މެންޗެސްޓާ (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި އާލިން ބްރައުޓް ހާލަންޑް ޖެހި ދެ ގޯލާ އެކު، މެންޗެސްޓާ ސިޓީން 3-0 އިން ބާންލީ ބަލިކޮށް ފެށުން ރަނގަޅުކޮށްފި އެވެ.
ސިޓީ އަށް .ބަދަލުވެ، މިދިޔަ ސީޒަނުގައި ޖުމްލަ އެކު، 52 ލަނޑު ޖެހި ހާލަންޑް މި ފަހަރު، ލީގުގައި ކުޅުނު ފުރަތަމަ މެޗު ފަށައިގެން، 185 ސިކުންތު ތެރޭގައި ވަނީ ލަނޑު ޖަހައިފަ އެވެ. ސިޓީގެ ކުރީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީގެ އިރުޝާދުގެ ދަށުން ކުޅޭ ބާންލީ އަށް މި މެޗުގައި ޕްރެޝަރާ ހެދި ރަނގަޅަށް ކުޅެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، މެޗުގެ 36 ވަނަ މިނިޓްގައި ހާލަންޑް ވަނީ ސިޓީގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ހޫލިއަން އަލްވަރޭޒް ދިން ބޯޅައަކުން ހާލަންޑް ޖެހި ގޯލެކެވެ. މިދިޔަ ފަހަރު ލީގުގައި 38 ގޯލު ޖެހި ހާލަންޑް މި ފަހަރު ލީގުގެ ފުރަތަމަ މެޗުގައި މި ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މެޗުގެ 75 ވަނަ މިިނިޓްގައި ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ރޮޑްރީ އެވެ. މިއީ ސިޓީގެ ހިލޭ ޖެހުމެއް ދިފާއުކުރުމުގެ ތެރޭގައި ބާންލީ އަށް ޑިފެންސް ނުކުރެވިދިޔަ ދަނޑިވަޅެއްގައި ރޮޑްރީ ޖެހި ގޯލެކެވެ.
ބާންލީން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ޓީމުގެ އަނާސް ޒަރޫރީ ސިޓީގެ ކައިލް ވޯކާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.












