ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލާއި ޗެލްސީ 1-1 އިން އެއްވަރުވެއްޖެ އެވެ.
މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި ޗެލްސީން ކުޅުނު ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗަށް ފަހު ޕޮޗެޓީނޯ ވެސް ވަނީ އެ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަން ފާހަގަކޮށް ވާހަކަ ދައްކައިފަ އެވެ.
މި މެޗުގައި ލީޑުނެގީ ލިވަޕޫލުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ދިން ބޯޅައަކުން ލިވަޕޫލަށް ލަނޑު ޖަހައިދިނީ ލުއިޒް ޑިއާޒް އެވެ. އޭގެ ކުރިން ސަލާހަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. ސަލާހު، ލިވަޕޫލަށް ގޯލެއް ޖަހައިދިން ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ.
ޗެލްސީ އަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 37 ވަަަނަ މިނިޓްގައި އަކްސެލް ޑިސާސީ އެވެ. މިއީ ޗެލްސީގެ ބެން ޗިލްވެލް ދިން ބޯޅައަކުން ޑީސާސީ ޖެހި ލަނޑެކެވެ. އެއްވަރުކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޗެލްސީ އަށް ޗިލްވެލް ވަނީ ލީޑުވެސް ނަގައިދީފަ އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި މި ގޯލު ވެސް ބަލައިނުގަތެވެ.
ދެ ވަނަ ހާފުގައި ދެ ޓީމުން ވެސް އެޓޭކްތަކެއް ކުރި ނަމަވެސް ގޯލެއް ނުޖެހި މެޗު އެއްވަރުވީ އެވެ.
ޓޮޓެންހަމް ހޮޓްސްޕާސްގެ އާ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ބްރެންޓްފޯޑާ 2-2 އިން އެއްވަރުވެފަ އެެވެ. ކްރިސްޓިއަން ރޮމޭރޯގެ ގޯލުން ޓޮޓެންހަމް އިން ލީޑުނެގި ނަމަވެސް ބްރަޔާން އެމްބުއޭމޯ އާއި ޔޮއާން ވިއްސާ ޖެހި ލަނޑުތަކުން ބްރެންޓްފޯޑުން ނަތީޖާ އަނބުރާލި އެވެ. އެކަމަކު، އެމަސަން ރޯޔާލް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮޮށްދީފަ އެވެ.












