މީގެ ކުރިން ކޮންމެ ފަހަރަކު ވެސް ވެރިކަން ހޯއްދަވަން ދެވަނަ ބުރުގައި އިއްތިހާދުވެ ކާމިޔާބު ކޮށްދެވެނީ ކިހާވަރެއްގެ ހިޔާނާތްތެރިންނެއް ކަމެއް އެނގިވަޑައިނުގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިއަދު ހަވީރު ފުވައްމުލައް ސިޓީއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ މަލްޓި ޕާޓީ ޑިމޮކްރެސީ ރާއްޖެއަށް އައިސް ހިނގި 15 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ ތަނަވަސްކަން އިތުރުކޮށްދެވޭނެ އެއްވެސް ސިޔާސަތެއް ހިންގިފައި ނެތް ކަމަށެވެ.
އާންމު މީހާގެ އާމްދަނީ އިތުރު ކުރުމަށް ޕްރޮޖެކްޓްތަކެއް ހިންގިފައި ނެތް އިރު ފުވައްމުލައް ސިޓީ ފަދަ 10،000 އެއްހާ މީހުން ދިރިއުޅޭ ބޮޑު އާބާދީއެއް އޮތް ތަންތަނަށް ވެސް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތްތަކެއް ވެސް ކުރެވިފައި ނެތް ކަން ގާސިމް ފާހަގަ ކުރެއްވި އެވެ.
"ބަނދަރުގެ ދަތިކަމާ ހެދި އެތައް ބަޔަކު މަރުވެ ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވޭ، ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި ބަނދަރު ހެދި ފަހުން މި ދަނީ އެ ތަން ތަރައްގީ ނުކުރެވި ގޮސް މި ދަނީ، މިއީ ވަރަށް ބޮޑު ހިނާޔާތްތެރިވުމެއް،" ގާސިމް ވިދާޅުވި އެވެ.
ސިޓީގެ ދަރަޖަ ދީފިނަމަ ހާއްސަ ބާރުވެރިކަމާއި އިތުރު ކެޕިޓަލް އާއި އާމްދަނީ އާއި ހިދުމަތްތައް އެ ތަނަކުން ލިބެން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް މިއިން އެއްވެސް ސަރުކާރަކުން ހަގީގީ ސިޓީއެއްގެ ފެންވަރަށް ސިޓީގެ ދަރަޖަ ދިން ރަށްރަށް ތަރައްގީ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށަށް ކުރަން ޖެހޭ ކަންކަމާއި ރައްޔިތުންގެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތް ނުވެ އޮތް އިރު, މިދިޔަ ތިން ސަރުކާރުގައި ވެސް ކަނޑައެޅިގެން ގާނޫނު އަސާސީއާ ޚިލާފުވެ ދިވެހި ދައުލަތާއި ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.
އޭގެ މިސާލެއްގެ ގޮތުން ފާހަގަ ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޯޓު އަމުރެއް ނެތި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި، މި ސަރުކާރުގައި ރާއްޖޭގެ ދެކުނުގެ ކަނޑުގެ އިމުގެ މައްސަލާގައި ކޮރަޕްޝަން އޮތް ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތަކެވެ.
"އަޅުގަނޑު ވެސް މި ބޭފުޅުން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރީމޭ، އޭރަކު އަޅުގަނޑަކަށް ނޭނގެ މިއީ މި ވަރުގެ ހިޔާނާތްތެރިން ކަމެއް،" ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީއަށް ދެ ފަހަރު ވެރިކަން ލިބުމުން ވެސް ގާނޫނު އަސާސީއާ ހިލާފަށް ނަޝީދާއި ރައީސް ސޯލިހު ވެސް އަމަލު ކުރެއްވި ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ. ޔާމީނު ވެސް ގާނޫނު އަސާސީއާ ހިލާފަށް އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ބަންދު ކުރި ކަމަށް ކުރައްވާ ތުހުމަތުތައް ވެސް ތަކުރާރުކުރެއްވި އެވެ.
"ކޮބައިތޯ، ހަމްދަރުދީއެއް، ރަހުމެއް، މިއީ މީނައަށް [ކުރީގެ ރައީސް ޔާމީނަށް] ކާންދީ، ކިޔަވައިދީ، މިނިސްޓަރުކަންދީ، ޕާޓީ ހަދައިދީ، ވެރިކަމަށް ގެންނަން ކެމްޕެއިން ކޮށްދީ، މަސައްކަތް ކޮށްދިން އަމިއްލަ ބޭބެއޭ [ކުރީގެ ރައީސް މައުމޫން]،" ގާސިމް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއި ޕީޕީއެމަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ގާސިމް ވިދާޅުުވި އެވެ. ރައްޔިތުން ނުކުމެ ވޯޓު ނުދިނުމުން އެއިން އެއްވެސް ޕާޓީއެއް "މާ ބޮޑު" ޕާޓީން ގޮތުގައި ނުތިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރިޔާސީ ރޭހުގެ ކިންގް މޭކާގެ ދައުރު
މީގެ ކުރިން 2008، އަދި 2013 ގައި ވެސް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. އަދި 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.
ދެ އިންތިހާބުގައި ވެސް ދެ ވަަނަ ބުރަށް ދެވޭ ވަރަށް ގާސިމަށް ވޯޓު ނުލިބުނު ނަމަވެސް އެ ދެ ފަހަރު ވެސް އިންތިހާބު ކާމިޔާބުކުރީ ގާސިމްގެ ތާއީދު އޮތް ކެންޑިޑޭޓެވެ. އަދި ދެވަނަ ބުރުގައި، އެ ދެ އަހަރު ވެސް، ގާސިމް ތާއީދު ކުރެއްވީ ފުރަތަމަ ބުރުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓަށެވެ.
ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ވެސް ސަރުކާރު އެކުލަވާލީ ޖޭޕީއަށް ހިއްސާއެއްދޭ ގޮތަށެވެ.
އެންމެ ފަހުން 2018 ގެ ރިޔާސީ އިންތިހާބު އޮތް އިރު، ގާސިމް ހިމެނޭހެން އޭރުގެ އިދިކޮޅު ހުރިހާ ލީޑަރުން ތިބީ ޖަލު ހުކުމެއްގައި ނުވަތަ ހުކުމެއް ނެތި ބަންދުގަ އެވެ. އެހެންވެ ޖޭޕީގެ އިތުރަށް އެމްއާރުއެމާއި އަދާލަތު ޕާޓީން ތާއީދުކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހަށެވެ.
ރައީސް ސޯލިހުގެ ސަރުކާރުގައި ވެސް ޖުމްހޫރީ ޕާޓީއަށް ހިއްސާއެއް ދީފައިވެ އެވެ. ސަރުކާރު ކެބިނެޓުގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުން އެބަ ތިއްބެވި އެވެ. ސަރުކާރުން އަދިވެސް ޖުމްހޫރީ ޕާޓީގެ ބޭފުޅުން ވަކިނުވި ނަމަވެސް އެ ޕާޓީގެ ކައުންސިލުން ނިންމީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ.
މި ފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލަށް، ރައީސް ސޯލިހާއެކު އިތުރު ފަސް އަހަރަށް ކޯލިޝަން ހަދަން ލިބިފައިވާ ދައުވަތު ވެސް އެ ޕާޓީގެ ލީޑަރު ގާސިމް ހިއްސާކުރެއްވި އެވެ. ނަމަވެސް ކައުންސިލުން އަނެއްކާ ވެސް ނިންމީ އިންތިހާބުގައި ވާދަކުރަން ނިންމި ނިންމުން ދެމެހެއްޓުމަށެވެ.












