ޑިމޮކްރެޓުން މުއިއްޒަށް ނިޒާމީ ވޯޓުގެ ޝަރުތު ނުކުރީ ޔާމީން ނެތި މަޝްވަރާ ނުކުރަން

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާ ހަސަން ލަތީފު މީޑިއާއާ ބައްދަލުކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޑިމޮކްރެޓްސްގެ އިންތިގާލީ ޗެއާ ހަސަން ލަތީފު މީޑިއާއާ ބައްދަލުކުރައްވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ނިޒާމުގެ ފެންނަ ނުފެންނަ ވޯޓުގެ ޝަރުތު ނުކުރި ސަބަބަކީ ޕީޕީއެމް/ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން އެމަނިކުފާނާ އެ މަޝްވަރާތައް މި ވަގުތު ނުކުރެވޭތީ ކަމަށް ޑިމޮކްރެޓްސްއިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބި "ކިންގް މޭކާ" ގެ ހައިސިއްޔަތުގައި މި ވަގުތު އޮތް ޑިމޮކްރެޓްސްއިން އެމްޑީޕީއަށް މި މަހުގެ 28 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ޝަރުތު ކުރި ނަމަވެސް އެފަދަ ޝަރުތެއް ޕީޕީއެމް/ޕީއެންސީއަށް ހުށަހަޅާފައެއް ނުވެ އެވެ.

މިރޭ ބޭއްވި ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ބައްދަލުވުމަށް ފަހު، އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަޝްވަރާއަކީ ބޮޑު މަޝްވަރާއަކަށް ވާތީ ޕީޕީއެމް/ޕީއެންސީގެ ލީޑަރަށް މަޝްވަރާ ނުކޮށް އެފަދަ ބޮޑު ނިންމުމެއް ނިންމަން އެ ކޯލިޝަނުން ވެސް ބޭނުން ނުވާނެ ކަން އެނގޭތީ ކަމަށެވެ.

Advertisement

"އެނގިލައްވާނެ، ރައީސް މުހައްމަދު ނަޝީދު ވެސް މަސައްކަތް ކުރެއްވި، ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވަން، ނަމަވެސް އެ އިންތިޒާމު ހަމަޖެހިގެނެއް ނުދިޔަ،" ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ ވާހަކަ ދެކެވޭނެ ހާލަތެއްގައި ރައީސް ޔާމީން ހުންނަވާ ދުވަހަކުން ހަމަ ޕީޕީއެމް/ޕީއެންސީއާއެކު މި މަޝްވަރާތައް އަދި ކުރެވޭނެ، އަޅުގަނޑުމެން މި މަޝްވަރާ ކުރާނެ، އެއީ އަޅުގަނޑުމެން ވަކާލާތު ކުރާ އެއް އަސާސް،" ހަސަން އިތުރަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު، ޔާމީނާ ބައްދަލު ކުރެއްވުމަށް ޓަކައި ކަރެކްޝަންސްގައި އެދުނީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ މެދުވެރިކޮށް މަޖިލީހުގެ އިދާރާގެ ނަމުގައި ސިޓީއެއް ފޮނުވައިގެނެވެ. ނަމަވެސް ނަޝީދާ ބައްދަލު ކުރައްވަން ޔާމީން ބޭނުންފުޅުނުވާ ކަން އެންގެވުމުން، ކަރެކްޝަންސްއަށް އެ އިންތިޒާމު ހަމަޖައްސައިނުދެވުނެވެ.

ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން މިރޭ ފާސްކުރީ އެމްޑީޕީއަށް ހުށަހެޅި ކަންކަމާއި ޕީޕީއެމަށް ހުށަހެޅި ކަންކަމަށް އެއްބަސްވުމަށް އެ ދެ ޕާޓީއަށް ވެސް އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސުންގަޑިއެއް ދިނުމަށެވެ. އަދި، އެ ދުވަހާ ހަމައަށް އެއްބަސްވެ ލިޔުމެއްގައި ސޮއިނުކުރެވިއްޖެނަމަ ވަކި ކޮޅަކަށް ނޭރުމަށެވެ.

މިރޭގެ ބައްދަލުވުމުގެ ކުރިއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޑިމޮކްރެޓްސްގެ ލީޑަރު މުހައްމަދު ނަޝީދު ވަނީ ފޯނުން ވާހަކަ ދައްކަވައިފަ އެވެ.

ނިޒާމީ ވޯޓާ ގުޅޭ ގޮތުން ނަޝީދާ ވާހަކަ ދެއްކެވި ކަމަށް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ. ނިޒާމީ ވޯޓަށް އެމްޑީޕީން އެއްބަސްވި ނަމަވެސް، އެ ވޯޓު ނެގުމަށް އެމަނިކުފާނު ހުށަހެޅުއްވީ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު އެވެ.

"އަޅުގަނޑު ދެންނެވިން އެއީ [އިންތިހާބުގެ ކުރިން ނިޒާމީ ވޯޓު ނެގުމަކީ] އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ، ހިނގާށޭ ވޯޓަށް ފަހުގައި އެއާ ދޭތެރޭގައި ޑޭޓެއް ކަނޑައަޅަން. ޑޭޓަކާ ދޭތެރޭ ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭރު އެ ޕާޓީގެ ރައީސަކަށް ވެސް ހުންނެވި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ނަޝީދުގެ ވަފާތެރިން އިސްވެ، އެމްޑީޕީން ވަކިވެވަޑައިގެން އުފެއްދެވި ޕާޓީ އެކެވެ.

އެހާތަނަށް އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ނަޝީދާއި ރައީސް ސޯލިހާ ދެމެދު އޭގެ ފަހުން އޮތީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައި ނެތް އިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށެވެ. މުއިއްޒަށް 101،635 ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ފުރަތަމަ ބުރު ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ޕާޓީއަކީ ޑިމޮކްރެޓްސް އެވެ. ރިޔާސީ ކެންޑިޑޭޓު އިލްޔާސަށް 15,839 ވޯޓު ލިބިވަޑައިގަތެވެ. ދެވަނަ ބުރު ކާމިޔާބު ކުރުމުގައި ޑިމޮކްރެޓްސްގެ ތާއީދު މުހިންމު ވެގެން އުޅެނީ މިހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox