ސީޝެލްސްގެ އިދިކޮޅު ލީޑަރު ޕެޓްރިކް ހާމިނީ އާއި އިތުރު ހަތް މީހެއްގެ މައްޗަށް ސިހުރު ހެދިކަމުގެ ދައުވާކޮށްފި އެވެ.
ސީޝެލްސް ފުލުހުން ބުނި ގޮތުގައި މި ދައުވާ ގުޅެނީ، އެ ގައުމުގެ މާހޭގެ ގަބުރުސްތާނެއް ކޮނެ ދެ ގަބުރު ނެގި މައްސަލައާ ކަމަށެވެ.
އެފްރިކާގެ އިރުމަތީ ބިތުގައި، އިންޑިއާ ކަނޑަށް އޮންނަ ޖަޒީރާ ގައުމުގެ ރިޔާސީ އިންތިހާބުގައި 2025 ވަނަ އަހަރު ވާދަކުރައްވަން ނިންމަވާފައިވާ ހާމިނީ ވިދާޅުވީ މިއީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓުން ހައްޔަރުކުރުމަށް އެ ގައުމުގެ ރައީސް ވަވެލް ރަމްކަލަވަން ކުރައްވާ ކަމަށެވެ.

"މިއީ އަހަރެންގެ އަގުވައްޓާލަން ކުޅޭ ސިޔާސީ ޑްރާމާއެއް،" ސީޝެލްސް ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަން 2007 އިން 2016 އަށް ކުރެއްވި ހާމިނީ ވިދާޅުވި އެވެ.
"އަހަންނަކީ ސިހުރު ގަބޫލުކުރާ މީހެއް ވެސް ނޫން."
ހާމިނީ ވިދާޅުވީ ވެރިރަށް ވިކްޓޯރިއާގައި ހުންނަ ޕާޓީގެ އޮފީސްތައް 40 ފުލުހުން ވެގެން ފާސްކޮށްފައިވާ ކަމަށާއި ނަމަވެސް ސިހުރާ ގުޅޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހާމިނީ އާއި ދައުވާ ލިބޭ އިތުރު ހަ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުން ހޯމަ ދުވަހު ވަނީ ކަފާލާތުގެ ދަށުން، އެކަކު ފިޔަވައި އެންމެން ދޫކޮށްފަ އެވެ. މިހާރު ބަންދުގައި ހުރީ މިކަމުގައި ތުހުމަތުކުރެވޭ ޓެންޒޭނިއާ މީހާ އެކަންޏެވެ.
އެއާޕޯޓުން ހައްޔަރުކުރި ޓެންޒޭނިއާ މީހާ އަތުން ވަނީ ސިހުރުގެ އަކުރުތައް ލިޔެފައިވާ ލިޔުންތަކާއި، ގޮތްނޭގޭ މުށިކުލައިގެ ދިޔާ އެއްޗެހި އަޅާފައިވާ ކުދި ފުޅިތަކާއި، ހިލަ އަދި ކުނޑި ފެނިފަ އެވެ.
މި މައްސަލައިގައި ހާމިނީގެ މައްޗަށް ތަހުގީގު ފެށީ ޓެންޒޭނިއާ މީހާ އާއި ތުހުމަތުކުރެވޭ އެހެން މީހަކާ ދެމެދު ވަޓްސްއަޕް އިން ދައްކާފައިވާ ވާހަކަތަކެއްގައި ހާމިނީގެ ނަން އައުމުންނެވެ.







