ކިއުއެސް ވޯލްޑް ޔުނިވާސިޓީ ރޭންކިންގްއިން ވިލާ ކޮލެޖަށް ހަތަރު ތަރީގެ ރޭންކިންއެއް ލިބިއްޖެ އެވެ.
ވިލާ ކޮލެޖަށް ހަތަރު ތަރި ލިބުނީ ޖުމުލަ 60 ގައުމެއްގެ 600 ޔުނިވާސިޓީއެއްގެ ތެރެއިން އަށް ކެޓަގަރީއަކުން ހޮވިގެންނެވެ. އޯވަރޯލް ހަތަރު ތަރީގެ އިތުރުން އެ ކޮލެޖަށް ވަނީ ކިއުއެސް ސްޓާސްގެ ތިން ދާއިރާއަކުން ފަސް ތަރި ނުވަތަ އެންމެ މަތީ ދަރަޖަ އަދި ދެ ދާއިރާއަކުން ހަތަރު ތަރި ލިބިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އޮންލައިން ލާނިން - ފަސް ތަރި
- އެންވަރަމެންޓަލް އިމްޕެކްޓް - ފަސް ތަރި
- އެމްޕްލޯޔަބިލިޓީ - ފަސް ތަރި
- ޓީޗިން އެންޑް ލާނިން - ހަތަރު ތަރި
- އެކަޑަމިކް ޑިވެލޮޕްމެންޓް - ހަތަރު ތަރި
މި ކާމިޔާބީ އިއުލާނު ކުރުމުގެ ގޮތުން މިއަދު ވިލާ ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބް ވިދާޅުވީ، ކިއުއެސް ސްޓާގައި އެ ކޮލެޖުން ބައިވެރިވީ، ވިލާ ކޮލެޖުގެ ކޮލެޓީ ރަނގަޅު ކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.
އެގޮތުން މިއީ ރާއްޖޭގެ މަތީ ތައުލީމު ހާސިލްކުރާ އިންސްޓިޓިއުޓްއަކަށް މިފަދަ ބައިނައްލަގުވާމީ ރޭންކިން އެއް ލިބުނު ފުރަތަމަ ފަހަރަކަމަށް ޑރ. އަލީ ފާހަގަކުރެއްވި އެވެ. އަދި މިއީ ވިލާ ކޮލެޖަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމުގައި ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ފަދަ ކާމިޔާބީއެއް. ދިވެހިރާއްޖޭގެ ހަމައެކަނި ކޮލެޖުގެ ގޮތުގަ ވިލާ ކޮލެޖު ޓޮޕް ޔުނިވާސިޓީސްގެ ވެބްސައިޓްގަ ލިސްޓުކުރެވިގެން ދިއުމަކީ އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. ދިވެހިރާއްޖޭގެ މަތީ ތައުލީމަށް ލިބުނު ކާމިޔާބީއެއް،" ޑރ. އަލީ ފާހަގަކުރެއްވި އެވެ.
މި ކާމިޔާބީއަކީ ވިލާ ކޮލެޖުން ތައުލީމު ހާސިލް ކުރާ އަދި އަލަށް ކޮލެޖާއި ގުޅޭ ދަރިވަރުންނަށް ލިބިގެން ދާނެ ވަރަށް ބޮޑު ހިތްހަމޖެހުމެއްގެ ގޮތުގައި ވައިސް ރެކްޓާ ފާހަގަކުރެއްވި އެވެ. އެގޮތުން އޮންލައިންކޮށް ކޯސްތައް ފުރިހަމަކުރާ ދަރިވަރުންނަށް ލިބިގެންދަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަތީ ފެންވަރުގެ ތައުލީމު ކަމުގައި ޑރ. އަލީ ވިދާޅުވި އެވެ.
ކިއުއެސް ސްޓާ ރޭންކިން ސިސްޓަމަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޔުނިވާސިޓީތަކާއި ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ރޭންކް ކުރާ ސިސްޓަމެކެވެ. މި ސިސްޓަމުން ހަތަރު ތަރި ލިބެނީ އިންޓާނޭޝަނަލް ފެންވަރުގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހޯދައިދޭ އަދި މަތީ ފެންވަރުގައި ކިޔެވުމުގެ އެންމެހާ ހިދުމަތްތައް ފޯރުކޮށްދޭ އިންސްޓިޓިއުޓް ތަކަށެވެ.










