ވެރިކަމުގެ ހައިބަތު ނަގަހައްޓައިދިނުން

ވެރިކަމުގެ ހައިބަތު ނަގަހައްޓައިދިނުން

މިއަދަކީ ކުރިޔަށް އޮތް ފަސް އަހަރު ދުވަހަށް ދިވެހިންގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ، ދިވެހި ރައްޔިތުން އެމަގާމަށް އިންތިހާބުކޮށްފައިވާ ޑރ މުހައްމަދު މުއިއްޒު އަދާކުރައްވާ ދުވަހެވެ. އެހެންކަމާއެކު އެމަނިކުފާނަށާއި ދިވެހި އެންމެހާ ރައްޔިތުންނަށް ހެޔޮ އެދުމާއި ތަހާނީ ދަންނަވަމުން މިފުރުސަތުގެ ބޭނުން ހިފަން ގަސްދުކުރަނީ، މި މުނާސަބަތާ ގުޅޭ ދިމާއަކަށް ފިކުރު ހިންގާލުމުގެ މައްޗަށެވެ.

ފިކުރު ހިންގާލުމުގެ ދައުވަތު އަރުވަން ގަސްދުކުރަނީ ވެރިންނަށް ކިޔަމަންގަތުމުގެ ވާހަކައަށެވެ. ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަކީ އާންމު ފަރުދުންގެ މައްޗަށް ލާޒިމުކޮށްފައި އޮންނަ ކަމެއްގެ ގޮތުގައި އިސްލާމްދީން އެކަން ގެނެސްދިނީ، ސަބަބުތަކެއް ހުރެގެންނެވެ. ދީނުގެ އިލްމުވެރިން އިހުއްސުރެ އެއްބަސްވެ ވިދާޅުވަމުން ގެންދަވަނީ، ޖަމާއަތަކާ ނުލައި ދީނެއް ނުނެގެހެއްޓޭނެކަމަށެވެ. އަދި ޖަމާއަތެއްގައި ވެރިޔަކު ނެތި ޖަމާއަތެއް އޭގެ ގޮތުގައި ނުއޮންނާނެކަމަށެވެ. ވެރިކަމަކީ އެއަށް ކިޔަމަންވާނެ ބަޔަކު ނެތި އޮންނާނެ ކަމެއް ނޫންކަމަށެވެ. މިކަން މިހެން އޮތުމާއެކު ވެރިންނަށް ކިޔަމަންގަތުމަކީ، އަހުލުއްސުންނަތި ވަލްޖަމާއަތުގެ އަގީދާގެ މައިގަނޑު އުސޫލެއްގެ ގޮތުގައި ކަނޑައެޅިފައިވެ އެވެ.

މިފަހަކަށް އައިސް މިރާއްޖޭގައި ވަރަށް ބޮޑަށް ދިރުވާއާލާކުރެވެމުން ގޮސްފައިވަނީ، ފާފައެއްގައި ނުވަތަ ނުބައިކަމެއްގައި ވެރިންނަށް ކިޔަމަންގަތުމެއް ނެތްކަމަށް ބުނެވޭ ދެންނެވުނު އުސޫލަށް ދީނުގައި ކަނޑައަޅުއްވާފައިވާ އިސްތިސްނާއެވެ. ވެރިޔަކުނަމަ ފާފައެއް ނޫނީ ނުކުރާނެ ކަހަލައެވެ. އަޅުގަނޑުގެ ނަޒަރުގައި ކުރިއަރުވާ އާލާކޮށް ދިރުވައި، މީހުން ހޭލުންތެރިކުރަންވާނީ އާންމު އުސޫލަށެވެ. އެ އުސޫލަށް އޮންނަ ހާއްސަ އިސްތިސްނާ އެއީ އާންމު އުސޫލުކަމުގައި ރައްޔިތުންނަށް ހީވާ ހިސާބަށް އިސްތިސްނާއާމެދު ހޭލުންތެރިކުރުވަންވެއްޖެނަމަ، ވާނެ ގޮތް ރާއްޖެއިން މިހާރު މިދަނީ ފެންނަމުންނެވެ.

ވެރިންނަށް ކިޔަމަންގަތުމެއް ނެތްތާނގައި ވެރިންނަކީ އެއްވެސް އިހުތިރާމެއް ވެސް އަދާކުރަންނުޖެހޭ ބައެއްގެ ގޮތުގައި ދިވެހިންގެ ޖީލެއް ތަރުބިއްޔަތުވެ ނިމެމުންދަނީ އެވެ. ހިޔާލުފާޅުކުރުމުގެ ނަމުގައި، ވެރިންނާ ބެހޭ ގޮތުން ކޮންމެ ދޮގެއް ވެސް ހަދައި އާންމުކުރަނީ އެވެ. ކޮންމެ އިލްޒާމެއް ތުހުމަތެއް ވެރިންނާބެހޭ ގޮތުން ފަތުރަނީ އެވެ. އޭގެ ނަތީޖާއަކަށް ވަނީ ވެރިކަމުގެ ހައިބަތާއި ގަދަރު ކުޑަތަންވަމުންދިއުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި އޭގެ ނަތީޖާއަކަށް ވަނީ، އެއްވެސް މީހަކު ޖެހިލުންވާންޖެހޭ ކަމެއް ނެތުމާއި ހަމަޔެއްލަމައެއް ނެތުން އާންމުވަމުންދިއުމެވެ. މަގުމަގުގައި މީހުން ހިނގާ ބިނގާވެ ދުއްވާ އެއްޗެހި ދުއްވާ ޕާކްކުރުމާ ހަމައިން މިހާރު ފެންނަމުން އެދަނީ މިމަންޒަރުގެ ކުޑަ މިންވަރެކެވެ.

ވެރިންނަށް ކިޔަމަން ގަތުން ގުޅެނީ ޖަމާއަތުގެ ވަރުގަދަކަމާއި ބަދަހިކަމާ އެވެ. ދައުލަތެއްގެ ކުރިއެރުން އެ ގައުމެއްގެ ވެރިކަމުގެ ނިޒާމަށް ބަޔަކު ނުކުރާ އިހުތިރާމެއްގެ މައްޗަށް ދެމިނުއޮންނާނެއެވެ. ވެރިޔަކު ނުވަތަ ވެރިކަން ކުރާން ތިބޭ ޖަމާއަތުން ކުރާ ހަމަ ކޮންމެ ކަމަކަށް ގައުމުގެ ދެބައިކުޅަ އެއްބައި މީހުން ނުކުމެ އިހުތިޖާޖުކޮށް މުޒާހަރާކޮށްގެން ގައުމަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ. އެކަމަކު ވޭތުވެގެން މިދާ ވިއްސަކަށް އަހަރުގެ ތެރޭގައި ގައުމުގެ ބޮޑުންކަމުގައި ތިބި ގިނަ މީހުން ރައްޔިތުންނަށް ދަސްކޮށްދެމުން ގޮސްފައިވަނީ މިފަދަ ފިލާވަޅެއްކަމުގައި އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އަދި އެވާހަކަ މިދަންނަވަނީ ހިތާމަޔާވެސް އެކުގައެވެ.

ނިސާއު ސޫރަތުގެ 59 ވަނަ އާޔަތަށް ނަޒަރެއްދެމާތޯ އެވެ! "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އަށާއި، ރަސޫލާއަށް އެކަމެއް ރައްދުކުރާށެވެ! ތިޔަބައިމީހުން، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ."

ވެރިންނަށް ކިޔަމަންގަތުމަކީ ކޮންފަދަ ބޮޑު މުހިންމު ފަލްސަފާއެއްކަން މިއާޔަތުގެ ފެށުމާއި ނިމުމަށް ނިކަން ރަނގަޅަށް ކަނުލައި ފިކުރުހިންގާލަނިކޮށް ސާފުވާނެއެވެ. އެހެނީ ވެރިންނަށް ކިޔަމަންވުމަށް އަމުރުކުރައްވާފައިވަނީ، އާދައިގެ ގޮތަކަށް ނޫނެވެ. އާޔަތުގައި ދެފަހަރު "ކިޔަމަންގަންނާށޭ" މި ލަފުޒު ތަކުރާރުކުރައްވާފައި އެބަވެ އެވެ. އެއްފަހަރު މާތް ﷲ އަށް ކިޔަމަންތެރިވުމަށް ހާއްސަކުރައްވާ ﷲ އަށް ކިޔަމަންތެރިވުމަށް އެންގެވުމުގަ އެވެ. ރަސޫލާއަށް ކިޔަމަންތެރިވުމާއި ވެރިންނަށް ކިޔަމަންތެރިވުމަށް އެންގެވުމުގައި، ދެވަނަ ފަހަރަށް އެ ލަފުޒު ތަކުރާރުކުރައްވާފައިވާއިރު، މާތް ނަބިއްޔާއަށް ކިޔަމަންތެރިވުމުގެ އަމުރުފުޅުގެ ތެރެއަށް ވެރިންނަށް ކިޔަމަންތެރިވުމުގެ ބައި ލައްވަވާފައި އޮތުމުން ކަމަކީ އާދައިގެ ކަމެއް ނޫންކަން ރަނގަޅަށް ދޭހަކޮށްދެ އެވެ.

އެއަށްފަހު އެއަންގަވަނީއެވެ. "...ތިޔަބައިމީހުން، ﷲއަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ." މިހެންނެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ. މުއުމިނެއްގެ އީމާންކަން އޮންނަނީ އީމާންކަމުގެ ރުކުންތަކަށް ފުރިހަމައަށް އިހްލާސްތެރިވެހުންނަހާ ހިނދަކުގަ އެވެ. ﷲ އަށް އީމާންވުމަކީ އީމާންކަމުގެ ފުރަތަމަ ރުކުނެވެ. އާޚިރަތް ދުވަހަށް އީމާންވުމަކީ ﷲ އަށް އީމާންވުމާއި ވަކިނުކުރެވޭނެހެން ގުޅިލާމެހިފައިވާ އަނެއް ރުކުނެވެ.

އަޅުގަނޑުވެސް އެއްބަހެވެ. އާޔަތުގައި އޮތް ވެރިންގެ މުރާދަކީ ދީނީ އިލްމުވެރިންކަމުގައި ބައެއް ތަފްސީރު އިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެކަމަކު މުއުތަބަރު ރައުޔުގައި އެޔަކީ އެޔަށްވުރެ ޝާމިލް މާނައެއް އޮތް ލަފުޒެކެވެ. އެއާޔަތް އޭގެ ކުރިޔަށް އޮތް އާޔަތާ އެކުގައި ކިޔުމުން، އާޔަތުގައި އޮތް ވެރިންގެ މާނައަކީ އިލްމުވެރިން ހިމެނޭހެން ކަމުވޮށިގެންވާ މީހުންކަމާއި ކަންކަމުގައި އިސްކުރެވިފައިވާ އަދި އިސްކަން ލިބިފައިވާ ވެރިން ހިމެނޭހެން އޮތް ލަފުޒެއްކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. ނިސާއު ސޫރަތުގެ 58 ވަނަ އާޔަތް ބައްލަވާށެވެ! "ހަމަކަށަވަރުން އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ހުކުމްކުރާނަމަ، އަދުލަށް ހުކުމްކުރުމަށްވެސް އަމުރުކުރައްވައެވެ. ހަމަކަށަވަރުން ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވައުޒު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

ވެރިންގެ ގޮތުގައި އެކަމަށް އެންމެ އެކަށޭނެ މީހަކު ހޮވުމާއި ކަނޑައެޅުން އަމާނާތް އޭގެ އަހުލުވެރިންނަށް ރައްދުކުރުމުގެ ތެރޭގައި ހިމެނެއެވެ. އަދި ވެރިންގެ ގޮތުގައި ތިބޭ މީހުން ރައްޔިތުންގެ ކަންކަމުގައި އަމާނާތްތެރިކަމާއެކު ވެރިކަން ހިންގުން ވެރިން ރައްޔިތުންނަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކުގެ ތެރޭގައި ހިމެނެއެވެ. އެއާޔަތުގައި ދެން އެއޮންނަނީ ހުކުމްކުރުމާއި ނިޔާކަނޑައެޅުމުގެ ވާހަކައެވެ. ވެރިންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ނިސާއު ސޫރަތުގެ 59 ވަނަ އާޔަތް އަންނަނީ މިއާޔަތަށް ފަހުގައެވެ.

އާދޭހެވެ! ފާފައަކަށްވާ ކަންކަމުގައި ވެރިންނަށް ކިޔަމަންގަތުމެއް ނެތެވެ. ކޮންމެފަދަ ފަސާދައެއް ވެރިމީހާ ގެނެޔަސް ވެރިންނަށް ސަނާކިޔާ ނަސޭހަތަކާ ނުލައި ވެރިންނަށް ބޯގުދުކޮށްގެން ތިބުމެއް އިސްލާމްދީނުގައި ނެތެވެ. އެކަމަކު ދީނީ މަފްހޫމްތަކުގެ އިސްތިސްނާތައް އެއީ ދިރިއުޅުން އެމައްޗަށް ބައްޓަންކުރަން އޮތް އާންމު އުސޫލެއް ނޫނެވެ. އާންމު އުސޫލަކީ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރަމުން، ޖަމާއަތުގެ ލާބަޔާއި މަސްލަހަތަށްޓަކައި ވެރިންނަށް އެއްބާރުލުންދެމުން ގެންދިއުމެވެ. ތަނުގައި ހަމަޔާއި އުސޫލު ހިފެހެއްޓުމަށް ވެރިކަމުގެ ހައިބަތު ނަގަހައްޓައިދިނުމެވެ.

އަދިވެސް އެއްފަހަރު އަޅުގަނޑުމެންގެ އައު ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ރައްޔިތުންނަށް މަރުހަބާއާ ތަހުނިޔާ ދަންނަވަމެވެ. އަޅުގަނޑުމެންގެ ގައުމަކީ އުފެއްދުންތެރި އަމިއްލަވަންތަ ގައުމެއްގެ ގޮތުގައި ހަށިފޮޅާލައި ދުނިޔޭގެ އުންމަތްތަކުގެ ކުރިމަތީގައި ބަޔަކުކަމުގައި ވެދިއުމަށް މާތް ﷲ ގެ ތަނަވަސް ވާގިފުޅާއި މިންވަރުފުޅުން އިރާދަކުރައްވާށިއެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox