ރިޕޯޓުނަޝީދު: ކާމިޔާބާ ދޯޅު، އެކަމަކު ދައުރު ފުރިހަމަކުރުމުގައި ނާކާމިޔާބު

ނަޝީދު: ކާމިޔާބާ ދޯޅު، އެކަމަކު ދައުރު ފުރިހަމަކުރުމުގައި ނާކާމިޔާބު

ޖަލު ގޮޅީގައި އަދި އަމިއްލައަށް އަރުވާލައިގެން ކޮޅުނބާއި އިނގިރޭސިވިލާތުގައި ހޭދަކުރެއްވި ދުވަސްތަކުގެ ނަތީޖާއަކީ، ސިޔާސީ ހަޔާތުގައި ލިބިވަޑައިގެންނެވި ބޮޑެތި ކާމިޔާބީތަކެވެ. ނަމަވެސް، އެ ކާމިޔާބީތަކަށް ހިޔަނި އެޅެނީ ކާމިޔާބީ، ދައުރަކަށް ދައްމާނުލުވެނުނު ހިސާބުންނެވެ.

ނަޝީދު: ކާމިޔާބާ ދޯޅު، އެކަމަކު ދައުރު ފުރިހަމަކުރުމުގައި ނާކާމިޔާބު

ތޮށިގަނޑު ފަޅާލާފައި ނުކުންނަން 1980ގެ އަހަރުތަކުގެ ފަހުކޮޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ދިވެހި ނޫސްވެރިންނަށް ގޮވާލެއްވުމުން އެކަމަށް އެންމެ ފުރިހަމަ އިޖާބައެއް ދެއްވި އެކަކަކީ އޭރުގެ ޒުވާން ލިޔުންތެރިޔާ މުހައްމަދު ނަޝީދެވެ. އިނގިރޭސި ވިލާތުން މެރިޓައިމް ދާއިރާ އިން ކިޔަވާވިދާޅުވެގެން ސަރުކާރުގައި ވެސް ދުވަސްކޮޅަކު މަސައްކަތްކުރެއްވި ނަޝީދު 1990 ވަނަ އަހަރު، ސަރުކާރަށް ފާޑުކިޔައި ނެރުނު "ސަންގު" އަދި "ހުކުރު" ގައި ގިނަ ލިޔުންތަކެއް ލިޔުއްވި އެވެ.

ނަޝީދާއި، އެހެން ވަރަށް ގިނަ ލިޔުންތެރިންގެ ލިޔުންތަކުގެ ޕްރެޝަރު ބޮޑުވެ ސަރުކާރުން އެ ދެ ނޫސް މަނާކުރި އެވެ. ސަންގުގެ ފަސް ވަނަ އަދަދަށް ފަހު 1992 ގައި ސަރުކާރުން އެ މަޖައްލާ ހުއްޓުވާ ނަޝީދާއި ޓީމު ހައްޔަރުކުރި އެވެ.

އޭގެ ތެރެއިން ވަރަށް ގިނަ ލިޔުންތެރިން އެހިސާބުން ގެއްލުނެވެ. ނަމަވެސް ނަޝީދުގެ މަގުސަދަކީ އޭރު ވެސް ސިޔާސީ އިސްލާހީ މަސައްކަތް ކަމުން އޭނާ ދިޔައީ ކުރިއަށެވެ. އެގޮތުން އެ އަދަބުން 1993 ގައި ސަލާމަތްވެވަޑައިގެން 1994 އިން ފެށިގެން ސްރީ ލަންކާގެ ނޫހަކަށް ލިޔުއްވި އެވެ. ނަތީޖާއަކަށްވީ "އަންނި" ގެ ނަމުން ނަޝީދު މުޅި ރާއްޖެ އަށް ސިޔާސީ އިސްލާހީ ހަރަކާތްތެރިއެއްގެ ގޮތުގައި މަޝްހޫރުވުމެވެ.

އޭނާ ހުއްޓުވަން ސަރުކާރުން މަސައްކަތްކުރީ ޖަލަށް ލައިގެންނެވެ. އެކަމަކު، ގާމާދޫ ޖަލުގެ ޓިނު ގޮޅިއަކަށް ވެސް ނަޝީދު އޮބަހެއްޓޭ ގޮތެއް ނުވި އެވެ. ދެން އޭނާ ނުކުންނެވީ 1999 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށެވެ. މާލޭ ރައްޔިތުން އޭނާ އަށް ފުރިހަމަ ތާއީދެއް ދިނެވެ.

މަޖިލީހުގައި އޭނާ މަސައްކަތްކުރެއްވީ، އިސްލާހީ ފިކުރުގަ އެވެ. ސިޔާސީ ޕާޓީ އުފައްދަން ބިލެއް ހުށަހެޅުއްވި އެވެ. އެފަދަ ކަންކަމާ ހެދި މައުމޫން ސަރުކާރު އޮތީ ނަޝީދުގެ ގޮނޑި ގެއްލުވާލެވޭނެ ގޮތެއް ވޭތޯ ބަލަބަލަ އެވެ. އެހެން އޮއްވާ ވެލާނާގެއިން އުކާލަން ބަހައްޓާފައި ހުރި ކުނި ތަކެއް، ނަޝީދު ތާރީހީ ބޭނުމަކަށްޓަކައި ނެންގެވުން އެއީ ވައްކަންކަމަށް ބަލައި ސަރުކާރުން އޭނާ އަރުވާލި އެވެ. މަޖިލީހުގައި އޭނާގެ ދައުރު ފުރިހަމަ ކުރެވޭ ގޮތް ނުވީ އެވެ.

ނަމަވެސް އެ ފަހަރު މަޖިލީހުގެ ދައުރު ނިންމާނުލެވުނަސް އެއީ ނަޝީދުގެ ސިޔާސީ ހަޔާތުގެ އާ ދައުރެއްގެ ފެށުމެވެ. ބަންދުން ސަލާމަތްވެވަޑައިގެން އޭނާ ސީދާ ހަރަކާތަށް ނުކުންނެވި އެވެ. އެގޮތުން 2003 ގެ ސެޕްޓެމްބަރުގައި މާލޭގައި ހިނގި ހަމަނުޖެހުންތަކަށް ފަހު، ލަންކާއަށް ވަޑައިގެން، އަމިއްލައަށް އަރުވާލެވިގެން ހުންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ހަރަކާތްތައް، އެހެން ވަރަށް ގިނަ ބޭފުޅުންނާ އެކު ފެށްޓެވި އެވެ.

އޭރު ރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގުން ހުއްދައެއް ނޫނެވެ. ނަޝީދާއި އިސްލާހީ އެހެން ހަރަކާތްތެރިން ސަރުކާރަށް ކުރި ފިއްތުންތަކާއެކު އެ ހުއްދަ ލިބި އެމްޑީޕީ ރާއްޖޭގައި ރަޖިސްޓާ ކުރީ އޭޕްރިލް 30، 2005 ގަ އެވެ.

އެގޮތުން ހޯދުނު ކުރިއެރުންތަކާ އެކު ގިނަ ޕާޓީ ބައިވެރިވާ އިންތިހާބެއް 2008 ގައި ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނެވެ. ނަޝީދު ވެގެންދިޔައީ އެ އިންތިހާބު ކާމިޔާބުކުރައްވައި، ރާއްޖޭގެ ޑިމޮކްރެޓިކް ފުރަތަމަ ރައީސަށެވެ.

ބޮޑު ތާއީދަކާއެކު ވެރިކަން ހޯއްދެވި ނަމަވެސް، ނަޝީދަށް ވެރިކަން ވެގެންދިޔައީ ބުރަ އިމްތިހާނަކަށެވެ. ދީނީ ޖަޒުބާތާއި، ސިޔާސީ ފޯރީގައި، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި ސިލްސިލާ މުޒާހަރާތަކުގައ ނަތީޖާއަކީ ވެރިކަން ފުރޮޅާލުމެވެ. ފެބްރުއަރީ ހަތެއްގައި ނަޝީދު އިސްތިއުފާދެއްވި އެވެ. "ވެރިކަމުގައި ހުރެއްޖެނަމަ ރާއްޖެއަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ވެދާނެ ކަމަށް" ދެކިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ނަޝީދު ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދެއްވަނީ - ފޮޓޯ: ރައީސް އޮފީސް
ފެބްރުއަރީ 7، 2012 ގައި ނަޝީދު ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ފެބްރުއަރީ 7، 2012 ގައި ނަޝީދު ރާއްޖޭގެ ރައީސްކަމުން އިސްތިއުފާދެއްވަނީ - ފޮޓޯ: ރައީސް އޮފީސް

ޖެހިގެން އައި ދުވަހުން ފެށިގެން، ކުރީ ދުވަހު ހިނގީ ބަގާވާތެއް ކަމަށް ވިދާޅުވެ ވެރިކަމާ ދެކޮޅަށް ނުކުންނެވި އެވެ. އަދި ދެން އޮތް އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެވެ. ނަޝީދު ރެކޯޑް އަދަދަކަށް ވޯޓު ހޯއްދެއްވި ނަމަވެސް، ސުޕްރީމް ކޯޓުން ބާތިލްކުރި ފުރަތަމަ ބުރަށް ފަހު، ދެ ވަނަ ބުރުގައި ނާކާމިޔާބުވެވަޑައިގަތީ އެވެ،

ވެރިކަމުން އިސްތިއުފާދެއްވިތާ އަހަރެއްވީ މަހު، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނަޝީދު އަނެއްކާވެސް ހައްޔަރުކުރި އެވެ. ޓެރަރިޒަމުގެ ކުށް ސާބިތުވާ ކަމަށް ނިންމާ 13 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނަށް އިއްވި އެވެ. ނަމަވެސް، ޖެހިގެން އައި އަހަރުގެ މެއި މަހު މައިބަދައިގެ އޮޕަރޭޝަނަކަށް ނަޝީދު އިނގިރޭސި ވިލާތައް ވަޑައިގެން، އެ ގައުމުން ސިޔާސީ ހިމާޔަތް ހޯދި އެވެ. ނަމަވެސް، ހުކުމް ދެމި އޮތުމާއެކު 2018 ގެ އިންތިހާބުގައި ނަޝީދަށް ވާދައެއް ނުކުރެވުނެވެ. ޓިކެޓު ދޫކޮށްލެއްވީ ހަޔާތުގެ މިތުރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

އެނބުރި ގައުމަށް ވަޑައިގަތީ އެމްޑީޕީއިން އިންތިހާބު ކާމިޔާބުކޮށް، އެމަނިކުފާނަށް ކޮށްފައި އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާއެކު އޮކްޓޯބަރު 30، 2018 ގަ އެވެ.

ޖެހިގެން އައި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ކާމިޔާބު ކުރެއްވި އެވެ. އެމްޑީޕީއިން ސުޕަ މެޖޯރިޓީ ހޯދި 19 ވަނަ މަޖިލީހުގެ ރައީސް ކަމަށް ވެސް އިންތިހާބުވެވަޑައިގެންނެވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި ފެށި މި ދައުރުގެ މެދުތެރެއިން، މެއި 6، 2021 ގައި ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސް ހަމަލާއާ އެކު، ދެ ރައީސުންގެ ގުޅުން ހީނަރުވާންފެށި އެވެ. ގިނަ އޮޕަރޭޝަންތަކާއި ފަރުވާއަށްފަހު އެނބުރި ވަޑައިގެން، ރައީސް ސޯލިހަށް ގޮންޖައްސަވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން 2022 ގެ މެދު ތެރޭ އިއުލާންކުރެއްވި އެވެ.

މި އަހަރު ޖެނުއަރީ 28 ގައި ބޭއްވި އެ ޕްރައިމަރީގައި، ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ އެވެ. ރައީސް ސޯލިހު، އެމްޑީޕީގެ ޓިކެޓު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓުންނެވެ. ނާކާމިޔާބީގައި ނަޝީދު، އެމްޑީޕީގެ ތެރެއިން ސަރުކާރާއި ރައީސް ސޯލިހަށް ދެކޮޅަށް ފެއްޓެވި ހަރަކާތުގައި ގޮފި ފަޅާ، އާ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެގެންދިޔަ އެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތްތައް ކުރެއްވިއިރު ނަޝީދު ހުންނެވީ އެމްޑީޕީގަ އެވެ. ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.

ނަޝީދު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވި ޖަލްސާގެ ތެރެއިން - ފޮޓޯ: އަދަދު
ނަޝީދު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވި ޖަލްސާގެ ތެރެއިން - ފޮޓޯ: އަދަދު

ނަޝީދު އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އާ ގުޅިވަޑައިގެންނެވި ޖަލްސާގެ ތެރެއިން - ފޮޓޯ: އަދަދު

ނަޝީދު އެމްޑީޕީ ދޫކުރެއްވީ، ޖޫން 6، 2023 ގައި އެމްޑީޕީއިން 54 މެންބަރުންގެ ސޮޔާއެކު އެމަނިކުފާނު މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރަން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ. އެ މަހު 21 ގައި ނަޝީދު ލިޔުއްވި ސިޓީގައި ވިދާޅުވީ، އެމްޑީޕީ އާއި ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ކަންކަމަށް ބަލާ އަޅުގަނޑު ތިޔަ ޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމުން،" ކަމަށެވެ.

ދައުރު ހަމަނުކުރައްވާ، ޕާޓީގެ ރައީސްކަން ދޫކުރައްވާ ވަޑައިގެން ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވީ ޖުލައި 13، 2023 ގަ އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ލިބުނު ފުރުސަތުގައި އެމަނިކުފާނު ފިޔަވަޅު އެޅުއްވީ ފަހަތަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ނަޝީދު ވަނީ އެކި އުކުޅުތައް ކުޅުއްވާ، މަޖިލީހުގެ ދައުރު ނިމެންދެން އެ މައްސަލަ ހުއްޓުވާފަ އެވެ. މަޖިލީހުގައި މަރުތަޅު އެޅުއްވި އެވެ. ރިޔާސީ އިންތިހާބާ ހަމައަށް މައްސަލަ ދަންމަވާލި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިން ވަނަ ޑިމޮކްރެޓުން ހޯދުމާއެކު، ދެ ވަނަ ބުރުގައި ނަޝީދާއި ޕާޓީގެ ތާއީދު ހޯދުމުގެ ބޭނުމުގައި ކުރިން ދެންނެވުނު މައްސަލަ އެމްޑީޕީއިން އަނބުރާ ގެންދިޔަ އެވެ. ނަމަވެސް، ނަޝީދާއި ޕާޓީން ރަސްމީކޮށް ވަކި ކޮޅަކަށް ނޭރި ނަމަވެސް، ރައީސް ސޯލިހަށް އެންޓި ކެމްޕޭން ކުރުމާއި އިދިކޮޅަށް ވާގިވެރިވުމުގައި ދެމި ތިއްބެވި އެވެ.

އިންތިހާބުން އެމްޑީޕީ ބަލިވެ، ނަޝީދުގެ މައްސަލަ އަލުން ވެއްދުމާއެކުވެސް ކުރިން ކުޅުނު ކުޅިބައި ރާވާލެއްވި އެވެ. ނަމަވެސް، އެމްޑީޕީއިން ދޫނުދީ، ނަޝީދުގެ މައްސަލަ ލަސްވަމުންދިޔުމާއެކު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާ ކާމިޔާބުކުރި އެވެ.

މަޖިލީހުގެ ކޮމިޓީތަކާއި، އަމީން އާއްމު އަދި ބަންޑާރަނައިބުގެ ލަފާގެ މަތިން، ނަޝީދުގެ މައްސަލަ އެޖެންޑާކޮށް ޖަލްސާއެއް ބޭއްވުނީ އިއްޔެ އެވެ. ނަމަވެސް ޖަލްސާ ފެށުމާއެކު ނަޝީދު ވަނީ އިސްތިއުފާދެއްވާފަ އެވެ. ސިޓީގައިވަނީ "އަޅުގަނޑަށް ފެންނަ ފެނުމުގައި، މަޖިލީހުގެ ރައީސް ކަމުގައި އަޅުގަނޑު އިތުރަށް ހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން ދާނީ ބޮޑުވަމުން" ކަމަށެވެ.

މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވުމަށްފަހު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވުމަށްފަހު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިއުފާދެއްވުމަށްފަހު ނަޝީދު ނޫސްވެރިންނާ ބައްދަލުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދައުރު ފުރިހަމަވާން ފަސް ވަރަކަށް މަހަށް ވެފައި ވަނިކޮށް ނަޝީދު އަނެއްކާވެސް މަގާމެއް ދޫކުރެއްވީ އެވެ. އިސްތިއުފާ ދެއްވީ އެވެ. އިސްތިއުފާ ދެއްވުން ލަސްކުރެއްވީ ކީއްވެތޯ ތަކުރާރުކޮށް ނޫސްވެރިން އެހުމުންވެސް، ނޫސްވެރިންނާ މީގެ ކުރިން އެކުވެރި ނަޝީދު، އިއްޔެ ހުންނެވީ ހަނެވެ.

ކުރިންވެސް އެނބުރި ވަޑައިގެންނެވި، ދެން ވެސް؟

ނަޝީދުގެ ސިޔާސީ ހަޔާތް، ދުނިޔެއެކޭ އެއް ބީދައަކުން ގޮސްފައިވަނީ ތޮށަލި ދުޅައަށެވެ. ކާމިޔާބީއަކަށްފަހު، މަގާމު ގެއްލުމެވެ، ނުވަތަ ދޫކޮށްލުމެވެ. ނަމަވެސް އެ ހުރިހާ ފަހަރެއްގައިވެސް އެނބުރި ވަޑައިގެންނެވި އެވެ. އަލުން އަނބުރާ ރައްޔިތުންގެ އިތުބާރާއި ވޯޓު، ލޯތްބާއި ތާއީދު ހޯއްދަވާ، މަތިފަޑީގެ މަގާމުތައް ކަށަވަރުކުރެއްވި އެވެ.

މިފަހަރުގެ އިސްތިއުފާއާއެކު ވެސް، އެންމެ ގަދައަށް ސޯޝަލް މީޑިއާގައި، ނަޝީދުގެ ސަޕޯޓަރުން ބުނާ ވާހަކައަކީ، އެމަނިކުފާނު އަނބުރާ ވަޑައިގަންނަވާނެ ވާހަކަ އެވެ.

އަހުމަދު އާއިދު

ޖާނަލިސްޓް

އަހުމަދު އާއިދު ނޫސްވެރިކަމުގެ ދާއިރަށް ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާގައި އޭނާގެ ގަލަން ހިނގަ އެވެ. އެންމެ ފަހުން އޭނާ އުޅުނު "ވޮއިސް" ނޫހުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox