މެންޗެސްޓާ (އޮކްޓޫބަރު 5) - މެންޗެސްޓާ ޔުނައިޓެޑުގެ ކުޅުންތެރިންގެ އަނިޔާގެ ހަބަރުތައް ކުލަބުން ރަސްމީކޮށް ހާމަނުކުރަނީސް ސޯޝަލް މީޑިއާގައި ލީކުވާ މައްސަލައިގައި ކޯޗު އެރިކް ޓެން ހާގު ރުޅިގަދަވެއްޖެ އެވެ.
މި ސީޒަންގެ ކުރީކޮޅު ޔުނައިޓެޑަށް އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. ވަކިން ހާއްސަކޮށް ޓީމްގެ ޑިފެންސް ލައިނުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ލޫކް ޝޯ، ޓައިރެލް މަލާސިއާ، ސާޖިއޯ ރެގީއޯން، ލިސަންދްރޯ މާޓިނޭޒް އަދި އާރޮން ވަން ބިސާކާ އަށް ވެސް ވަނި އަނިޔާވެފަ އެވެ.
މި ކުޅުންތެރިންގެ އަނިޔާގެ ހަބަރުތައް ކުލަބުން ހާމަކުރުމުގެ ކުރިން ސޯޝަލް މީޑިއާގައި އަންނަނީ ލީކުވަމުންނެވެ. ޝޯ، މަލާސިއާ އަދި ރެގީއޯން އަނިޔާގެ އެންމެ ފަހުގެ މައުލޫމާތު ވެސް ލީކުވީ ކުލަބުން އެ ކުޅުންތެރިންގެ ސްކޭންތަކާ ގުޅޭ ރިޓޯޓްތައް ހާމަކުރުމުގެ ކުރިންނެވެ.
މިގޮތުން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގެ އެކައުންޓަކުން ޔުނައިޓެޑްގެ ހަބަރުތައް ލީކުކުރާކަންވަނީ ފާހަގަކުރެވިފަ އެވެ. ޔުނައިޓެޑުން މިހާރު އަންނަނީ އެކުލަބުގެ އެއްވެސް މީހަކާ މި ސޯޝަލް މީޑިއާ އެކައުންޓާ ގުޅުމެއް އޮތްތޯ ތަހުގީގުތަކެއް ވެސް ކުރަމުންނެވެ.
ކުޅުންތެރިންގެ އަނިޔާގެ ހަބަރުތައް ލީކުވާ މައްސަލައިގައި ކޯޗު ޓެން ހާގު ބުނީ މިކަމުގެ ސަބަބުން އެޓީމަށް ދެކޮޅަށް ކުޅޭ ޓީމަށް ފައިދާތަކެއްވާ ކަމަށާއި، ޓީމްގެ އެތެރޭގެ މުހިންމު ހަބަރުތައް މިގޮތަށް ލީކުވުމަކީ ކަންބޮޑުވާންޖެހޭކަމެއް ކަމަށެވެ. މިއީ މެޗުތަކަށް ތައްޔާރުވާއިރު ޔުނައިޓެޑަށް އޮތް ގޮންޖެހުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑްގެ ހަގީގީ ސަޕޯޓަރުން މިކަމާ ސަމާލުވެ، އެފަދަ ހަބަރުތައް ލީކުކުރާ މީހުންގެ މައުލޫމާތު ހޯދައި ކުލަބަށް އެހީތެރިވެދޭންޖެހޭ ކަމަށެވެ. އަދި މިގޮތަށް ހަބަރުތައް ލީކުވުމަކީ ކުލަބުގެ ކުރިމަގަށް އޮތް ނުރައްކަލެއްގެ ގޮތުގައިވެސް އޭނާ ސިފަކުރި އެވެ.
ޕްރިމިއާ ލީގު އެންމެ މަޝްހޫރު ޓީމްތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑަށް މި ސީޒަންގެ ފެށުން ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. އެ ޓީމު ލީގުގައި ކުޅުނު ހަތް މެޗުން މޮޅުވީ އެންމެ ތިން މެޗުންނެވެ.












