ސިޔާސީ މަގާމުތަކުގެ މީހުން ޖޭއެސްސީގައި ތިބެން މުއިއްޒު ބޭނުމެއް ނުވޭ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ޕޯޑިއަމެއްގައި؛ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ތިބެގެން ނުވާނެ ކަމަށް ވިދާޅުވި -

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ޕޯޑިއަމެއްގައި؛ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ތިބެގެން ނުވާނެ ކަމަށް ވިދާޅުވި -

ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މަގާމެއް ފުރުއްވާ އެއްވެސް މީހަކު ނުހިމެނޭ ގޮތަށް އެ ކޮމިޝަނުގެ އެކުލެވުން ބަދަލު ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ މެންޑޭޓު އޮންނަ ޖޭއެސްސީގައި ސިޔާސީ މަގާމުތަކުގެ ބައެއް ބޭފުޅުން ތިއްބަވާތީ އެ ކޮމިޝަން މެދުވެރިކޮށް ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ވަންނަ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.

އެ ކޮމިޝަނުގައި ސިޔާސީ ނުފޫޒު ނޯންނަ ގޮތަށް އަދި ފަނޑިޔާރުންގެ މަސްލަހަތު ކުޑަވާނެ ގޮތަށް އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ނަމަވެސް އެކުލެވުމަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ގޮތަށް އިސްލާހެއް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ޖޫންގަ އެވެ. އެ ބިލުގައި ވެސް ޖޭއެސްސީން އުނިކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސެވެ. ބަންޑާރަ ނައިބާއި މަޖިލީހުގެ މެންބަރު އުނި ނުކުރާތީ ބިލަށް އިދިކޮޅު މެންބަރުން ފާޑުވިދާޅުވެފައިވެ އެވެ.

އިންތިހާބީ ރައީސް މުއިއްޒު ރޭ "ސަންގު ޓީވީ" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޖޭއެސްސީގައި ސިޔާސީ އެއްވެސް ބޭފުޅަކު ހުރެގެން ނުވާނެ ކަމަށެވެ. އަދި ދައުލަތުގެ އެހެން މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވެސް ޖޭއެސްސީން ޖާގަ ދެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"(ޖޭއެސްސީ) ގައި ތިއްބަވަން ޖެހޭނީ ޖުޑީޝަލް ދާއިރާގެ ބޭފުޅުން. ރިޓަޔަޑް ޖަޖުން މިސާލަކަށް. އެހެންވީމާ އެ ކަހަލަ ވިސްނުމެއްގައި އަޅުގަނޑު ގަސްދު ކުރަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލެވޭނެ ގޮތެއް ވާން،" މުއިއްޒު ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ މުއިއްޒު ވިދާޅުވީ، ކޮމިޝަނުގެ އެކުލެވުމާ ގުޅޭ ގޮތުން އެ ޕާޓީ ހިމެނޭ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖޭއެސްސީ އަށް ހަގީގީ މިނިވަން ކަން އަންނަން ޖެހޭނެ. ސިޔާސީ ނުފޫޒުން އެއްކޮށް އެއްކިބާ ކުރަން ޖެހޭނެ. އަޅުގަނޑުމެންގެ މެންބަރުންނާ ތިކަމާ މަޝްވަރާ ކުރާނަން," މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ބަދަލުތަކެއް ގެނެސްގެން އެ ކަން ކުރެވެން އޮތް ނަމަ ކުރިއަށް ގެންދަވަން ބޭނުންވާ ކަމަށެވެ.

"އުއްމީދު ކުރަން އަޅުގަނޑުމެންގެ މެޖޯރިޓީ ނެތަސް ސަރުކާރުންނާއި ދެން ހުރި ޕާޓީތަކުން އެއްބާރުލުން ދެއްވާނެ ކަމަށް މިކަން ކުރުމުގައި،" އެމަނިކުފާނުގެ ޕާޓީއާ ވާދަވެރި އެެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ފެހި ގާނޫނުއަސާސީގެ ދަށުން ސެޕްޓެމްބަރު 4، 2008 ގައި އެކުލަވާލި ޖޭއެސްސީގައި 10 މެމްބަރުން ތިއްބަވަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެ މަޖިލީހުންގެ ކަނޑައަޅާ މެމްބަރަކާއި ރައީސުލްޖުމްހޫރިއްޔާ ކަނޑަައަޅުއްވާ މެމްބަރަކާއި ބަންޑާރަ ނައިބާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސާއި ވަކީލުންގެ ތެރެއިން މީހަކާއި އާންމުންގެ ތެރެއިން ނަގާ މީހެކެވެ.

މިހާރު އެ ކޮމިޝަންގައި ގިނައީ އެމްޑީޕީގެ ބޭފުޅުންނެވެ. ކޮމިޝަންގެ ރައީސަކީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ނައިބު ރައީސަކީ ރައީސް ސޯލިހުގެ މެންބަރަކަށް ކޮމިޝަންގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުރަށް މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދު ވެސް އެ ކޮމިޝަންގައި އިންނަވަ އެވެ.

މީގެ ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއިރުގެ އިދިކޮޅު ލީޑަރުން ޖަލަށް ލުމުން، ކޮމިޝަނުގެ އެކުލެވުން ބަދަލުކޮށް ޖުޑިޝަރީ ރިފޯމުގެ އަޑުގަދަ ވެގެން ދިޔަ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން ކޮމިޝަނުގެ އެކުލެވުން އެ ގޮތުގައި ބާއްވައި، ޔާމީނަށް ޖަލު އިއްވުމުން އެ ޝަރީއަތަށް އެ ނުފޫޒު ފޯރުވި ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox