ދޯހާ (1 ނޮވެމްބަރު)- އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ސައުދީ އަރަބިއްޔާގެ ފޯވަޑް ސާލެމް އަލް ދައުސާރީ އަށް ލިބިއްޖެއެވެ.
ގަތަރުގައި އިއްޔެ އޮތް އޭއެފްސީގެ އެވޯޑް ނައިޓްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަލް ދައުސާރީ އަށް ލިބުނުއިރު، އޭނައާ އެންމެ ގާތުން ވާދަކުރީ ގަތަރުގެ އަލްމޮއެޒް އަލީ އާއި އޮސްޓްރޭލިއާގެ މެތިއު ލެކީއެވެ.
"އެންމެ ބޮޑު ޝުކުރެއް އަދާކުރާނީ އަހަރެންގެ މައިންބަފައިންނަށް. އެއަށް ފަހު އަހަރެންގެ އަންހެނުންނާއި ދަރިންނަށް،" ސައުދީގެ އަލް ހިލާލަށް ކުޅެމުންދާ އަލް ދައުސާރީ ބުންޏެވެ.
ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ އަތުން ސައުދީ މޮޅުވީ އަލް ދައުސާރީ ޖެހި ލަނޑަކުންނެވެ.
އޭއެފްސީ ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމު ހޯދީ އޮސްޓްރޭލިއާގެ ފޯވަޑް ސަމަންތާ ކޭރްއެވެ. މި މަގާމު 2017 ވަނަ އަހަރުވެސް ހޯދި ކޭރްއާ އެންމެ ގާތުން ވާދަކުރީ ޗައިނާގެ ޒަންގް ލިންޔާން އާއި ޖަޕާންގެ ސާކީ ކުމާގީއެވެ.
އޭއެފްސީގެ އެވޯޑް ނައިޓް މި ބޭއްވީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިއީ ކޮވިޑް-19ގެ ޕެންޑެމިކް ކުރިމަތިވި ފަހުން، އޭއެފްސީން މި އެވޯޑް ހަފްލާ ބޭއްވި ފުރަތަމަ އަހަރެވެ. -- އޭއެފްޕީ












