ގައުމީ އެއާލައިންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓްތަކެއް ގެންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މިހާރު ބަނޑޮސް ރިސޯޓްގައި ކުރިއަށްދާ ރިސޯޓްތަކުގެ ޖީއެމް ފޯރަމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ޖީއެމް ފޯރަމްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގައުމީ އެއާލައިނަށް ވައިޑް ބޮޑީ އެއާކްރާފްޓްތައް ހޯއްދަވާނެ ކަމަށެވެ. އަދި އޭގެ މަގުސަދަކީ ޗައިނާގެ މާކެޓާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުކުރުން ކަމަށް ވިދާޅުވި އެވެ.
"މި އިންވެސްޓްމަންޓާއެކު އަޅުގަނޑުމެންގެ ގައުމީ އެއާލައިން، މޯލްޑިވިއަން ތަރައްގީކޮށް އޮޕަރޭޝަންތައް ފުޅާކޮށް އަނެއްކާވެސް އެމްއޭސީއެލް އަކީ ފަތުރުވެރިކަމަށް ފައިދާހުރި ވިޔަފާރިއަކަށް ހަދައި، ގައުމީ ތަރައްގީއަށް ބޭނުންވާ އާމްދަނީ ހޯދޭނެ" މުއިއްޒު ވިދާޅުވި އެވެ.
ވައިޑް ބޮޑީ އެއާކްރާފްޓް ތަކަކީ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލޭ ވަރުގެ ޖާގަ އޮންނަ ފުޅާ މަތިންދާބޯޓު ތަކެވެ. ދުރު ރާސްތާގެ ދަތުރުތަކުގައި ބޭނުންކުރާ މިފަދަ ބޯޓުތަކުގައި އާއްމުކޮށް ދެ އައިލް ހުންނައިރު އެވްރެޖުކޮށް 200-850 ފަސިންޖަރުން އުފުލޭނެ އެވެ.
މޯލްޑިވިއަން އަށް މިހާތަނަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނެސްފައެއް ނުވެ އެވެ. ކޮވިޑުގެ ކުރިން މޯލްޑިިވިއަން އިން އެއާބަސް އޭ330 މަރުކާގެ ވައިޑް ބޮޑީ ބޯޓެއް ގެންނަން މަސައްކަތް ކުރި ނަމަވެސް ކޮވިޑާ ގުޅިގެން އެ މަސައްކަތް އޭރު ވަނީ ހުއްޓާލާފަ އެވެ.
އަދި އޭގެ ފަހުން މި އަހަރުގެ ކުރީކޮޅުވެސް މޯލްޑިވިއަން އަށް އެއާބަސް އޭ 330-200 މަރުކާގެ ދެ ބޯޓު، ކުއްޔަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާނުކުރި އެވެ. މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ ވިދާޅުވި ގޮތުގައި އެ ބޯޓުތައް ހޯދުމުގެ މަސައްކަތް މޯލްޑިވިއަން މިހާރުވެސް އަންނަނީ ކުރަމުންނެވެ.
މޯލްޑިވިއަންގެ އިންޓަނޭޝަނަލް ދަތުރުތަކުގައި ބޭންކުރަމުން އައީ އެއާބަސް-321، އެއާބަސް-320 ގެ ދެބޯޓެވެ. އޭގެ ތެރެއިން އެއާބަސް އޭ321 މަރުކާގެ ބޯޓުގެ މެއިންޓަނެންސްގެ ހަރަދު ބޮޑުވާތީ، އެ ބޯޓުގެ ލީސްގެ މުއްދަތު އިތުރުނުކޮށް، މޯލްޑިވިއަން އިން ވަނީ އެ ބޯޓު ދޫކޮށްލާފަ އެވެ.











