ގިނަ ކެންޑިޑޭޓުން ވާދަކުރި އެއްވެސް އިންތިހާބެއް އެއް ބުރުން ނިމިފައެއް ނެތެވެ. ދެ ވަނަ ބުރުގައި ވާދަކުރާ ދެ ކެންޑިޑޭޓުން އަބަދުވެސް އާދޭސް ދަންނަވާނީ ތިން ވަނަ ހޯއްދަވާ ކެންޑިޑޭޓަށެވެ. ރާއްޖޭގައި 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ މަލްޓިޕާޓީ ރިޔާސީ އިންތިހާބާއި 2013 ވަނަ އަހަރު ބޭއްވި ދެ ވަނަ އިންތިހާބުގައި ވެސް ކަންވީ އެހެންނެވެ.
އެ ދެ އިންތިހާބުގައި ވެސް ތާއީދު ހޯދަން އެބޭފުޅެއްގެ ކައިރިއަށް އެންމެން ދާންޖެހުނު ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އެވެ. ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ގޮތުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި އުޅުއްވުމަށް ފަހު އުފެއްދެެވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ނުކުމެވަޑައިގެން 2008 ގައި ގާސިމް 15.32 ޕަސެންޓް ހޯއްދެވި އެވެ. އެ ފަހަރު އުފެއްދި ކޯލިޝަން ސަރުކާރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ވެރިކަން ވައްޓައިލުމުގައި އިސްކޮށް އުޅުއްވުމަށް ފަހު 2013 ގައި ގާސިމް އެއަށް ވުރެ ގިނަ ވޯޓު ހޯއްދެވި އެވެ. އެ ފަހަރު 23 ޕަސެންޓް ވޯޓު ހޯއްދެވި އެވެ.
އެއާއެކު އެ އިންތިހާބުގެ މުޅި އޮއިވަރު ބަދަލުކޮށްލި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވެސް ގާސިމެވެ. އެއަށް ފަހު ދެ ވަނަ ބުރުގައި ޕީޕީއެމްއާ އެއްކޮޅަށް އޭނާ ދީލައިލެއްވުމުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ ފުރަތަމަ ބުރުގައި ދެ ވަނަ ލިބިވަޑައިގެންނެވި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ.
އޭގެ ފަހުން 2018 ވަނަ އަހަރުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ކޯލިޝަނާ ގުޅިވަޑަައިގެން، އެޕާޓީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކާމިޔާބީގައި ވެސް ގާސިމް ހިއްސާވެ ވަޑައިގެންނެވި އެވެ.
ގާސިމަށް ފަސް ޕަސެންޓު ވެސް ލިބިވަޑައިނުގެންނެވި
ފެހި ގާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވީ މިއަދު ބޭއްވި އިންތިހާބުގަ އެވެ. އެހެންވެ، ގާސިމަށް ވެސް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވި އިންތިހާބަކީ މި އިންތިހާބޭ ބުނެވިދާނެ އެވެ. ކުރީގެ އިންތިހާބުތަކުގައި އޭނާއަށް ވާދަކުރައްވަން ޖެހިވަޑައިގެންނެވީ ވަރުގަދަ ދެ ކެންޑިޑޭޓަކާ ކަަމަށް ވިޔަސް މި ފަހަރު އެފަދަ ތިން ކެންޑިޑޭޓުން ތިއްބެވި އެވެ.
އެއީ އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ.
އެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެން މި އިންތިހާބުގައި ގާސިމަށް ލިބިވަޑައިގެންނެވީ 2.55 ޕަސެންޓް ވޯޓެވެ. މި ނަތީޖާއާ އެކު ދެ ވަނަ ބުރަކަށް ވަޑައިގެންނެވި ކެންޑިޑޭޓުންނަށް ގާސިމްގެ މާބޮޑު ހައިސިއްޔަތެއް ދެން ނޯންނާނޭ ބުނެވިދާނެ އެވެ.
އުފެއްދިތާހަ މަސް ނުވާ ޑިމޮކްރެޓުންނަށް ވޯޓުގެ ހަތް ޕަސެންޓު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އެމަނިކުފާނު ފުރަތަމަ އުފެއްދެވީ "ފިކުރެއްގެ ދިރުން" ނަމުގައި އާ ފެކްޝަނެކެވެ. އެއާ އެކު އެމްޑީޕީ ދެބައިވެ، އެމަނިކުފާނުގެ ފަހަތްޕުޅަށް ބަޔަކު އެރި ނަމަވެސް އެމްޑީޕީގެ ލީޑަޝިޕުން އެކަމަށް މާބޮޑު ސަމާލުކަމެއް ދިން ތަނެއް ނުފެނެ އެވެ.
އެހެންވެ އެހަރަކާތް އިތުރަށް ވަރުގަދަކުރައްވައި އެމަނިކުފާނުގެ އާ ޕާޓީ "ދަ ޑިމޮކްރެޓްސް އުފެއްދެވުމުން ވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުން އެކަން އެހާ ސީރިއަސްކޮށް ނުނަގަ އެވެ. އެމްޑީޕީގެ ކެމްޕެއިނުގެ ފާޑުތައް ވެސް ގިނައިން އަމާޒުވީ އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް އެކަންޏެވެ.
އެމްޑީޕީގެ އެ ވިސްނުން ކުށްހީ އަކަށް ހައްދަވައި ނަޝީދުގެ ވަރުގަދަ ކެމްޕެއިނާ އެކު އިލްޔާސް މިއަދު ހަތް ޕަސެންޓް ވޯޓު ހޯއްދެވި އެވެ. އެއީ 15،000 އަށް ވުރެ ގިނަ ވޯޓެވެ.
މިހާރު އޮތް ނަތީޖާއަށް ބަލާއިރު ދެވަނަ ބުރުގައި މޮޅުވުމަށް ޓަކައި، ދެ ވަނަ ބުރަށް ވަޑައިގެންނެވި ދެ ބޭފުޅުން ވެސް ދެން އިސްކަން ދެއްވަން ޖެހިވަޑައިގަންނަވާނީ ދަ ޑިމޮކްރެޓްސް އަށެވެ. އެޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އާ "ކިންގް މޭކާ" އަކީ ރައީސް ނަޝީދެވެ.












