ޕެރިސް (އޮގަސްޓް 25) - ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ، މި ޓްރާންސްފާގައި ރެއާލް މެޑްރިޑަށް ބަދަލުވެދާނެ ކަމަށް ދެކެވޭ ވާހަކަތައް ކޯޗު ކާލޯ އަންޗެލޮޓީ ދޮގުކޮށްފި އެވެ.
އެމްބާޕޭ 24، ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތައް ގަދަވެފައިމިވަނީ ކުލަބުގެ ވެރިންނާއި އެމްބާޕޭއާ ދެމެޗު ދެބަސްވުންތަކެއް ހިނގާފައިވާ ދަނޑިވަޅެއްގަ އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑަކީ އެންމެ ކުރީސުރެ އެމްބާޕޭ ގަތުމަށް ޝައުގުވެރިވަމުން އައި ކުލަބެކެވެ. އެ ގޮތުން، 2016 ގައި މޮނާކޯ ޓީމުން ވިދާލި ފަހުން އެމްބާޕޭ އާއި ރެއާލްއާ ގުޅުވައި ގިނަ ވާހަކަތަކެއް ދެކެވެ އެވެ.
މި ފަހަރު ފެތުރެމުން އަންނަ ހަބަރުތަކާ ގުޅޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ޔަގީނުން ވެސް މި ޓްރާންސްފާގައި އެމްބާޕޭ ރެއާލަށް ނާންނާނެ ކަމަށާއި، އެމްބާޕޭ ނޫން އެހެން ކުޅުންތެރިއަކަށް ވެސް މިވަގުތު އެ ޓީމުން ފުރުސަތެއް ނެތްކަމަށެވެ. އަދި ކުލަބާއި ކުޅުންތެރިންގެ ހުރިހާ ވިސްނުމެއް ހުރީ ދާދި ފަހުން ފެށި އާ ސީޒަނަށް ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.
އެމްބާޕޭ ގަތުމަށް ދުނިޔޭގެ ރެކޯޑު އަގެއް ކަމަށްވާ 259 މިލިއަން ޕައުންޑްގެ ބިޑެއް ސައުދީ ލީގުގެ އަލް ހިލާލުން ހުށަހެޅި އެވެ. އަލް ހިލާލުން ވަނީ ދުނިޔޭގެ ރެކޯޑު އަގެއް ހުށަހަޅައި ކުޅުންތެރިޔާއާ ވާހަކަދެއްކުމަށް ޕީއެސްޖީއާ އެކު އެއްބަސްވުމަކަށް ވެސް އަތުވެފަ އެވެ. އެ މައްސަލައިގައި ކުލަބުގެ ވެރިންނާއި އެމްބާޕޭއާ ދެމެދު ދެބަސްވުން އުފެދި ކުލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިނުކޮށް ހަފްތާއެއްހާ ދުވަސް ހޭދަކުރި އެވެ.
ޕީއެސްޖީ އިން ފްރާންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާ ނުކުޅެ އެވެ. ނަމަވެސް ދެ ވަނަ މެޗުން ފުރުސަތު ލިބުނުއިރު އެ މެޗުގައި އެމްބާޕޭ ގޯލެއް ވެސް ޖެހި އެވެ.
އެމްބާޕޭ ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަށް ހަމަވާއިރު، ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ ވިއްކާލަން އެކުލަބު ބޭނުމެއް ނުވެ އެވެ. ބެލޭ ގޮތުގައި އެމްބާޕޭއާ އެކު އެއް އަހަރުގެ ކޮންޓްރެކްޓެއް އެކުލަބުން ހަދާނެ އެވެ. މައިގަނޑު ބޭނުމަކީ އެއްވެސް އަގެއް ނުލިބި ހިލޭ އެމްބާޕޭ އެކުލަބު ދޫކޮށްލަން ފުރުސަތު ނުލިބުމެވެ.












