އެޓާނީ ޖެނެރަލް އަހުމަދު އުޝާމް، (ޖުޑީޝަލް ސާވިސް ކޮމިޝަން) ގެ މެންބަރު ކަމުގެ މަގާމަށް ރަސްމީކޮށް އައްޔަނުކޮށްފި އެވެ.
ރައީސް އޮފީހުގައި އެ ކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މަގާމުގެ ހުވާ އުޝާމަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
އެ ރަސްމިއްޔާތުގައި ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުޝާމަށް ހަވާލުކޮށްދެއްވައިފަ އެވެ.
އެޓާނީ ޖެނެރަލްގެ މަގާމަށް ހަވާލުވެވަޑައިގަތުމުގެ ކުރިން އުޝާމް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގަ އެވެ. އޭނާ ވަނީ މީގެ ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމާއި މަގާމުގެ ކުރިއެރުންތައް ދިނުމުގެ ބާރުތަކާ އެކު އޮންނަ މުއައްސަސާ އެވެ. އެ ކޮމިޝަނުގެ އެކުލެވުން އޮންނަ ގޮތް ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގަ އެވެ.

ޖޭއެސްސީގައި ތިބެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓު ފަނޑިޔާރަކާއި ދަށު ކޯޓު ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް އުޝާމް ހަވާލުވެވަޑައިގެންނެވިއިރު، އެ ކޮމިޝަނުގެ އެކުލެވުން ބަދަލު ކުރަން ޖެހޭ ކަމަށް މީގެ ކުރިން އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅަކީ ވެސް އުޝާމެވެ.












