މިނިސްޓަރުގެ ވާހަކަ ދެފަހަރު ދެގޮތަށް، ފްލެޓާއި ގޯއްޗަށް ވާގޮތެއް ނޭނގޭ!

ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ކުރީގެ ސަރުކާރުން ހިންގި ސްކީމްތަކުން ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނަށް ގޯއްޗާއި ފްލެޓް ލިބޭނެތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލުގެ ޖަވާބު ހޯއްދަވަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާ އިއްޔެ ތަކުރާރުކޮށް ސުވާލު ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ކުރެއްވި އެ ސުވާލުތަކަށް މިނިސްޓަރު ދެ ގޮތަކަށް ޖަވާބު ދެއްވި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުންގެ ސުވާލުތަކަށް ހުޅުވައިލުމުގެ ކުރިން މިނިސްޓަރަަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ދެއްކެވި ވާހަކަ ނިންމަވައިލައްވަމުން ވަރަށް ސާފުކޮށް ވިދާޅުވީ "ހަވާލުކޮށްފައިވާ އެެއްވެސް ބިމެއް ނުވަތަ ފްލެޓެއް އަތުލުމުގެ ވިސްނުމެއް މިސަރުކާރުން ނުގެންގުޅޭނެ" ކަމަށެވެ.

"އެއީ [ރިޔާސީ އިންތިހާބުގެ] ކެމްޕެއިނުގެ ތެރޭގައި ވެސް އަޅުގަނޑުމެންގެ [އޭރުގެ] ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވި އުސޫލެއް އިނގޭތޯ، ކޮށްދެއްވާފައިވާ ވައުދެއް،" އެހެންވީމާ އެގޮތަށް އެކަންތައް ކުރިއަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ޔަގީންކަން ދެއްވުމަށް ފަހުގައި އޭނާ ވިދާޅުވީ "އެހެން ނަމަވެސް ގެދޮރުވެރިޔާ ސްކީމަށް 7،000 ޝަކުވާ ލިބިފައި އެބަ އޮތް" ކަމަށެވެ. އެކަން ފާހަގަކޮށް، އެ މަސައްކަތް (ފްލެޓް ދޫކުރުމުގެ މަސައްކަތް) ހުއްޓައިލަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަކީ އޭސީސީގެ އެންގުމަަށް ހުއްޓާލައިފައި ވާ ކަމަކަށް ވާތީ އަލުން ފެށުމަށް ޓަކައި އޭސީސީގެ މެމްބަރުންނާ އެކު ބައްދަލުވުމެއް ވެސް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ކޮމިޝަނުން އެދުނީ ގެދޮރުވެރިޔާ ސްކީމްގެ ހުރިހާ މަސައްކަތްތަކެއް އޭސީސީއަށް ބެލޭ ގޮތަށް ޕޯޓަލްގެ އެކްސެސް ދޭން ކަމަށާއި އެކަން އެގޮތަށް ކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އެހެން ވިދާޅުވުމުން ދިއްގަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިކްރާމް ހަސަން ކުރެއްވި ސުވާލުގައި އެއްސެވީ "ފްލެޓެއް ނުވަތަ ގޯއްޗެއް ލިބިފައިވާ އެއްވެސް ބޭފުޅަކު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފާނެތޯ," އެވެ.

އެ ސުވާލުގެ ޖަވާބުގައި ހައިދަރު ވިދާޅުވީ ފްލެޓް ދޫކުރުމުގެ ކަންތަކުގައި އަމަލުކުރާނީ އޭސީސީން އަންގާ ގޮތަކަށް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަކަށް ނޭނގޭ، އެ ޕޯޓަލް [ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅައި، މައުލޫމާތު އާއްމުކުރާ ޕޯޓަލް] ގެ ތެރެއިން މިސާލަކަށް ބަޔަކަށް ޝަރުތުހަމަވޭތޯ ނޫންތޯ އޮންނަ އޮތުމަށް ބަދަލެއް އަތުވެދާނެ ކަމެއް ނޫން ކަމެއް،" ހައިދަރު ވިދާޅުވި އެވެ.

މިނިސްޓަރު އެވިދާޅުވި ގޮތުން، އޭސީސީން މައްސަލަ ބެލުމަށް ފަހު، މިހާރު ޝަރުތު ހަމަވާ ކަމަށް ޕޯޓަލުން ޝަރުތު ހަމަވާ ކަމަށް ފެންނަ މީހަކު، ޝަރުތު ހަމަނުވާ ގޮތަށް ބަދަލުނުވާނެކަން ނުވަތަ ޝަރުތު ހަމަނުވާ ކަމަށް އޮތް މީހެއްގެ ޝަރުތު ހަމަވެދާނެކަން އެެއީ އެނގިވަޑައިގަންނަވާ ކަމެއް ނޫނެވެ.

އެއާ އެކުގައި ވެސް އޭނާ ވިދާޅުވީ މިހާރު ދޫކޮށްފައި ހުރި ފްލެޓްތަކާއި ބިންތައް އެގޮތަށް ދޫކުރާނެކަން އެއީ އޭނާއަށް ކަށަވަރުކުރެއްވިދާނެ ކަމެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑަށް ކަށަވަރުކުރެވޭނީ މިހާރު ދޫކޮށްފައި ހުރި ފްލެޓްތައް އެގޮތަށް ދޫކުރާނެ ކަމާއި މިހާރު ދޫކޮށްފައި ހުރި ބިންތައް ދޫކުރާނެކަން އިނގޭތޯ. އެހެންވީމާ އެހުރި ގޮތަށް ހުންނާނެ ކަމާ އެއްވެސް އެއްޗެއް ނާތުލާނެކަމާ، އެ ޔަގީންކަން އަޅުގަނޑު ދެމޭ،" ހައިދަރު ވިދާޅުވި އެވެ.

ގޯތި އެހެން ރަށަކަށް ބަދަލެއް ނުވާނެ، އޮތް ތަން ބަދަލުވެދާނެ

ގުޅިފަޅާއި ގިރާވަރު ފަޅުން ދޫކޮށްފައިވާ ގޯތިތައް ކަނޑާފައި ހުރީ ރަނގަޅު ލޭންޑްޔޫޒް ޕްލޭނެއް ނެތި ކަމަށާއި އެތަންތަން އަލުން ޕްލޭން ކުރާ އިރު ގޯތިތައް ހުރި ތަންތަން ބަދަލުވެދާނެ ކަމަށް ކުރިން ބޭއްވި ނޫސްކޮންފަރެންސެއްގައި ހައިދަރު ވިދާޅުވި އެެވެ.

އެއާ އެކު އާއްމުންގެ ކަންބޮޑުވުމަކަށްވީ ކުރިން ގޯތި ލިބެން އޮތް ރަށް ނޫން އެހެން ރަށަކަށް ބަދަލުވެދާނެތީ އެވެ.

ކޮމިޓީގައި އޭނާ ވިދާޅުވީ އެގޮތަށް ބަދަލުނުވާނެ ކަމަށާއި އެހެން ނަމަވެސް ގޯތި އޮތް ރަށުގެ އެހެން ތަނަކަށް ގޯތި ބަދަލުވެދާނެ ކަމަށެވެ.

"އެކަމާ ކަންބޮޑުވަންޏާ އެއީ މާބޮޑު އަސާސެއް އޮވެގެން ކަންބޮޑުވާ ކަންބޮޑުވުމެއް ހެނެއް އަޅުގަނޑަކަށް ހިއެއް ނުވޭ،" ހައިދަރު ވިިދާޅުވި އެވެ.

އޭސީސީގެ ތަހުގީގު ނިމޭނެ އިރެއް ނޭނގޭ

ފްލެޓާއި ގޯތީގެ ކަންތައް އޭސީސީން ހުއްޓުވާފައި ބޭއްުވުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އިއްޔެގެ ކޮމިޓީގައި ގިނަ މެމްބަރުން ވިދާޅުވި އެވެ. އެ މެމްބަރުން ހަވާލާދެއްވީ ސުޕްރީމް ކޯޓުގެ ނިންމުމަކާ އެވެ.

އެ ކަންބޮޑުވުންތަކަށް މިނިސްޓަރު ދެއްވި ޖަވާބަކީ އޭސީސީގެ އެންގުމާ އެއްގޮތަށް މަސައްކަތް ހުއްޓައިލީ މި ސަރުކާރުން ނޫން ކަމަށާއި އެއީ ކުރީ ސަރުކާރުގެ ނިންމެއް ކަމަށެެވެ. އެހެން ނަމަވެސް އޭސީސީގެ އެންގުން އެގޮތަށް އޮއްވައި ކުރިއަށް ނުގެންދާނެ ކަން މިނިސްޓަރުގެ ވާހަކައިން އެނގުނެވެ.

އެހެންވެ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ސުވާލުކުރެއްވީ މައްސަލަ ނިމެން ކިހާ ދުވަހެއް ހޭދަވާނެ ތޯ އެވެ. އޭސީސީއާ މަތިކޮށް ސަރުކާރަށް ނުތިބެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ރައްޔިތުންނަށް މިވާ ގޮތަކީ، މުއިއްޒުގެ [ބައިވެރިވުން އޮތް] ކުރީގެ ސަރުކާރެއްގައި ގުޅީފަޅުން ދީފައި ހުރި އެއްޗިހިތައް ބާތިލުކުރީ، އެހެންވީމާ މީގައި ވަރަށް ބޮޑަށް ކަންބޮޑުވުންތައް އެބަ އޮތް،" ބޮންޑޭ ވިދާޅުވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެކަމުގައި އޭސީސީއާ ވާހަކަ ދެއްކުމުން، ފުރަތަމަ މަރުހަލާގެ ތަހުގީގު 20 ދުވަހުގެ ތެރޭގަައި ނިމޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އޭސީސީއާ މަޝްވަރާކޮށްގެން، އޭސީސީން ވިދާޅުވަނީ 20 ދުވަހުގެ ތެރޭގައި ސްޓޭޖް ވަންގެ ތަހުގީގުތައް ނިމޭނޭ. އެހެން ނަމަވެސް [އެކޮމިޝަނުން] ވިދާޅުވި ޖިނާއީ ތަހުގީގެއް ކަމަަށް ވާތީ ހެކީގެ ސައްހަކަން ކަށަވަރުކުރުމަށް ޓަކައި މި ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން މިކޮމިޝަނުންދޭ އެެކްސެސް ފިޔަވައި ހުރިހާ ފަރާތަކުން އެކްސެސް ކަނޑައިލަން ވާނޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭސީސީން ޖިނާއީ ތަހުގީގެއް ހިންގާ ނަމަ، މައްސަލަ ނިމެން ގިނަ ދުވަސްތަކެެއް ނަގައިފާނެ، "އެހެންވީމާ އަޅުގަނޑު އޮޅުން ފިލުވާނަން އޭސީސީން ކިހާ ދުވަހެއްތޯ ނަގާނީ ޖިނާއީ ތަހުގީގަށް،" ހައިދަރު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީގައި ބައެއް މެމްބަރުން ވިދާޅުވީ ފްލެޓްގެ ދާއިމީ ލިސްޓް އިއުލާނުކުރީ އޭސީސީއަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދީފައި ކަމަށް ކުރީގެ ސަރުކާރުން ބުނެފައިވާ ކަމަށެވެ. އޭސީސީއަށް އެ މަރުހަލާ ހުއްޓުވާފައި ނުބޭއްވޭނެ ކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox