ޗެލްސީ ބަލިވިއިރު، އެންކެޓިއާގެ ހެޓްރިކާ އެކު އާސެނަލަށް ބޮޑު މޮޅެއް

Oct 29, 2023, 4:17 AM
ޗެލްސީ ބަލިވިއިރު، އެންކެޓިއާގެ ހެޓްރިކާ އެކު އާސެނަލަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޯބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން ޗެލްސީ ބަލިވިއިރު، އެޑީ އެންކެޓިއާގެ ހެޓްރިކާ އެކު އާސެނަލުން ބޮޑު މޮޅެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ބްރެންޓްފޯޑު އަތުން ޗެލްސީ ބަލިވީ 2-0 އިންނެވެ. އާސެނަލް މޮޅުވީ ޝެފީލްޑް ޔުނައިޓެޑާ ވާދަކޮށް 5-0 ގެ ބޮޑު ތަފާތަކުންނެވެ.

މި ނަތީޖާތަކާ އެކު އާސެނަލްވަނީ ލީގުގެ ދެ ވަނައަށް ޖެހިލައިފަ އެވެ. އެ ޓީމަށް 10 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތް ޓޮޓެންހަމުން ވަނީ 26 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ އެއް މެޗު މަދުން ކުޅެގެން 21 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

Advertisement

ޗެލްސީ އަމިއްލަ ދަނޑުގައި ބަލިވި މެޗުގައި އެޓީމުން 17 ހަމަލާއެއް އުފެއްދި އެވެ. ފުރަތަމަ ހާފުގައި ގިނަ ހުސް ފުރުސަތުތަކެއް ލިބުނުއިރު ބޭނުމެއް ނުކުރެވުނެވެ. މެޗުގައި ބްރެންޓްފޯޑުން ދެ ގޯލުވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ދެ ގޯލު ޖަހައިދިނީ އީތަން ޕިނޮކް އާއި ބްރަޔަން އެމްބުއޭމޯ އެވެ.

މި މެޗުން ބަލިވުމުން ޗެލްސީ ވަނީ ތާވަލްގެ 11 ވަނައަށް ވެއްޓިފަ އެވެ. ޗެލްސީއަށްވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ބްރެންޓްފޯޑް ވަނީ 10 ވަނަ އަށް ޖެހިލައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ސީޒަނުގައި މެޗަކުން ބަލިނުވެ އޮތް އާސެނަލުން ޝެފީލްޑްގެ މައްޗަށް ކުރި ހޯދި މެޗުގައި ޓީމްގެ މުހިންމު ދެ ކުޅުންތެރިއަކަށް ކޯޗު ވަނީ ރެސްޓު ދީފަ އެވެ. އެއީ ކެެޕްޓަން މާޓިން އޮޑެގާޑް އާއި ޑިފެންޑަރު ގެބްރިއެލް މެގަޅޭސް އެވެ.

އަނިޔާގެ ސަބަބުން ފޯވާޑް ގެބްރިއެލް ޖެސުސް އާއި މިޑްފިލްޑަރު ތޯމަސް ޕާޓޭ ނުލައި ކުޅުނު މި މެޗުގައި އެޑީ އެންކެޓިއާ ވަނީ ތިން ގޯލު ޖަހައި ހެޓްރިކެއް ހަދާފަ އެވެ. މިއީ ޕްރިމިއާ ލީގުގައި އެންކެޓިއާ ހެދި ފުރަތަމަ ހެޓްރިކެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން އެރި ފަބިއޯ ވިއެރާ އާއި ޓަކެހީރޯ ޓޮމިޔާސޫ އެވެ. ވިއެރާ ގޯލް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. ޓޮމިޔާސޫގެ ގޯލަކީ އޭނާ އާސެނަލަށް ކުޅުނު 50 މެޗުގައި ޖެހި ފުރަތަމަ ގޯލެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބޯންމައުތުން ވަނީ 2-1 އިން ބާންލީ ބަލިކޮށްފަ އެވެ. ވުލްވްސް އާއި ނިއުކާސަލް ޔުނިޓެޑް ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox