ޗެންނާއީ، އިންޑިއާ (އޮކްޓޫބަރު 9) - ވަން ޑޭ އިންޓަނޭޝަނަލް (އޯޑީއައި) ކްރިކެޓް ވޯލްޑް ކަޕްގައި، ވިރާތު ކޯލީ ދެއްކި މޮޅު ކުޅުމާ އެކު އިންޑިއާ އިން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން މޮޅުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ މައްޗަށް އިންޑިއާ އިން ކުރިހޯދީ ހަ ވިކެޓުންނެވެ.
މި މެޗުގައި ޓޮސް ދިމާވުމުން އޮސްޓްރޭލިއާ އިން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 49.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އޮސްޓްރޭލިއާ އަށް އެއް ކުރެވުނީ 199 ލަނޑެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 46 ލަަނޑު އެއްކުރި ސްޓީވް ސްމިތު އާއި 41 ލަނޑު ހެދި ޑޭވިޑް ވޯނާ އެވެ. މި އިނިންސްގައި އިންޑިއާގެ ރަވިންދުރަ ޖަދޭޖާ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި އިންޑިއާ އިން ކުޅެން އަރައި ފުރަތަމަ ޖެހުނީ ޕްރެޝަރާ ކުރިމަތިލާށެވެ. އިންޑިއާ އިން ފުރަތަމަ ކުޅެން އެރި ރޯހިތު ޝަރްމާ އާއި އިޝާން ކިޝަން އަށް ލަނޑެއް ވެސް ނުހެދި ޖެހުނީ ފައިބާށެވެ. އޮސްޓްރޭލިއާގެ ފީލްޑިން ވަރުގަދަކޮށް ފެށިގެން ދިޔަ ނަމަވެސް ވިރާތު އަރައި، އިންޑިއާ އަށް އިތުބާރު ހޯދައިދިނެވެ. އެ ގޮތުން، ވިރާތު ވަނީ 116 ބޯޅައިން 85 ލަނޑު ހަދައިފަ އެވެ. ރާހުލް 115 ބޯޅައިން 97 ލަނޑު ހެދި އެވެ.
އިންޑިއާ މޮޅުވީ 41.2 އޯވަރު ތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 201 ލަނޑު ހަދައިގެންނެވެ.
މުބާރާތުގައި އިންޑިއާ ކުޅޭ ދެ ވަނަ މެޗުގައި ބުދަ ދުވަހު ކުޅޭނީ އަފްގާނިސްތާންއާ އެވެ. އަފްގާނިސްތާން ވަނީ ފުރަތަމަ މެޗުން ހަ ވިކެޓުން ބަންގްލަދޭޝް އަތުން ބަލިވެފަ އެވެ. އޮސްޓްރޭލިއާ ދެން ކުޅޭ މެޗުގައި ނުކުންނާނީ ބުރާސްފަތި ދުވަހު ދެކުނު އެފްރިކާއާ ދެކޮޅަށެވެ. ދެކުނު އެފްރިކާ ވަނީ އެ ޓީމު ކުޅުނު ފުރަތަމަ މެޗުން 102 ލަނޑުން ސްރީ ލަންކާ ބަލިކޮށްފަ އެވެ.












