މެންޗެސްޓާ (އޮކްޓޯބަރު 30) - އާލިން ހާލަންޑްގެ މޮޅު ކުޅުމާއެކު މެންޗެސްޓާ ސިޓީ އިން މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި އެޓީމު ލަދުގަންނަވާލައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުން ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވީ 3-0 އިންނެވެ. މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގެ ކުރީގައި އުޅޭ ޓޮޓެންހަމާ ދެ ޕޮއިންޓަށް ކައިރިއަށް ޖެހިލާފަ އެވެ. އަދި 26 ޕޮއިންޓާއެކު ޓޮޓެންހަމް އެއްވަނައިގަ އޮތްއިރު، ދެވަނައިގައި އޮތް އާސެނަލް އާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބެނީ 24 ޕޮއިންޓެވެ.
ޕްރިމިއާ ލީގުގެ ވަރުގަދަ މެންޗެސްޓާ ޑާބީގައި ޔުނައިޓެޑަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މެޗުގައި ގިނަ ހަމަލާތައް އުފައްދައި މެންޗެސްޓާ ސިޓީ އިން ވަނީ ޔުނައިޓެޑަށް ވަރަށް އުނދަގޫ ކޮށްފަ އެވެ. ސިޓީގެ ފުރަތަމަ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ހާލަންޑް ޖެހި ގޯލެކެވެ. މިއީ ސިޓީގެ ރޮޑްރީއަށް ޔުނައިޓެޑްގެ ރަސްމުސް ހޮއިލުންޑް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ދެވަނަ ހާފުވެސް ސިޓީ ފެށީ ގޯލަކުންނެވެ. ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މިފަހަރުވެސް ގޯލު ޖަހައިދިނީ ހާލަންޑެވެ. ސިޓީގެ ފަހު ގޯލު ހާލަންޑް ނަގައިދިން ހުރަހަކުން ޖަހައިދިނީ ފިލް ފޯޑެން އެވެ.
ލީގުގައި ރޭ ކުޅުނު މެޗުން ލިވަޕޫލްވެސް ވަނީ މޮޅުވެފަ އެވެ. ނޮޓިމްހަން ފޮރެސްޓާ ވާދަކޮށް ލިވަޕޫލް މޮޅުވީ 3-0 އިންނެވެ. މި މެޗުގައި ލިވަޕޫލްގެ ގޯލުތައް ޖަހައިދިނީ ޑިއޭގޯ ޖޮޓާ، ޑާވިން ނޫނޭޒް އަދި މުހައްމަދު ސަލާހު އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެސްޓް ހަމް ޔުނައިޓެޑުން ވަނީ 1-0 އިން އެވަޓަން ބަލިކޮށްފަ އެވެ. އެސްޓަން ވިލާ އާއި ލޫޓަން ވާދަކުރި މެޗު 3-1 އިން ވިލާ ކާމިޔާބުކުރިއިރު، ފުލްހަމް އާއި ބްރައިޓަންގެ ކުރިމަތިލުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.












