މިލާން (ސެޕްޓެމްބަރު 3) - ފޯމުގައި ހުރި ފޯވާޑް ލަޓާރޯ މާޓިނޭޒްގެ ގޯލުތަކާ އެކު އިންޓަ މިލާނުން ފިއޮރެންޓީނާ 4-0 އިން ބަލިކޮށް އިިޓާލިއަން ލީގުގެ ތާވަލްގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އާ ސީޒަންގައި މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވަނީ އިންޓަ މިލާނާއި އޭސީ މިލާނުންނެވެ. މި ދެ ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު އިންޓަ އެއް ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ވަނައިގައި އުޅެނީ ޔުވެންޓަސް އެވެ.
ފިއޮރެންޓީނާ އަތުން އިންޓަ މޮޅުވި މެޗުގައި އާޖެންޓީނާގެ ފޯވާޑް މާޓިނޭޒް ވަނީ ދެ ގޯލު ޖަހާފަ އެވެ. މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ ކުޅުނު ތިން މެޗުގައި ފަސް ގޯލު ޖަހާފަ އެވެ. ރޭގެ މެޗުގައި އެ ޓީމްގެ އަނެއް ދެ ގޯލު ޖަހައިދިނީ މާކަސް ތުރާމް އާއި ހަކަން ޗަނަނޯލޫ އެވެ.
މާކަސް ތުރާމް މި މެޗުގައި ޖެހި ގޯލަކީ ޖަރުމަންގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އިންޓަ މިލާނަށް އޭނާ ބަދަލުވި ފަހުން ތުރާމް ޖެހި ފުރަތަމަ ގޯލެވެ.
ލީގުގައި ރޭ ޔުވެންޓަސް އިންވެސް ވަނީ އެ ޓީމު ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ. އެމްޕޯލީއާ ވާދަކޮށް ޔުވެންޓަސް މި މެެޗު ކާމިޔާބުކުރީ 2-0 އިންނެވެ. މެޗުގައި އެޓީމްގެ ދެ ގޯލު ޖަހައިދިނީ ޑިފެންޑަރު ޑެނީލޯ އާއި ފެޑެރީކޯ ކިއޭސާ އެވެ.
ޔުވެންޓަސް އިން ރޭ ކުޅުނު މެޗުގައި އެޓީމްގެ މިޑްފިލްޑަރު ޕައުލް ޕޮގްބާ ކުޅުނެވެ. މިއީ އަނިޔާގައި ތިން މަސްދުވަހު ހުރުމަށް ފަހު ޕޮގްބާ އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.
އަނިޔާގެ ސަބަބުން ޔުވެންޓަސްއަށް އޭނާގެ ބޭނުން ނުހިފޭތީ ކުލަބުން ޕޮގްބާ ވިއްކާލަން އުޅޭ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ. އެ ގޮތުން ސައުދީ ލީގުގެ ކުލަބުތަކުން ޕޮގްބާ ހޯދުމަށް ޝައުގުވެރިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.












