ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ހިންގާ ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުންނަށް ވައިޓް ކޯޓް ހަވާލުކޮށް ހުވާ ކޮށްފި އެވެ.
މިދިޔަ ބުރާސްފަތު ދުވަހު އެ ކޮލެޖުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފާމަސީ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 15 ދަރިވަރަކަށް ވަނީ ވައިޓް ކޯޓު ހަވާލުކޮށްފަ އެވެ.
ބެޗްލާ އޮފް ފާމަސީ ޕްރޮގްރާމަކީ ވިލާ ކޮލެޖުން މިއަހަރުގެ ސެޕްޓެމްބަރުގައި އަލަށް ތައާރަފު ކުރި ޕްރޮގްރާމެކެވެ. ބެޗްލާ އޮފް ފާރމަސީ އަލަށް ފަށާ ދަރިވަރުންނަށް މި ޕްރޮގްރާމަށް ވަދެވޭނީ، އޭލެވެލެގެ ކެމިސްޓްރީ އަދި ފިޒިކްސް ހިމެނޭގޮތަށް، ޖުމްލަ ތިން މާއްދާއިން ފާސްވެފައިވާ ނަމަ ނުވަތަ ގުޅޭ ދާއިރާއަކުން އެމްއެންކިއުއެފް ލެވެލް ހަތަރެއްގެ ކޮލިފިކޭޝަނަކާއިއެކު އަދި އޯ ލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ އިނގިރޭސި ފާހެއް ލިބިފައިވާ ނަމަ އެވެ.
މި ޕްރޮގްރާމްގައި ކިޔަވާ ދަރިވަރުން ތަޖުރިބާ ހޯދުމަށްޓަކައި ޕްރޮގްރާމްގެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އެކްސްޓަންޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރާގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ޕްރޮގްރާމްގެ ފަހު އަހަރުގައި ޖީއެމްޕީ ކޮލިޓީ އެންޑް ސްޓޭންޑަޑްސްގެ ތަޖުރިބާ ހޯދުމަށްޓަކައި ޑަބްލިއުއެޗްއޯ އިން ގަބޫލުކުރާ ފެންވަރުގެ ބޭސް އުފައްދާ ކާރުހާނާއަކަށް ތަޖުރިބާ ދަތުރެއްވެސް މި ޕްރޮގްރާމުގައި ހިމެނިފައިވާ އެވެ.
މި ކޯހުގެ މުއްދަތަކީ ޖުމްލަ 4 އަހަރެވެ.











