށެވެ. އެހެންކަމުން، މިނިސްޓަރުކަމަށް ފަންނީ ބޭފުޅަކު އައްޔަން ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އަމްރު ވަނީ މިނިސްޓަރުކަމަށް ސިޔާސީ ބޭފުޅުން އައްޔަންކުރުމުގެ ބޭނުން ހިއްސާ ކުރައްވާފަ އެވެ. އަމްރު ވިދާޅުވާ ގޮތުގައި މިނިސްޓަރުންނަކީ ސަރުކާރުގެ ސިޔާސަތުތައް ހިފައިގެން އާންމުން ތެރެއަށް ނުކުމެ، އާންމުންގެ ތެރެއަށް ގޮސް އެ ސިޔާސަތުތައް "ވިއްކުމަށް" މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅުންނެވެ. އެހެންކަމުން އެ ބޭފުޅުން ވާން ވާނީ ސަރުކާރާއި ރައްޔިތުންނާ ގުޅުވައިދޭ، އެކުގައި މަސައްކަތް ކުރެވޭ ވަރުގެ ބޭފުޅުންނަށް ކަމަށް ވިދާޅުވި އެވެ.

"ފަންނީ މީހުން ދޭ ލަފާ އާއި ސިޔާސަތުތައް ހިފައިގެން، އާންމުންނަށް އެ ސިޔާސަތުތައް ކިޔައިދީ، ރައްޔިތުން އެ ގަބޫލުކުރާނެ ފަދަ ގޮތަކަށް އެ ކަންކަން ކިޔައިދޭން ތިބޭ ބައެއް މިނިސްޓަރުންނަކީ،" އަމްރު ވިދާޅުވި އެވެ.

ވަޒީރުންނަކީ ވުޒާރާގެ އެންމެ ޓެކްނިކަލް މަސައްކަތްތައް ކުރައްްވަން ޖެހިވަޑައިގަންނަވާ ބައެއް ނޫނެވެ. އެބޭފުޅުންގެ މައިގަނޑު އެއް ކަމަކީ މުހިއްމު ވަގުތުތަކުގައި ރަނގަޅު ނިންމެވުންތައް ނިންމެވުމާއި ރައްޔިތުންނަށް ހެޔޮ ގޮތުގައި ޖަވާބުދާރީ ވެވަޑަައިގެންނެވުމެވެ.

ސިޔާސީ މަސައްކަތަކީ ވެސް ފަންނެކެވެ. ސިޔާސީ ތަޖުރިބާ ނެތް ނަމަވެސް ގައުމުގެ ހާލަތާއި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތާއީ، ރައްޔިތުންގެ ކަންބޮޑުވުންތައް އެނގި ދަނެގެން، ސިޔާސަތުތައް ސާފުކޮށްދެވެން ވާނެ އެވެ.

އެހެންކަމުން މިއީ ނިމުން ނެތް ބަހުސެކެވެ. ކޮންމެ ކެބިނެޓަކާ އެކު އާއްމުންގެ ހިތްހަމަޖެހުންތައް އަންނާނެ އެވެ. އެއީ ސިޔާސީ މީހެއް ކަމަށް ބުނެ އެވެ. އެއްވެސް ތައުލީމެއް، ތަޖުރިބާއެއް ވެސް ނެތް ކަމަށް ބުނެ އެވެ. ނޫނީ އެއީ ފަންނީ މީހަކަށް ވިޔަސް ސިޔާސީ ބުރަދަން ނެތް މީހެއް ކަމަށް ބުނެ އެވެ. ނުވަތަ އެވެނި މީހަކަށް ވަޒީރުކަން ދިނީ ޕާޓީގައި މަސައްކަތްކުރީމާ ކަމަށް ބުނެ އެވެ. އެކަމަށް ކޮންމެ ރައީސަކު ވެސް ދެއްވާ ޖަވާބަކީ، މުހިއްމު ނަތީޖާ ނެރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox