"ވޯޓުލާން ތިބި އެތައް ބަޔަކު އެމީހުން ތިބި ތަންތަން ނޫން ތަންތަނަށް ރީރަޖިސްޓްރީކޮށްފި، ބަލަން ހުންނައްޗޭ މިފަހަރު އެތައް ހާސް ބަޔަކަށް ވޯޓު ނުލެވި، ހަމަނުޖެހުމަކަށް ދާނެ،" ސޯޝަލް މީޑިއާގައި ދެއްކި ވާހަކައެއް ގަބޫލުކޮށްގެން ހުރި މީހަކު ބުންޏެވެ.
މިއީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ފަތުރަމުން ދިޔަ ފިތުނަވެރި ވާހަކަތަކުގެ ކުޑަ މިސާލެކެވެ. އޭނާއާ އެފަދަ އެތައް ބަޔަކު ގަބޫލުކޮށްގެން ތިބީ ސޯޝަލް މީޑިއާ އާއި މެއިންސްޓްރީމް މީޑިއާގައި ފަތުރަމުން ދިޔަ ވާހަކަތަކެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިފައިވާ މައި ޕާޓީ ޕީޕީއެމް އާއި އެމަނިކުފާނާ އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީން ވެސް ފަތުރަމުން ދިޔައީ އެކަހަލަ އެތައް ވާހަކަ އެކެވެ.
އިންތިހާބު އޮބްޒާވްކުރަން ރާއްޖެއަށް އައި ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުގެ ވަފުދުތަކުން ވެސް އެކަން ފާހަގަކުރި އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފަރާތުން ރާއްޖެ އައި ވަފުދުން މިއަދު ނެރުނު އިބްތިދާއީ ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަތައް ވަރަށް ބޮޑަށް ފަތުރަމުންދިޔަ ކަމަށެވެ.
"ކެމްޕެއިނުގެ ތެރޭގައި ވޯޓުލާ މީހުންގެ ތާއީދު ހޯދުމަށް އޮންލައިންކޮށް ދެއްކި ވާހަކަތައް ވަރަށް ބޮޑަށް ދެބަޔަކަށް ބެހިފައިވާކަން ފާހަގަ ކުރެވުނުއިރު، ކެންޑިޑޭޓުންގެ ސިޔާސަތުތަކާ މެދުގައި ހަގީގަތާ ހިލާފު މައުލޫމާތާއި ހިޔާލުތައް ފެތުރެމުންދިޔަ،" އެ ބަޔާނުގައިވެ އެވެ.
ފިތުނަވެރި އެ ވާހަކަތަކަށް ފަހު ރިޔާސީ އިންތިހާބު ނިމުމާއެކު ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ހަރުގެތަކަށް ގެއްލުން ދިންކަމަށް އެޕާޓީގެ ހަރަކާތްތްތެެރިން ތުހުމަތުކުރި އެވެ. ވެރިކަމަށް އައި ޕާޓީގެ ބައެއް އިސް ފަރާތްތަކުން ގޮވައިލެއްވީ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ރާއްޖޭން ފުރުން މަނާކުރުމަށެވެ. ސަރުކާރަށް އެ ބޭފުޅުން ކުރައްވާ ތުހުމަތުތަކާ ގުޅޭ ލިޔެކިއުންތަކަށް ބަދަލު ގެނެސްފާނެ، ނުވަތަ ނައްތައިލަފާނެކަމުގެ ބިރު ވެސް އޭނާ އުފެއްދެވި އެވެ.
އިންތިހާބީ ރައީސް ގޮވައިލެއްވީ އެކަތިގަނޑަކަށް ވާން
ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ކަން ޔަގީންވެވަޑައިގެންނެވުމުން ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި މީޑިއާ ބްރީފިން ގައި އެމަނިކުފާނު ގޮވައިލެއްވީ ހަމަޖެހުން ގެއްލޭ ފަދަ ކަންތައް ނުކުރުމަށާއި ގައުުމު އެކަތިގަނޑަކަށް ވުމަށެވެ. ކޮންމެ ދިވެހި ރައްޔިތަކީ ވެސް އެމަނިކުފާނުގެ ކުރިމަތީގައި ހަމަހަމަ ރައްޔިތެއް ކަމަށެވެ. ކޮންމެ ޕާޓީއެއްގައި ހުއްޓަސް، ކޮންމެ މީހަކީ ވެސް ދިވެހި ރައްޔިތެއް ކަމަށް ވެސް އެދުވަހުު އޭނާ ވިދާޅުވި އެވެ.
"ކޮންމެ ޕާޓީއެއްގައި ހުއްޓަސް އަޅުގަނޑުގެ ކުރިމަތީގައި އެއީ ދިވެހި ލޮބުވެތި ރައްޔިތެއް. އެއްވަރަކަށް ހައްގު ލިބިގެންވަނީ. އެއްވަރަކަށް ހުރިހާ ކަމެއްގައި ވެސް ހަމަހަމަކަން ލިބިގެންވޭ،" އެމަނިކުފާނު އޭރު ވިދާޅުވި އެވެ.
އޭގެ ފަހުން ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ވަރަށް މަޑުމައިތިރިކަމާ އެކު ތިބި ނަމަވެސް އެ ހިމޭންކަން ނަގައިލީ އިންތިހާބުގެ ކާމިޔާބީގެ އުފާ ފާޅުކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާއަށް ފަހުގަ އެވެ.
ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް، އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅުގެ ކައިރީގައި ބަޔަކު މުޒާހަރާއެއް ފެށީ އިންތިގާލީ މަރުހަލާގައި މުޒާހަރާތަކާއި އެއްވުންތައް ނުބޭއްވުމަށް އެ ހަފުލާފައި މުއިއްޒު ގޮވައިލައްވާފައި ވަނިކޮށެވެ.
އެ މުޒާހަރާ އެގޮތަށް ކުރުމުގެ ކުޑަ އިރުކޮޅެއް ކުރިން މުއިއްޒު އޮތީ ޔާމީނު މިނިވަން ވާނެ ކަމުގެ ބޮޑު ޔަގީންކަމެއް ސަޕޯޓަރުންނަށް ދެއްވައިފަ އެވެ.
"އަޅުގަނޑު މި ދަންނަވަނީ 17 ވަނަ ދުވަހަށް ދާއިރުގައި މިހާރު އޮތް ޕްރޮސެސްއިން އެ މަނިކުފާނު މިނިވަން ނުވާ ކަމަށް ވަންޏާ، މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަކަށް އަންނަ ދުވަހަކަށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަންވާނެ،" މުއިއްޒު ވިދާޅުވި އެވެ.
އިތުބާރުގެ މައްސަލައެއް ނުވަތަ ފިތުނައެއް
ޔާމީން މިނިވަންވާނެ ކަމުގެ ބޮޑު ޔަގީންކަމެއް މުއިއްޒު ދެއްވާފައި ވަނިކޮށް ޕީޕީއެމް/ޕީއެންސީގެ ހަރަކާތްތެރި ކުރި މުޒާހަރާ ދެގޮތަކަށް މާނަކުރެވިދާނެ އެވެ. އެެއް ގޮތަކީ މުއިއްޒު އެ ވިދާޅުވާ ގޮތަށް ޔާމީނު މިނިވަން ވާނެ ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުންނަށް ގަބޫލުނުކުރެވުމެވެ. އަނެއް ގޮތަކީ މިދަނޑިވަަޅުގައި ވާދަވެރި ދެޕާޓީގެ މެދުގައި ބޮޑު އަރައިރުމެއް ފަށަން ބަޔަކު ބޭނުން ވުމެވެ.
ޔާމީނުގެ ސަޕޯޓަރުން އެގޮތަށް މަގުމައްޗަށް ނުކުންނަ އިރު ނިމުނު ސަރުކާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ބަދުބަސްތައް ރައްދުކުރެ އެވެ. އެއީ އެމްޑީޕީގެ އާއްމު މެމްބަރުން ކިހާ ވަރަކަށް ތަހައްމަލުކުރާނެ ކަމެއްތޯ ސުވާލު އުފެދެ އެވެ.
ޔާމީނުގެ އިސް ވަކީލު އަދި ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލު އެ ވިދާޅުވާ ފަދަ ފިޔަވަޅުތައް އެޅުމާ އެކު މިފަދަ މުޒާހަރާތައް ކުރިއަށް ދާ ނަމަ އެ އަރައިރުމުގެ ތެރެެއަށް އެމްޑީޕީ މެމްބަރުން ނުވަނުމަކީ ދުރު ކަމެކެވެ. އޭރުން ފެށޭނީ ދެމިގެންދާ މުޒާހަރާ ތަކެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވެސް އޮތް ބުރައަކީ މިކަން ކޮންޓްރޯލްކޮށް ހިމޭންކަން ދެމެހެއްޓުމުގެ މަސައްކަތެވެ.












