މެންޗެސްޓާ (ސެޕްޓެމްބަރު 26) - މެންޗެސްޓަ ޔުނައިޓެޑުން އެ ޓީމްގެ ކުރީގެ ޑިފެންޑަރު، ޖޯނީ އެވަންސް ސޮއިކުރަން ނިންމީ، މި ސީޒަންގައި އެ ޓީމަށް ތަޖުރިބާކާރު ޑިފެންޑަރެއް މުހިންމުވާނެތީ ކަމަށް ކޯޗު އެރިކް ޓެން ހާގު ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑެމީއިން ފާހަގަވި އެވަންސް ވަނީ އޭނާގެ ކެރިއަރުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ކުލަބަށް ކުޅުނު 198 މެޗުގައި ތިން ފަހަރު އިނގިރޭސި ޕްރިމިއާ ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ހޯދި އެވެ.
ޔުނައިޓެޑު ދޫކޮށް 2015 ވަނަ އަހަރު، އެވަންސް ބަދަލުވީ ވެސްޓް ބްރޮމްވިޗް އަލްބިއަން އަށެވެ. އެ ކުލަބަށް ތިން އަހަރު ކުޅުމަށް ފަހު އޭނާ ވަނީ 2018 ގައި ލެސްޓާ ސިޓީ އަށް ބަދަލުވި އެވެ. އެވަންސް، ލެސްޓާ ދޫކޮށްލީ މިދިޔަ ސީޒަންގައި އެ ކުލަބު ރެލިގޭޓް ވުމުންނެވެ. އެވަންސް ވަނީ ލެސްޓާގައި ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާއާ އެކު ކުޅެފަ އެވެ.
ޕްރީ ސީޒަންގައި ފިޓްކޮށްހުރުމަށް ޔުނައިޓެޑުގެ އެކަޑެމީ ޓީމާ އެކު އެވަންސް ތަމްރީން ހެދި އެވެ. މި ތަމްރީންތަކުގެ ތެރެއިން ސީނިއާ ޓީމްގެ ކޯޗު އެރިކް ޓެން ހާގަށް އެވަންސް ފާހަގަވެ، ސީނިއާ ޓީމާ އެކު ފަރިތަކުރަން ފުރުސަތު ދިނެވެ. އަދި މާ ގިނަ ދުވަހެއް ނުވެ އެވަންސް އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން ޓެން ހާގް ނިންމި އެވެ.
ޓެން ހާް ބުނީ އެވަންސް އަކީ ޔުނައިޓެޑުގެ ސަޕޯޓަރުންގެ ރޫހު އެނގޭ އެ ކުލަބުދެކެ ލޯބިވާ ކުޅުންތެރިއެއް ކަމަށެވެ. އެހެންކަމުން ޔުނައިޓެޑްގެ "ޑީއެންއޭ" ހުރި އެކުލަބުގެ ސަގާފަތާ އެއްގޮތަށް ކުރިއަށްދާން އެވަންސް އަށް އެނގޭނެ ކަމަށެވެ.
ޕްރީ ސީޒަންގައި ވެސް ކުލަބުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ދިމާވަމުންދިޔަ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެވަންސް ސޮއިކުރަން ނިންމީ ކަމަށް ވެސް ޓެން ހާގް ބުނެފައިވެ އެވެ.
ޓެން ހާގް ބުނީ އެވަންސްގެ ތަޖުރިބާ އަކީ އެ ކުލަބަށް މުހިންމު އެއްޗަކަށް ވާނެ ކަމަށާއި، މިހާތަނަށް އޭނާ ކުޅުނު މެޗުތަކުން ވެސް އެކަން ފެނިއްޖެ ކަމަށެވެ.
އެވަންސް ވަނީ އެންމެ ފަހުން ލީގުގައި ބާންލީ އަތުން ޔުނައިޓެޑް މޮޅުވި މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. މި މެޗުގައި އޭނާ ޖެހި ގޯލެއް އޮފްސައިޑްވިއިރު، މެޗުން ޔުނައިޓެޑް މޮޅުވި ގޯލު ޖެހުމަށް ބްރޫނޯ ފެނާންޑޭސް އަށް ފުރުސަތު ތަނަވަސްކޮށްދިން ކުޅުންތެރިއަކީ ވެސް އެވަންސް އެވެ.
ބާންލީ މެޗަށް ފަހު ބްރޫނޯ ވަނީ އޭނާ އަށް ލިބުނު މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް އެވަންސް އަށް ދީފަ އެވެ.
ފިޓްނަސްގެ މައްސަލަތަކާ ހުރެ މުހިންމު ޑިފެންޑަރުންތަކަކަށް އަނިޔާވެފައިވާ މި ދަނޑިވަޅުގައި އެވަންސް އަކީ ޔުނައިޓެޑަށް މުހިންމު ކުޅުންތެރިއަކަށްވާނެ ކަމަށް ކޯޗު ޓެން ހާގް ގަބޫލުކުރެ އެވެ.












