ވިލާ ކޮލެޖުގެ 16 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކޮލެޖުގެ މުއައްޒަފުންނާއި ދަރިވަރުން އިސްނަގައިގެން، މޯލްޑިވްސް ބްލަޑް ޑޯނާސް އާއި ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި އެވެ.
ވިލާ ކޮލެޖުން އިއްޔެ ތެލެސީމިއާ ސެންޓަރުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެ ކޮލެޖުގެ މުއައްޒަފުންނާއި ދަރިވަރުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ.
މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ވިލާ ކޮލެޖުގެ މުވައްޒަފުންނާއި އެ ކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާތަކުންނެވެ. އެގޮތުން ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން، ވިލާ ކޮލެޖް ބިޒްނަސް ސޮސައިޓީ، ސައިކޮލޮޖީ އެސޯސިއޭޝަން އޮފް ވިލާ ކޮލެޖް އަދި ލޯ ސޮސައިޓީ އޮފް ވިލާ ކޮލެޖް އިން ވަނީ މި ހަރަކާތް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމްގެ މަގުސަދަކީ ވިލާ ކޮލެޖުގެ މުއްޒަފުންނާއި ދަރިވަރުންގެ މެދުގައި އިޖުތިމާއީ ޒިންމާ އަދި "ވޮލަންޓަރިޒަމް" އިތުރުކުރުން ކަމުގައި އެ ކޮލެޖުން ބުނެ އެވެ.










