ގާޒާގައި ފަލަސްތީނުގެ ރައްޔިތުން މުޒާހަރާ ކުރަމުން ދަނިކޮށް، ހަމާސްގެ އަސްކަރީ ޕޯސްޓުތަކަކަށް އަމާޒުކޮށް ކަމަށް ބުނެ، އިޒްރޭލުން ޑްރޯން ހަމަލާތަކެއް ދީފި އެވެ.
ގާޒާއަށް ހަމަލާދީފައިވާ އިރު، ގާޒާއަށް ވަދެ ނިކުމެ ހަދަން އޮންނަ އެރޭޒް ކްރޮސިންގް ބަންދުކުރަން އިޒްރޭލުން ނިންމި މައްސަލައިގައި ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ.
އިޒްރޭލް ސިފައިން ނެރުނު ބަޔާނެއްގައި ބުނީ ހަމަލާ ދިނީ ގާޒާގެ ބުރޭޖީ އަދި ޖަބަލްޔާ ސަރަހައްދުގައި ހުންނަ ހަމާސްގެ އަސްކަރީ ޕޯސްޓުތަކަށް ކަމަށެވެ. އެ ސަރަހައްދުތަކުގައި މުޒާހަރާގެ ނަމުގައި ހަމަނުޖެހުން އުފައްދަމަންދާ ކަމަށް ވެސް ބުންޏެވެ.

ބުރޭޖީގެ މެދުތެރޭގެ ހިސާބަކުން އިޒްރޭލް ސިފައިންނަށް އަމާޒުކޮށް ގޮވާ އެއްޗެއް އެއްލި ކަމަށާއި އެކަމަކު ސިފައިންގެ މީހަކަށް އަނިޔާއެއް ނުވާ ކަމަށް ބަޔާނުގައި ބުންޏެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުގެ ސިފައިން ބަޑި ޖެހުމުން ފަލަސްތީނުގެ ފަސް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.
އިޒްރޭލުން ބަންދުކުރި އެރޭޒް ކްރޮސިންގްއަކީ ފައިމަގުގައި އުޅޭ މީހުން ގާޒާއަށް ވަދެ ނިކުމެ ހެދުމަށް އޮންނަ ހަމައެކަނި މަގެވެ.
އެކަމާ ދެކޮޅަށް މުޒާހަރާގައި ޓަޔަރު އަންދައި، ގާ އުކައި، ޕެޓްރޯލް ބޮން އެއްލުމުން އިޒްރޭލުން ރައްދުދެނީ ބަޑި އާއި ކަރުނަ ގޭހުންނެވެ.










