ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. އަތޮޅުގެ ހުރިހާ ރަށަކަށް ތިން ދުވަހުގެ ތެރޭގައި ވަޑައިގަތުމަށް ފަހު ދެން މިސްރާބު ޖެއްސެވީ ރ. އަތޮޅަށެވެ. ނަމަވެސް މުޅި އަތޮޅު ކަވަރު ކުރުމުގެ ބަދަލުގައި މި ވަގުތަށް އަމާޒުކުރެއްވީ އަތޮޅުގައި ތާއީދު އިތުރުކުރަން ޖެހިފައިވާ ނުވަ ރަށަކަށެވެ.
އެންމެ ފުރަތަމަ, މިދިޔަ ބުދަހުގެ ހެނދުނު ހެނދުނާ ވަޑައިގަތީ 2018 ގައި ފުރިހަމަ އަގުލަބިއްޔަތެއް ރައީސް ސޯލިހަށް ދިން ކިނޮޅަސްއަށެވެ. އެކަމަކު، އެއީ ސީދާ އެމަނިކުފާނުގެ އެމްޑީޕީއަށް ތާއީދު އޮތް ރަށެއް ނޫނެވެ. އެއީ އެ ޕާޓީއާ އޭރު ވެސް އަދި މި ފަހަރު ވެސް އިއްތިހާދުވެފައިވާ އަދާލަތު ޕާޓީގެ ވަރުގަދަ ކިއްލާއެކެވެ.
އަތޮޅު ބަދަލުވި ކަމުގެ އިހުސާސް އެ ރަށަށް އެރުމާއެކު ވެއްޖެ އެވެ.
ބ. އަތޮޅުގައި ކޮންމެ ވެސް ވަރަކަށް، އެމްޑީޕީއާ މެދު ނުރުހިގެން އެ ޕާޓީއާ ދުރަށް ޖެހި، ޕާޓީގެ ދުވަސްވީ ސަޕޯޓަރުންތަކެއް އުފެއްދި ޑިމޮކްރެޓްސްގެ ދިދަތަކާއި ހަރަކާތްތައް ވެސް ފެނުނެވެ. ނަމަވެސް ކިނޮޅަހާ ހަމައިން އެ މަންޒަރު ތަފާތެވެ. ކިނޮޅޮހުގައި އޮތީ ވަރުގަދަ ފެހި ކުލައިގެ އާދަލަތު ދިދަ އެވެ.
ދީނީ އިލްމުވެރިން ގިނަ އަދާލަތު ޕާޓީއަށް ބޮޑު ތާއީދެއް އޮތް ކިނޮޅޮހުގައި ކެމްޕެއިން ލަވަ ޖެހުމެއް ވެސް ނެތެވެ. އެކަމަކު މުޅި ކިނޮޅޮސް އޮތް ގޮތަށް އެއްވެ އޮތީ، އަދާލަތު ޕާޓީއާ އިއްތިހާދުވެފައިވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށެވެ.

"މިއީ ރ. އަތޮޅު ކިނޮޅަސް، މި ވެރިކަން އުފެދި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކުރަން ސޮއިކުރެވި، ބަރާބަރު އަށް މަސް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށައިފިއޭ،" ރައީސްއާއެކު ކިނޮޅަސް އޮތް ސަބަބު ބަޔާންކޮށްދެއްވަމުން ރަށު ކައުންސިލްގެ ރައީސް އަހުމަދު ހުސައިން ވިދާޅުވި އެވެ.
އެ ދުވަހު ފައިނާއި މީދުއަށް ވަޑައިގަތުމަށް ފަހު، ރ. އަތޮޅު މަޑުއްވަރީ ރައީސް ސޯލިހު ވަޑައިގަތީ، މި ސަރުކާރުން އެ ރަށުގައި ހެދި އާ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށާއި އެކުގަ އެވެ. މަޑުއްވަރީއަށް އެމަނިކުފާނު ވަޑައިގަތީ ވެސް އެމްޑީޕީ ދިދަ ޖަހާފައިވާ ލޯންޗުފަހަރުތަކުގެ ކަނޑު ރެލީއަކުންނެވެ.
މަޑުއްވަރީން ރައީސަށް ހޫނު މަރުހަބާއެއް ދެންނެވީ، ބޮޑުބެރާއި ނެށުމުގެ އެތައް އައިޓަމްތަކުންނެވެ. ރަށްރަށުގައި ސިޔާސީ ފޯރި ކުޑަވެފައިވާ މި ދުވަސްވަރު މަޑުއްވަރީން ފެނުނީ ތަފާތު ޖޯޝެކެވެ. މަޑުއްވަރީ ރައްޔިތުން ބޭނުންވާ ކަންކަން ހިމެނޭ ސާވޭ ރިޕޯޓެއް ވެސް ރައީސަށް އެރުވި އެވެ.

ރ. މީދޫން ރ. މަޑުއްވަރީއަށް ކަނޑު ރެލީއެއްގެ ހަރަކާތަކާއެކު ރައީސް ވަޑައިގަތުން - ފޮޓޯ: އެމްޑީޕީ
މަޑުއްވަރީއަށް ފަހު ރައީސް ދެން ވަޑައިގަތީ ރ. އަތޮޅުގެ އެންމެ ބޮޑު އާބާދީ އޮތް ދުވާފަރަށެވެ. ސުނާމީ ކާރިސާގެ ކުރިން އެ އަތޮޅު ކަނދޮޅުދޫގައި އުޅުނު މީހުން މަޝްހޫރުވެފައިވަނީ ވެސް ހަރަކާތްތެރި ބައެއްގެ ގޮތުގަ އެވެ. ރައީސަށް ދުވާފަރުން ކީ މަރުހަބާއިން އެ ހަރަކާތްތެރިކަން ފެނުނެވެ.
މަރުހަބާ ކިޔަން ރަށުގެ ބަނދަރު ސަރަހައްދަށް އެއްވެ ތިބި މީހުންގެ ސަފުން، ފަހަރަކު މީހަކާ ރައީސް ސަލާމް ކުރަމުން ދިޔަ އިރު "އެއްބުރުން، ރައީސް އިބޫ" މި އަޑު ނުކެނޑެ އެވެ. ދިގު ސަފުގެ ކޮންމެ މީހަކާ ސަލާންކޮށް ނިމި ރައީސް އެ ތަނުން ވަޑައިގަތް ފަހުން ވެސް، އެއްވެ ތިބި ސަޕޯޓަރުން މަދު މެދަށް އެއްވެ ނަށަމުން ފޯރިދެމުން "އެއްބުރުން، ރައީސް އިބޫ" ބާރަށް ގޮވަމުން ދިޔަ އެވެ.
"ސިޔާސީ ޕާޓީތަކުގެ ހަރަކާތް ފެށުނު އިރު ރަށް އޮތީ ވަރަށް ބޮޑަށް ޑީއާރުޕީއާއެކު އޭރު، އެކަމަކު އަހަރަކަށް ފަހު އަހަރެއް، ބަދަލުވަމުން ބަދަލުވަމުން، މިއީ މިހާރު ވަރަށް އެމްޑީޕީ ރަށެއް، އެ މަންޒަރު އެ ފެންނަނީ،" ކަނދޮޅުދޫން އެންމެ ފުރަތަމަ އެމްޑީޕީއަށް ވަން މީހުންގެ ތެރޭގައި، އެ ރަށަށް މަޝްހޫރު ސީމެން ބުންޏެވެ.

ރ. ދުވާފަރު ޖަލްސާގައި އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން - ފޮޓޯ: އެމްޑީޕީ
އިއްޔެ ރައީސް ވަޑައިގަތް ރަށްރަށުގައި ވެސް ވަރަށް ތަފާތު ފޯރިއެއް ފެނުނެވެ. އެހެން ރަށްރަށުގައި އަޑުގަދަކޮށް ޖަހަމުން ދިޔައީ އެމްޑީޕީގެ މައި ކެމްޕެއިން "އުފާވެރި އަމާން ރާއްޖެ" ލަވަތަކެވެ. އިނގުރައިދޫ ދާއިރާގައި ހިމެނޭ އިނގުރައިދުއާއި އިންނަމާދުއާއި ރަސްމާދޫން އިވުނީ އެ ދާއިރާއަށް ހާއްސަ ލަވަތަކެކެވެ. ރައީސްގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރު ހަސަން އަހުމަދަށް ތައުރީފު ކުރައްވާފައިވެ އެވެ.
ރ. އަތޮޅުގެ ނުވަ ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ތަފާތު ފޯރިއެއް ފެނުނު އިރު އެ ޕާޓީ "ރުޅާލާން" ނުކުމެ ތިބި ޑިމޮކްރެޓްސްގެ ދިދަތަކާއި ހަރަކާތްތައް މި އަތޮޅުގައި ވަރަށް ބޮޑަށް ވެސް ފަނޑެވެ. މި ހިތްހަމަޖެހުމާއެކު އެއިން ކޮންމެ ރަށަކަށް ވެސް ރައީސް ސޯލިހު ވަނީ އުންމީދީ އަދި ބިޔަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.
ރ. ކިނޮޅަސް
ކިނޮޅޮހަކީ ރަޖިސްޓްރީގައި 648 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 492 މީހުނެވެ.
މި ދައުރު
- ފެނާއި ނަރުދަމާ (ނިމިފައި)
- ބަނދަރު އަޕްގްރޭޑްކުރުން (ނިމިފައި)
- ފުޓްސަލް ދަނޑު (ނިމިފައި)
- ސްކޫލް ހަ ކްލާސް ރޫމް (ނިމިފައި)
- ސިއްހީ މަރުކަޒުގެ ވަށާފާރު އަދި އެމްބިއުލާންސް ބާއްވާނެ ޖާގަ ހެދުން (ހިނގަމުން ދަނީ)
- ގޮނޑުދޮށް ހިމާޔަތް ކުރުން (ކޮންޓްރެކްޓް ކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓް ކޮށްފައި)
- ކުޑަކުދިންގެ ޕާކު (ޓެންޑާކޮށްފައި)
- ފަނާވާ ޒާތުގެ ކުނި މެނޭޖުކުރަން ބަޔޯ ޓްރީޑްމަންޓް ސިސްޓަމް (ޓެންޑަކޮށްފައި)
- އާ އިންޖީނުގެ އިމާރާތް (ނިމިފައި)
އަންނަ ދައުރަށް
- ބޮޑެތި މަގުތަކުގައި ތާރު އެޅުން
- ކައުންސިލްގެ އާ އިމާރާތް
- ސްކޫލް މަލްޓިޕާޕަސް ހޯލް
- ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން
- އިންޑޯ ސްޕޯޓްސް ހޯލް
- ލޯކަލް ޓުއަރިޒަމް ފުޅާކުރުން
ރ. ފައިނު
ފެހިކަން ގަދަ، ބިން ވެސް ބޮޑު ފައިނަކީ ރަޖިސްޓްރީގައި 517 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 388 މީހުނެވެ.
މި ދައުރު
- ގޮނޑުދޮށް ހިމާޔަތްކުރުން (ނިމިފައި)
- އައުޓްޑޯޖިމް (ނިމިފައި)
- ފުޓްސަލް ދަނޑު (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ފެނާއި ނަރުދަމާ (ހިނގަމުން ދަނީ)
- ސްކޫލްގެ ތިން ބުރި އިމާރާތް (ހިނގަމުން ދަނީ)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ޒުވާނުންގެ މަރުކަޒު (އެވޯޑުކޮށްފައި)
އަންނަ ދައުރަށް
- ޒުވާނުންގެ މަރުކަޒު ނިންމުން
- ސްވިމިން ޓްރެކެއް
- ރަށް ވަށާ ދުއްވޭނެ ރިންގު ރޯޑެއް ހެދުން
- ލޯކަލް ޓުއަރިޒަމް ފުޅާކުރުން
ރ. މީދޫ
މީދޫއަށް ރަޖިސްޓްރީގައި ވަނީ 2257 މީހުންގެ އާބާދީއެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 1723 މީހުނެވެ.
މި ދައުރު
- ތައުލީމީ މަރުކަޒުގެ ދެ ބުރި އިމާރާތް (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ނިމިފައި)
- 30 އެނދުގެ އާ ހޮސްޕިޓަލް (ކޮންޓްރެކްޓްކޮށްފައި)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީޖީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- އައުޓްޑޯ ޖިމް (ޓެންޑަކޮށްފައި)
- ބަނދަރު އަޕްގްރޭޑްކުރުން (ޕްލޭންކޮށްފައި)
- ފެން ހިންދާ ނިޒާމު (ޕްލޭންކޮށްފައި)
- ފެނަކަ އޮފީސް އަ އިމާރާތް (ހިނގަމުން ދަނީ)
އަންނަ ދައުރަށް
- ބަނދަރު ބޮޑުކުރުން ނިންމުން
- އާ ހޮސްޕިޓަލް ނިންމުން
- ބިން ހިއްކައި ހައުސިން ޕްރޮޖެކްޓެއް
- ހުރިހާ މަގެއްގައި ތާރު
- އާ އިންޖީނުގެއެއް އެޅުން
- ފުޓުބޯޅަ ދަނޑު ރޮސްޓަމް އެޅުން
- ވޮލީ ކޯޓެއް
- ކޮމިއުނިޓީ ސެންޓަރެއް
ރ. މަޑުއްވަރީ
ރ. މަޑުއްވަރީއަކީ ރަޖިސްޓްރީގައި 2597 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 1619 މީހުނެވެ.
މި ދައުރު
- ފެނާއި ނަރުދަމާ (ނިމިފައި)
- އާ ބަނދަރު (ނިމިފައި)
- 25 ޓަނުގެ އައިސް ޕްލާންޓެއް (ނިމިފައި)
- އައުޓްޑޯ ޖިމް (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ހިނގަމުން ދަނީ)
- މަގުތައް ހެދުން (ކޮންޓްރެކްޓްކޮށްފައި)
- އިޖުތިމާއީ މަރުކަޒު (ކޮންޓްރެކްޓްކޮށްފައި)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ކައުންސިލް އޮފީސް އާ އިމާރާތް (ޓެންޑަކޮށްފައި)
- ގޮނޑުދޮށް ހިމާޔަތްކުރުން (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ހެލްތު ސެންޓަރު އިމާރާތް (ޕްލޭންކޮށްފައި)
- ފެނަކަ އޮފީސް އާ އިމާރާތް (ޕްލޭންކޮށްފައި)
އަންނަ ދައުރަށް
- ރޯހައުސް، ފެލްޓް، ގޯތީގެ ތެރެއިން ހިންގާނެ ޕްރޮޖެކްޓުތަކެއް ކަނޑައެޅުން
- ހެލްތު ސެންޓަރުގެ ވަސީލަތްތައް އިތުރުކޮށް އަޕްގްރޭޑު ކުރުން
- ސްކޫލަށް ބޭނުންވާ ޖާގައިގެ ދަތިކަން ހައްލު ކުރުން
- ފުޓުސަލް ދަނޑު
- ހޭންޑްބޯލް ކޯޓު
- އޮޑިދޯނި ފަހަރު އެހެލަން ބޯޓުޔާޑު ސަރަހައްދެއް
- މީހުން އުޅޭ ސަރަހައްދާ ދުރަށް އިންޖީނުގެ ގެންދިޔުން
ރ. ދުވާފަރު
ދުވާފަރުގައި ދިރިއުޅޭ އާބާދީއަކީ 3156 މީހުނެވެ. ރަށުގެ ރަޖިސްޓްރީގައި 5000 އެއްހާ މީހުން ހިމެނެ އެވެ.
މި ދައުރު
- 22.2 ހެކްޓަރުގެ ބިން ހިއްކުން (ނިމިފައި)
- 5.7 ކިލޯމީޓަރުގެ މަގު ހެދުން (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުން (ހިނގަމުން ދަނީ)
- ބޭރު ތޮއްޓާއި ބަނދަރު ހެދުން (ކޮންޓްރެކްޓްކޮށްފައި)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކޮށްފައި)
- ވޮލީ ކޯޓު (މަޑުޖެހިފައި)
- ޕްރައިމަރީ ސްކޫލްގެ ހަތަރު ކްލާސް ރޫމުގެ ދެ ބުރި އިމާރާތް (މަޑުޖެހިފައި)
- އިޖުތިމާއީ މަރުކަޒު (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ޕްރަިމަރީ ސްކޫލް އަޕްގްރޭޑްކުރުން (ޕްލޭންކޮށްފައި)
- އަތޮޅު މަދަރުސާ އަޕްގްރޭޑްކުރުން (ޕްލޭންކޮށްފައި)
އަންނަ ދައުރަށް
- ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުން
- ބިން އިތުރަށް ހިއްކައި ރޯ ހައުސް އެޅުން
- ފަޅުގައި އެއާޕޯޓެއް އެޅުމުގެ މަޝްވަރާކުރުން
- ހުރިހާ މަގެއްގައި ތާރުއެޅުން
- ފެށުމަށްފަހު ނުނިމި ހުރި ޕްރޮޖެކްޓްތައް ނިންމުން
ރ. އިނގުރައިދޫ
އިނގުރައިދޫއަކީ ރަޖިސްޓްރީގައި 1928 މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ރަށުގަި ދިރިއުޅޭ އާބާދީއަކީ 1222 މީހުނެވެ.
މި ދައުރު
- ފެނާއި ނަރުދަމާ (ނިމިފައި)
- އައުޓްޑޯ ޖިމް (ނިމިފައި)
- ފުޓުބޯޅަ ދަނޑު (ހިނގަމުން ދަނީ)
- ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރު (ހިނގަމުން ދަނީ)
- ސްކޫލް ހަތަރު ކްލާސް ރޫމް، ސްޓާފްރޫމް، މަލްޓިޕާޕަސް ހޯލް (ހިނގަމުން ދަނީ)
- ބަނދަރު ނެރުފައިކަށި ހެދުން (ކޮންޓްރެކްޓްކޮށްފައި)
- ސިއްހީ މަރުކަޒު އާ އިމާރާތް (ކޮންޓްރެކްޓްކޮށްފައި)
- ޕޮލިސް ސްޓޭޝަން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ކުޑަކުދިންގެ ޕާކު (ޓެންޑާކޮށްފައި)
- މަގު ހެދުން (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ފެނަކަ އޮފީސް އާ އިމާރާތް (ޕްލޭންކޮށްފައި)
އަންނަ ދައުރަށް
- އިރުމަތިން ބިން ހިއްކައި ރޯހައުސް އެޅުން
- ހޭންޑް ބޯލް ކޯޓު
- ބަނދަރު އިތުރަށް ތަރައްގީކުރުން
- ކައުންސިލް އާ އިމާރާތް
ރ. އިންނަމާދޫ
އިންނަމާދޫއަކީ ރަޖިސްޓްރީގައި 928 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 535 މީހުނެވެ.
މި ދައުރު
- ފެނުގެ ނިޒާމު (ނިމިފައި)
- ނަރުދަމާ (ކުރީ ދައުރު ފަށައި، މި ދައުރު ނިމިފައި)
- ފުޓުސަލް ދަނޑު (ނިމިފައި)
- އައުޓްޑޯ ޖިމް (ނިމިފައި)
- ވޮލީ ކޯޓު (ހިނގަމުން ދަނީ)
- ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑްކުރުން (ހިނގަމުން ދަނީ)
- ބަނދަރު އަޕްގްރޭޑްކުރުން (ކޮންޓްރެކްޓްކޮށްފައި)
- ގިރާ ސަރަހައްދު ހިމާޔަތްކުރުން (ކޮންޓްރެކްޓްކޮށްފައި)
- ސްކޫލްގެ މަލްޓި ޕާޕަސް ހޯލް (މަޑުޖެހިފައި)
- ޕެނަކަ އޮފީސް އާ އިމާރާތް (ޕްލޭންކޮށްފައި)
އަންނަ ދައުރަށް
- ސްކޫލަށް ވަސީލަތްތައް އިތުރުކޮށް ޖާގަ ބޮޑުކުރުން
- ޔޫތު ސެންޓަރެއް
- ހައުސިން ޕްރޮޖެކްޓެއް ހިންގުން
- ސިއްހީ މަރުކަޒުގެ ވަސީލަތްތައް އިތުރުކޮށް 24 ގަޑިއިރުގެ ހިދުމަތް
- ކައުންސިލްގެ އާ އިމާރާތެއް
- ބޮޑެތި މަގުތަކުގައި ތާރު
- ފައިބަރު މަސައްކަތްކުރާ މީހުނަށް ވަންދޫން ބިން ދިނުން
ރ. ރަސްމާދޫ
ރަސްމާދުއަކީ ރަޖިސްޓްރީގައި 901 މީހުން ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 489 މީހުނެވެ.
މި ދައުރު
- ނަރުދަމާ (ކުރީ ދައުރު ފަށައި މި ދައުރުގައި ނިންމުން)
- ބަނދަރު އަޕްގްރޭޑްކުރުން (ނިމިފައި)
- ގޮނޑުދޮށް ހިމާޔަތްކުރުން (ނިމިފައި)
- ސާފްޝެކް ގާއިމުކުރުން (ނިމިފައި)
- ފެނުގެ ނިޒާމު (ހިނގަމުން ދަނީ)
- ސްކޫލުގެ ތިން ބުރި އިމާރާތް (ހިނގަމުން ދަނީ)
- ގިރާ ސަރަހައްދު ހިމާޔަތްކުރުން (ކޮންޓްރެކްޓްކޮށްފައި)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ކުޑަކުދިންގެ ޕާކު (މަޑުޖެހިފައި)
- ފުޓުސަލް ދަނޑު (ޓެންޑާކޮށްފައި)
- ވޮލީ ކޯޓު (ޓެންޑާކޮށްފައި)
- ފެނަކަ އާ އިންޖީނުގެ (ނިމިފައި)
އަންނަ ދައުރަށް
- ބޮޑެތި މަގުތަކުގައި ތާރު އެޅުން
- ސްކޫލް މަލްޓި ޕާޕަސް ހޯލް
- ފުޓުބޯޅައިގެ ޓާފް ދަނޑެއް
- އައުޓްޑޯ ޖިމް
- ހައުސިން ޔުނިޓް ނުވަތަ ރޯހައުސް
- ކައުންސިލްގެ އާ އޮފީސް އިމާރާތް
ރ. ހުޅުދުއްފާރު
ހުޅުދުއްފާރަކީ ރަޖިސްޓްރީގައި 1602 މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ. ރަށުގައި ދިރިއުޅޭ އާބާދީއަކީ 1133 މީހުނެވެ.
މި ދައުރު
- އައުޓްޑޯ ޖިމް (ނިމިފައި)
- ކުޑަކުދިންގެ ޕާކު (ނިމިފައި)
- ސްކޫލް މަލްޓިޕާޕަސް ހޯލް (ނިމިފައި)
- 3.2 ކިލޯމީޓަރު މަގު ހެދުން (ހިނގަމުން ދަނީ)
- ފުޓުބޯޅަ ދަނޑު (ހިނގަމުން ދަނީ)
- ސިއްހީ މަރުކަޒު އެކްސްޓެންޝަން (ހިނގަމުން ދަނީ)
- ސޯލާ ޕީވީ ސިސްޓަމް (ކޮންޓްރެކްޓްކޮށްފައި)
- ގިރާ ސަރަހައްދު ހިމާޔަތްކުރުން (އެވޯޑުކޮށްފައި)
- ޓީޗަރުންގެ އެކޮމޮޑޭޝަން ބްލޮކް އަޕްގްރޭޑު ކުރުން (ޕްރީ ޓެންޑަރިން މަރުހަލާގައި)
- ފެނަކަ އާ އޮފީސް އިމާރާތް (ޕްލޭންކޮށްފައި)
- އިންޖީނުގެ ބޮޑުކުރުން (މަޑުޖެހިފައި)
އަންނަ ދައުރަށް
- ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމުން
- ހައުސިން ޔުނިޓު ނުވަތަ ފްލެޓު އެޅުން
- ކޮމިއުނިޓީ ސެންޓަރެއް
- ސްކޫލަށް އޮފީސް އަދި އިތުރު ކުލާސް ރޫމުތައް
- އިތުރު މަގުތައް ހެދުން
- ބަނދަރު އަޕްގްރޭޑު ކުރުން
- ސިއްހީ މަރުކަޒު، އިންޖީނުގެ އަދި ފެނަކަ އޮފީހުގެ މަސައްކަތް ނިންމުން












