ބުރާސްފަތި ދުވަހުން ފެށިގެން ދިއްލީގެ ވައި ނުސާފުވެ ރައްކާތެރި މިންވަރަކަށް ވުރެ ދަށަަށް ގޮސްފައިވާތީ އެ ސިޓީގެ ސްކޫލުތައް ބަންދުކުރަން ނިންމައިފި އެވެ.
ދުނިޔޭގެ ސިޓީތަކުގެ ތެރެއިން ވައި އެންމެ ބޮޑަށް ތަޣައްޔަރުވެފައިވާ އެއް ސިޓީއަކީ ދިއްލީ އެވެ. މިފަހަރު ބަންދުކުރީ ޕްރައިމަރީ ސްކޫލުތަކެވެ.
ސައިންޓިސްޓުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ވެސް ވައި ނުސާފުވާ މިންވަރު ދާނީ އިތުރުވަމުންނެވެ. ފިނި މޫސުމާ ދިމާކޮށް އަބަދުވެސް ދިއްލީގެ ޖައްވު ވަރަށް ބޮޑަށް ތަޣައްޔަރުވެ އެވެ.

އަވަށްޓެރި ހަރިޔާނާ އާއި ޕަންޖާބުގެ ދަނޑު ބިންތައް އަންދާތީ އުފެދޭ ވިހަ ދުންތަކުން ދިއްލީގެ ޖައްވު ކިލަނބުކޮށްލަ އެވެ.
ސްކޫލުތައް ބަންދުކުރުމުގެ އިތުރުން ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތެއް ވެސް ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ. އަދި, ވެހިކަލްތައް މަގުތަކުން މަދު ކުރުމުގެ ގޮތުން އާންމު ދަތުރުފަތުރުގެ މިންވަރު ވަނީ އިތުރުކޮށްފަ އެވެ.







