ޒިއުރިކް، ސްވިޒަލެންޑް (ސެޕްޓެމްބަރު 29) - ޕެރިހުގައި އަންނަ އަހަރު ބާއްވާ ޕެރަލިމްޕިކްސް (ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކުގެ ގޭމްސް)ގައި ރަޝިއާގެ އެތުލީޓުންނަށް ފުރުސަތު އޮންނާނެ ކަމަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ނެގި ވޯޓަކުން ކަނޑައަޅައިފި އެވެ.
ރަޝިއާ އެތުލީޓުންނަށް ފުރުސަތު ދޭން ނިންމިއިރު، އެ އެތުލީޓުން ގޭމްސްގައި ވާދަކުރާނީ ރަޝިއާ ތަމްސީލުކުރާ ގޮތަށްތޯ ނޫނީ ނިއުޓްރަލް އެތުލީޓުންގެ ގޮތުގައިތޯ ކަނޑައަޅަން އިތުރު ވޯޓެއް ނަގަން އައިޕީސީން ވަނީ ނިންމައިފަ އެވެ.
ޔޫކްރެއިނަށް އަރައި ރަޝިއާ އިން ކުރަން ފެށި ހަނގުރާމައިގެ ސަބަބުން ގިނަ ކުޅިވަރު މުބާރާތްތަކުން ރަޝިއާ ބޭރުކުރި އެވެ. އެ ގޮތުން، ޕެރަލިމްޕިކްސް އިން ވެސް ރަޝިއާ ވަނީ އޭރު ބޭރުކޮށްފަ އެވެ.
އެކަމަކު، އެކި ކުޅިވަރު މުބާރާތްތަކުން ރަޝިއާގެ އެތުލީޓުންނަށް ފުރުސަތު ދޭން ފެށުމާ އެކު، އައިޕީސީން ވެސް މި ވަނީ ރަޝިއާގެ އެތުލީޓުންނަށް ފުރުސަތު ދޭން ނިންމައިފަ އެވެ.
ބެއިޖިންގައި 2022 ވަނަ އަހަރު ބޭއްވި ޕެރަލިމްޕިކްސްގައި ރަޝިއާގެ އިތުރުން ބެލަރޫސްގެ އެތުލީޓުންނަށް ވެސް ފުރުސަތު ނުދެ އެވެ. ބެލަރޫސްގެ އެތުލީޓުންނަށް ފުރުސަތު ނުދިނީ ރަޝިއާ އިން ކުރާ ހަނގުރާމަ އަށް ތާއީދުކުރަން ނިންމުމުންނެވެ. ނިއުޓްރަލް އެތުލީޓުންގެ ގޮތުގައި ވެސް ފުރުސަތު ދީފައިނުވާތީ ބެލަރޫސް އާއި ރަޝިއާ އިން އައިޕީސީ އަށް ފާޑުކިޔާފައިވެ އެެެވެ.
މަނާބޭހުގެ މައްސަލައެއްގައި ވެސް މީގެ ކުރިން ޕެރަލިމްޕިކްސްގައި ރަޝިއާ އަށް ފުރުސަތު ނުދޭން އައިޕީސީން ނިންމި އެވެ. އެކަމަކު، ރަޝިއާގެ ޕެރަލިމްޕިކް ކޮމިޓީން ވަނީ ކޯޓް އޮފް އާބިޓްރޭޝަން (ކާސް) އަށް ގޮސްގެން ކުރި މަސައްކަތާ އެކު، އައިޕީސީން ދިން ލުޔެއް ހޯދައި، އަލުން ޕެރަލިމްޕިކްސް އިން ފުރުސަތު ހޯދައިފަ އެވެ.












