އަމީންއާންމު ހައްލަކަށް ދެއްކެވީ ނަޝީދުގެ ގަރާރު ގެންދާނެ ވަކި ގޮތެއް މަޖިލީހުން ފާސްކުރަން

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ނިޔުޝާ: ގަވާއިދުގައި ނެތް ކަމެއް ދިމާވާ ހާލަތެއްގައި އަމަލުކުރާ މާއްދާއިން ކުރިއަށްދާން ވިދާޅުވި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ނިޔުޝާ: ގަވާއިދުގައި ނެތް ކަމެއް ދިމާވާ ހާލަތެއްގައި އަމަލުކުރާ މާއްދާއިން ކުރިއަށްދާން ވިދާޅުވި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ނައިބު ރައީސް އީވާ އަބްދުﷲ ނުބެލަހައްޓަވައި ދިގުދެމިގެންދާ މައްސަލާގައި މެންބަރުންގެ ވޯޓަކުން ހައްލެއް ގެނެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވާއިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތް ކޮށްގެންނެވެ.

ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ނިޔުޝާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލާގައި ވަކި މާއްދާއެއްގައި އިޖުރާއަތްތަކެއް ބަޔާން ކޮށްފައި އޮތުމުން އަމަލު ކުރެވޭނީ އެއީ ހާއްސަ އިޖުރާއަތްތަކެއް ގޮތުގައި ބަލައިގެން ކަމަށެވެ.

އެހެން ނަމަވެސް, މަޖިލީހުގެ ނިޒާމުގެ ތެރެއިން ހަތަރު ހައްލެއް ގެނެވޭނެ ކަން ނިޔުޝާ ފާހަގަ ކުރެއްވި އެވެ. އެއިން ތިން ހައްލަކީ ގަވާއިދު އިސްލާހު ކުރުމާ ގުޅޭ ހައްލުތަކެކެވެ.

ފަހު ހައްލެއްގެ ގޮތުގައި ނިޔުޝާ ދެއްކެވީ ގަވާއިދުގެ 250 ވަނަ މާއްދާ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ މަޖިލީހުގެ ގަވާއިދު ތަސައްވުރު ނުކުރާ ހާލަތެއްގައި މަޖިލީހުން އަމަލުކުރެވޭނެ ގޮތެވެ. އެ ހާލަތުގައި އޮންނަނީ ގަވާއިދުގައި ނެތް ކަމެއް ގޮތަށް ބަލައި، މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ގޮތެއް ނިންމުމެވެ.

ގަވާއިދު އިސްލާހު ކުރުމާ ގުޅޭ ފުރަތަމަ ހައްލަކީ، އާންމު ކޮމިޓީން އިސްވެ ގަވާއިދު އިސްލާހު ކުރުމެވެ. އެއި މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާއިން، އެ ކޮމިޓީއަށް ކުރެވެން އޮތް ކަމެކެވެ.

ދެވަނަ ހައްލަކީ، މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ގަރާރެއްގެ ސިފައިގައި މެންބަރަކު ހުށަހެޅުއްވުމެވެ. ނަމަވެސް, ގަރާރަކީ ދިގު މުއްދަތެއް ހިނގާނެ ކަމެއް ކަމަށް ނިޔުޝާ ވިދާޅުވި އެވެ.

ތިންވަނަ ހައްލަކީ މައްސަލައެއް ގޮތަށް ގަވާއިދު އިސްލާހު ކުރުމަށް މެންބަރަކު ހުށަހެޅުއްވުމެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިހާރު ވެސް އެފަދަ އިސްލާހެއް ހުށަހަޅުއްވާފައިވާ ކަން ވެސް ނިޔުޝާ ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނަނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ. އެމްޑީޕީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އެ މާއްދާގައި އޮންނަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭ ވަގުތު ރިޔާސަތު ބަލަހައްޓަވާނެ ފަސް މެންބަރަކު ކަނޑައެޅުމަށެވެ. އެ މާއްދާގެ ދަށުން ފަސް މެންބަރަކު މަޖިލީހުގައި ކަނޑައަޅާފައިވެސް އޮވެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި، ފަނޑިޔާރު ޑރ. އިބްރާހިމް މުހައްމަދެވެ.

މި މައްސަލައިގެ ތެރެއަށް ވަނީ ނަޝީދާއި އީވާ ނިސްބަތްވާ، އަދި މަޖިލީހުގެ މައިނޯރިޓީ ޕާޓީ ޑިމޮކްރެޓްސްއިން ތަދައްހުލު ވެފަ އެވެ. މި މަހު 17 ގައި ވެރިކަމާ ހަވާލުވާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ވެސް ތަދައްހުލު ވެފައި ވެ އެވެ.

މިއަދު ވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. ވީއެންމެ އަވަހަކަށް ހުކުމް ކުރުމުގެ މަޖިލީސް ބާއްވާނެ ކަމަށް ރިޔާސަތުން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox