ދިވެހި ރާއްޖޭގެ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމާއި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ދެ ބޭފުޅަކު ހަމަޖައްސަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ހުސައިން ޝަހީދު އަދި ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް މަރިޔަމް ވަހީދު ހަމަޖައްސަން ނިންމާފައިވަނީ އިއްޔެ ބޭއްވި ޖޭއެސްސީގެ 68 ވަނަ ޖަލްސާގައި ކަމަށެވެ.
ޖޭއެސްސީއިން މި ދެ މަގާމަށް ހުޅުވާލުމުން ހައި ކޯޓަށް ކުރިމަތިލެއްވީ ޝަހީދު އެކަންޏެވެ. ސިވިލް ކޯޓަށް ހަމަޖެއްސި މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރުވެސް ކުރިމަތިލެއްވި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމި ޝަހީދު އެ ކޯޓަށް ފުރަތަމަ އައްޔަން ކުރީ 2018 ގަ އެވެ. އޭގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި ނ. ހޮޅުދޫ އަދި އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުކަންވެސް ކުރައްވާފަ އެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމާ ހަވާލުވެލައްވާ މަރިޔަމް ވަހީދަކީ މީގެ ކުރިން ކ. ގާފަރާއި އައްޑޫ ސިޓީ ހިތަދޫގެ މެޖިސްޓްރޭޓުކަން ކުރެއްވި ފަރާތެކެވެ. އޭނާ ސިވިލް ކޯޓަށް އައްޔަން ކޮށްފައިވަނީ 2016 ގަ އެވެ. އެ މަގާމުގައި ހުންނަވާ ކުރެއްވި ހުކުމަކާ ގުޅިގެން އޭނާގެ ފަނޑިޔާރުކަމުގެ ހައިސިއްޔަތު ގެއްލިއްޖެ ކަމަށް ބުނެ ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު އަމުރެއް ނެރުނެވެ. ނަމަވެސް އެ ނިންމުން ޖެހިގެން އައި އަހަރު ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށް އޭނާގެ ވަޒީފާ ރުޖޫއަ ކޮށްފަ އެވެ.














