މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަންސް އަށް އާ ގްރައުންޑް ހެންޑްލިން އިކުއިޕްމަންޓްތަކެއް ގެނެސްފި އެވެ.
އެމްއޭސީއެލްއިން ގެނައި އާ އިކުއިޕްމަންޓްސްގެ ތެރޭގައި ހިމެނެނީ:
- ހަތަރު ޕެސެންޖާ ބަސް
- އެއާކްރާފްޓަށް އަރާ ހަތަރު ސިޑި
- ދެ ޔުނިވާސަލް ލޯޑަރު
- ދެ ހައި ލޯޑަރު
- 10 ބެގޭޖް ޓްރެކްޓަރު
- 14 ސީޓުގެ އެއް މިނިވޭން
- 32 ސީޓުގެ އެއް ބަސް
- އެއާކޮންޑިޝަން ޔުނިޓެއް
- 30 ކޯން އެންޑް ޗޮކްސް ޓްރޮލީ
- ކޮންޓެއިނާ/ ޕްލެޓް ޓްރާންސްޕޯޓާ
މީގެ އިތުރުން ހަތަރު ކޮންވެޔާ ބެލްޓް، ތިން ގްރައުންޑް ޕަވާ ޔުނިޓް، 40 ކޮންޓެއިނާ އެންޑް ޕެލެޓް ޑޮލީ،، ޓޮއިލެޓް ޓްރަކް އަދި ޓްވިން ކެބެއް ވެސް ވަނީ ގެނެސް ކޮމިޝަންކޮށްފަ އެވެ.

ވީއައިއޭގެ ގްރައުންޑް ހެންޑްލިން އަށް ގެނައި އާ އިކުއިޕްމަންޓްތައް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތު--- ފޮޓޯ: އެމްއޭސީއެލް
އަލަށް ގެނައި މި އިކުއިޕްމެންޓުތައް އިފްތިތާހުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފަ އެވެ. މިދިޔަ ބުދަ ދުވަހު ވީއައޭ އެއާޕޯޓުގައި ބޭއްވި އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބް ޝުޖާއު އާއި އެމްއޭސީއެލްގެ އިސް ފަރާތްތަކުގެ އިތުރުން އޮޕަރޭޝަންސް މުވައްޒަފުން ވެސް ބައިވެރިވި އެވެ.
އެ ރަސްމިއްޔާތުގައި އާ އިކުއިޕްމަންޓުތައް ދައްކާލައި އޮޕަރޭޝަންސް މުވައްޒަފުންނާ ރަސްމީކޮށް އެ އިކުއިޕްމެންޓްތަކުގެ ތަޅުދަނޑި ވަނީ ހަވާލުކޮށްފަ އެވެ.
އެމްއޭސީއެލް އިން ބުނިގޮތުގައި މި އާ އިކުއިޕްމަންޓުތައް ގެނައީ ވީއައިއޭ އަށް އޮޕަރޭޓުކުރާ އެއާލައިންތަކަށް ފޯރުކޮށްދޭ ގްރައުންޑް ހެންޑްލިންގެ ހިދުމަތް އަވަސްކުރުމަށްޓަކައި ކަމަށެވެ.
އަދި ކުރިއަށް އޮތް މަސްތަކުގައި އިތުރު ސާމާނު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަލަށް ގެނައި ގްރައުންޑް ހޭންޑްލިން އިކުއިޕްމެންޓްތަކާ އެކު ގްރައުންޑް ހެންޑްލިންގެ ހިދުމަތް އިތުރަށް ފުޅާވެ އެއާލައިންތަކަށް ރަނގަޅު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.











