ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އަންން ޑިސެމްބަރު މަހަށް ފަސްކުރަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.
އެފްއޭއެމުން ކުރިން އެ އިދާރާގެ ކަލަންޑަރުގައި މުބާރާތް ފަށާގޮތަށް ނިންމާފައި އޮތީ ނޮވެމްބަރު 20ގަ އެވެ. މި ތާރީހަށް ކުލަބުތަކުން ދުރާލާ ކުޅުންތެރިން ހޯދައި ތައްޔާރީތައް ފެށި ނަމަވެސް މުބާރާތް ބޭއްވޭނެކަމާމެދު އޮތީ ސުވާލު އުފެދިފަ އެވެ. އެއީ މިހާރު ކުރިއަށްދާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުންވެސް އަލުން ނުފެށި ދުގުލައިގެންދާތީ އެވެ.
ނޮވެމްބަރު 20ގައި ފަށަން އޮތް މުބާރާތް ނޮވެމްބަރު 25 އަށް ލަސްކުރިކަމަށްވެސް އަޑު ފެތުރުނެވެ. އެންމެ ފަހުން އެފްއޭއެމުން ވަނީ މި މުބާރާތް އޮންނާނީ ޑިސެމްބަރު 10ގައި ކަމަށް އިއުލާންކޮށްފަ އެވެ. އެފްއޭއެމުން އާ ތާރީހު އިއުލާންކުރީ އެ އިދާރާގެ ފޭސްބުކް ޕޭޖުގަ އެވެ.
މުބާރާަތް ލަސްކުރުމާއިއެކު ދެވަނަ ޑިވިޝަންގައި ވާދަކުރާ ގިނަ ކުލަބުތަކަށް ބޮޑު ގެއްލުމެއް ލިބޭނެ އެވެ. އެއީ ކުރިން މުބާރާތް ޑިސެމްބަރު މަސް ތެރޭގައި ނިމެނޭކަމަށް ބަލައިގެން ބަޖެޓު ހެދި ނަމަވެސް މިހާރު އޮތް ގޮތުން މުބާރާތް ދިގުލައިގެން ގޮސްދާނެތީ އެވެ.
ގިނަ ކުލަބުތަކުން ފަރިތަކުރުންތައް ފެށީ ކުޅުންތެރިންނާއިއެކު ދެ މަސް ނޫނީ ތިން މަހުގެ ކޮންޓްރެކްޓް ހަދައިގެންނެވެ. މުބާރާތް ލަސްކުރުމާއިއެކު ކޮންޓްރެކްޓް އެއް މަހަށް އިތުރުކުރަން މަޖުބޫރު ވާނެ އެވެ.
މުބާރާތަށް ވަރުގަދައަށް ތައްޔާރުވާ ކުލަބުތަކުން ބިދޭސީ ކުޅުންތެރިންވެސް ވަނީ ގެނެސްފަ އެވެ. ބައެއް ކުލަބުތަކުން ބިދޭސީ ހަ ކުޅުންތެރިން ގެނެސްފައިވުމާއިއެކު، އިތުރު އެއް މަހަށް ހަރަދު ބޮޑުވެ ކުލަބަށް ގެއްލުން ލިބޭނެ ކަމެކެވެ.
ދެވަނަ ޑިވިޝަނަށް އެންމެ ވަރުގަދައަށް ތައްޔާރުވާ ޓީމްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ވިކްޓްރީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. ދެ ކުލަބުންވެސް ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ފަރިތަކުރުންތައް ފަށާފަ އެވެ. ދެ ޓީމުންވެސް ބިދޭސީ ކުޅުންތެރިން ގެނެސްފައިވާކަން ފާހަގަކޮށްލެވެ އެވެ.
މި ކުލަބުތަކުގެ އިތުރުން، 3 ވަނަ ޑިވިޝަންގެ ތަށި ހޯދައިގެން ދެވަނަ ޑިވިޝަނަށް އެރި ބިސްބުރާއި، މަސްއޮޑި ސްޕޯޓްސް ކުލަބުންވެސް އަންނަނީ ދެވަނަ ޑިވިޝަނަށް ދުރާލާ ތައްޔާރުވަމުންނެވެ.
ދެވަނަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބުރު ސްޕޯޓްސް ކުލަބެވެ.












