މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ސަރަހައްދުތައް ބޭނުން ކުރުމަށް މަގުފަހި ކުރުމަށް އދ. އިން އެކުލަވާލާފައިވާ މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ސޯލިހު ނިންމަވައިފި އެވެ.
ރައީސް ސޯލިހު އެގޮތަށް ނިންމަވާފައި ވަނީ މިއަދު ކުރިއަށް ގެންދިޔަ ވަޒީރުންގެ ބައްދަލުވުމުގައި އެންވަރަމަންޓު މިނިސްޓަރު، އައިމިނަތު ޝައުނާ ހުށަހެޅުއްވި ކަރުދާހާ ގުޅޭގޮތުން ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު އދ. ގެ މުއާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ އެރުވުމުންނެވެ.
ރާއްޖެއިން ބައިވެރިވުމަށް ވަޒީރުން ލަފާދެއްވާފައިވާ، އެގުރީމެންޓު އަންޑާ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑު ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާސް ބިޔޯންޑު ނޭޝަނަލް ޖުރިސްޓިކްޝަން (ބީބީއެންޖޭ) އަކީ ގައުމުތަކުގެ އިހުތިސާސުން ބޭރުގައި އޮންނަ މާކަނޑުގެ ސަރަހައްދުތަކަށް މާހައުލީ ގޮތުން ވަކި އުސޫލުތަކެއް ކަނޑައެޅުމާ ގުޅޭ މުއާހަދާ އެކެވެ.
އެ މުއާހަދާއަކީ މާކަނޑުގެ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް މިހައިތަނަށް ބައިނަލްއަގުވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އެ މުއާހަދާގައި މިހާރުވެސް 83 ގައުމުން ބައިވެރިވެ އެވެ.
މިއަދުގެ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޝައުނާ ވަނީ ކަނޑުގެ ސަރަހައްދުތައް ހިމާޔަތް ކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރުމަށް މަގުފަހިކުރުވާ މުއާހަދާއެއްގައި ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކުން ބައިވެރިވުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.













