ލަންޑަން (އޮކްޓޫބަރު 9) - ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކްގައި އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ ދެ މެޗުގައި އާސެނަލްގެ ފޯވާޑް ބުކާޔޯ ސަކާ ނުފެންނާނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
ސަކާ، 22، އަކީ މި ވަގުތު އިނގިރޭސި ގައުމީ ޓީމާއި، އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސަކާ މި ވަގުތު ހުރީ ކުޅުމާ ދުރުގަ އެވެ.
ސަކާ އަނިޔާގައި ހުރި ނަމަވެސް އިނގިރޭސި ގައުމީ ސްކޮޑަށް ވަނީ ނަގައިފަ އެވެ. މިކަމާ ގުޅޭގޮތުން އާސެނަލްގެ ކޯޗާއި އިނގިރޭސި ގައުމީ ޓީމްގެ ކޯޗު ގަރެތު ސައުތުގޭޓް ވަނީ މަޝްވަރާކޮށްފަ އެވެ. ދެ ކޯޗުންގެ މަޝްވަރާތަކަށް ފަހު އެންމެފަހުން ނިންމާފައިވަނީ ކުރިއަށް އޮތް ބްރޭކުގައި ސަކާ އަށް ރެސްޓު ދިނުމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ މޮޅުވި މެޗުގައި ސަކާ ނުކުޅެ އެވެ. މިއީ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ލީގުގައި އާސެނަލް ކުޅުނު މެޗެއްގައި އޭނާ އަށް ނުކުޅެވުނު ފުރަތަމަ ފަހަރެވެ. ސަކާ ވަނީ ސިޓީ މެޗާ ހަމައަށް ޖެހިޖެހިގެން 87 މެޗުގައި ކުޅެފަ އެވެ.
މި ސީޒަންގެ ކުރީކޮޅު އާސެނަލްގެ ގިނަ ކުޅުންތެރިންނަށް އަނިޔާވަމުން އަންނާތީ ކޯޗު އާޓެޓާ އަށް ސަކާ އަށް ރެސްޓްދޭން ވެސް ފުރުސަތެއް ނުލިބި އުޅެނިކޮށް، އޭނާގެ އަނިޔާވީ ސީރިއަސްވީ އެވެ.
މީގެ ކުރިން ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ސަކާ އަށް އަނިޔާވެ ބަދަލުކުރަން ޖެހުނެވެ. އޭގެ ފަހުން ލެންސްއާ ދެކޮޅަށް ކުޅުނުއިރުވެސް ސަކާ މުޅިން ފިޓުނޫން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ސިޓީ މެޗަށް ފަހު އާޓެޓާ ބުނީ މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ލެންސްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސަކާ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާ ކަމަށެވެ. ސަކާ ހުރީ މި ވަގުތު ފުޓްބޯޅަ ކުޅެވޭ ހާލަތުގައި ނޫން ކަމަށާއި، އިންގްލެންޑު ޓީމުން އޭނާ ނުފެންނާނެ ކަމަށެވެ.
ސަކާގެ ހާލަތާ ގުޅޭގޮތުން ސައުތުގޭޓް ބުނީ ކުޅުންތެރިއަކު ފިޒިކަލީ އެންމެ އެކަށީގެންވާ ހާލަތުގައި ނެތް ނަމަ އެ ކުޅުންތެރިއަކު ކުޅެން އަރުވައި، ރިސްކެއް ނުނަގާނެ ކަމަށެވެ.
އިންޓަނޭޝަނަލް ބްރޭކުގައި އިންގްލެންޑަށް އޮތީ އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗާއި، ޔޫރޯ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އިޓަލީ މެޗުން މޮޅުވެއްޖެނަމަ އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯއަށް އިންގްލެންޑް ކޮލިފައިވާނެ އެވެ.












