ރިޕޯޓުސިޔާސީންގެ "ސްމޯކް ސްކްރީނުން" ފޮރުވާލާ ހަގީގަތްތައް

ސިޔާސީންގެ "ސްމޯކް ސްކްރީނުން" ފޮރުވާލާ ހަގީގަތްތައް

ސިޔާސީ މީހުން ދައްކާ ވާހަކަތަކަކީ އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން އިތުރު ހެއްކެއް ނެތި ގަބޫލުކުރާ ވާހަކަތަކެއް. ނަމަވެސް ސިޔާސީން ދައްކަނީ އެހިނދަކަށް ދައްކާން ފެނުނު ކޮންމެ ވާހަކައެއް. ބަސްބުނުމުގައި ސިޔާސީ މީހުން ޒިންމާދާރު ކުރުވޭނީ ޖަވާބުދާރީކުރުވުން އިތުރުކޮށްގެން.

އާޓްވޯކް: ރައްޔާން މުހައްމަދު
އާޓްވޯކް: ރައްޔާން މުހައްމަދު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިއްބެވީ ބަސްމަގު ފަރިތަ، ދޫ ހެލޭ ބޭފުޅުންނެވެ. ކޮންމެ މައުލޫއަކަށް ވާހަކަ ދައްކަން ޖެހުނު ކަމުގައިވިޔަސް އެއިން ބޭފުޅެއްގެ މޫނުމަތިން ހާސްކަމެއް ފެނުމަކީ ނާދިރު ކަމެކެވެ.

މުޒާހަރާއެއްގައި ބައިވެރިން ކައްކުވާލުން ކަމަށްވިޔަސް، އާދައިގެ ކެމްޕޭނު ޖަލްސާއެއް ކަމުގައި ވިޔަސް، އަދި ޖިނާއީ ތުހުމަތަކުން ބަރީއަވުމަށް ކަމުގައި ވިޔަސް، މިއިން ކޮންމެ ހާލަތެއްގައިވެސް އެ ހާލަތަކާ އެކަށީގެންވާ ގޮތަށް ވާހަކަ ދައްކަވަ އެވެ.

ވާހަކަ ދެއްކުންތެރިކަމަކީ ކޮންމެ ކޮންމެ މީހެއްގެ ހުންނާނޭ ހުނަރެއް ނޫނެވެ. އެ ހުނަރު ތަރައްގީކޮށްގެން ތިއްބެވި ބޭފުޅުންގެ މަސައްކަތާއި ހުނަރަށް ތައުރީފުކުރުމާ އެކު ވެސް އެ ބޭފުޅުންގެ ދުލުން ބޭރުކޮށްލާ ބަސްތަކާ މެދު އާންމުން ސަމާލުވުން މުހިންމު ކަމަށް ވެސް ފެނެ އެވެ. ވަރަށް ގިނަ ފަހަރު އެ ބޭފުޅުންގެ ބަސްމަގަކީ ދެ މިޔަ ލީ ކަނޑިއެކެވެ.

ސިޔާސީ މީހުން ދައްކާ ވާހަކަތަކަކީ އެ މީހުންނަށް ތާއީދުކުރާ ފަރާތްތަކުން އިތުރު ހެއްކެއް ނެތި ގަބޫލުކުރާ ވާހަކަތަކަކަށް ވާނޭތީ، ކޮންމެ ބަހެއްމެ ދުލުން ބޭރުކޮށްލަންވާނީ އޭގެ ސަބަބުން އާންމު މުޖުތަމައުއަށް ކުރާނޭ އަސަރަށް ބަލާފަ އެވެ. އެހެނަސް ރާއްޖޭގެ ސިޔާސީން މިގޮތަށް ވިސްނަވާތީ ނުފެނެ އެވެ. އެހިނދަކަށް ދައްކާން ފެނުނު ކޮންމެ ވާހަކައެއް ދައްކަވަނީ އެވެ. މާދަމާ އޭގެ އަނެއް ކޮޅަށް ވާހަކަ ދައްކަވަން ޖެހުނަސް، ރާގު ބަދަލު ކޮށްލެއްވުމުގައި ޖެހިލުންވުމެއް ނެތެވެ.

މެއި 1، 2015 ގައި އޭރުގެ ސަރުކާރާ މެދު ހިތްހަމަނުޖެހިގެން މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަނީ އެވެ. އެއީ އެހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ މީހުން ގިނަ މުޒާހަރާ އެވެ. މަޖީދީ މަގުގެ އެއްކޮޅުން އަނެއް ކޮޅަށް ސަފުތައް އަތުރާލައި، ފުރި ބާރުވެފައި އޮތް މުޒާހަރާގައި ވާހަކަ ދައްކަވަމުން ގެންދެވީ ޝައިހު އިމްރާން އެވެ. އަދާލަތު ޕާޓީގެ ރައީސެވެ.

ފޯރިޔާއެކު ދައްކަވަމުން ގެންދެވި ވާހަކައިގެ ވަކި ހިސާބަކުން ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ޒިންމާ އޭރުގެ ސަރުކާރުން އުފުލަން ޖެހޭ ވާހަކަ އެވެ. އެ ހަމަލާ ރާވައި އިންތިޒާމުކުރީ ވެސް ސިޔާސީ ފަރާތްތަކުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދެއްކެވުމަށްފަހު އެކަމުގެ "ހެކި އެބަހުރި" ކަމަށް ތަކުރާރުކޮށް ވިދާޅުވެ ކަރުދާސްތަކެއް ދެެއްކެވި އެވެ.

އެދުވަހުގެ މުޒާހަރާއިން ޝައިހް ހައްޔަރު ކުރީ އެވެ. އެހެންވީމާ އެއްކަލަ ހެކިތަކަށް ވީގޮތެއްވެސް ދެން އެނގޭނީ ޝައިހު މިނިވަންވީ ޒަމާނަކުންނެވެ. އެއީ އޭރު ދިވެހިންގެ ވަރަށް ގިނަ ބަޔަކު އެކަމުގައި ދެކި ތިބި ގޮތެވެ. އަހަރުތަކެއް ފަހުން ޝައިހު މިނިވަންވެއްޖެ އެވެ. ހަމައެކަނި މިނިވަންވީކީ ނޫނެވެ. ގައުމުގެ ހޯމް މިނިސްޓަރަށް ވެސް ވެވަޑައިގެންނެވީ އެވެ. އެއްކަލަ ހެކިތަކުގެ ބޭނުން އެންމެ ރަނގަޅަށް ކުރެވޭނޭ ފަދަ މަގާމަކަށް ވަޑައިގެންނެވުނީ އެވެ.

އެކަމަކު އެ މަގާމުގައި އެތައް ދުވަހެއް ވީއިރުވެސް އެކަމުގެ ހިލަމެއް ނުވާތީ ރޭޑިއޯ ޕްރޮގްރާމެއްގައި ސުވާލުކުރުމުން ޝައިހު ވިދާޅުވީ، އެ ދުވަހު ހެކިތަކޭ ވިދާޅުވެ ދެއްކެވީ ނޫސްތަކުގައި ލިޔެފައި ހުރި ހަބަރުތަކެއް ކަމުގަ އެވެ. އެ ވާހަކަ ނިމުނުއިރު އެކަންވީ ސީޔާސީއަކު ދެއްކި "ސްމޯކް ސްކްރީނަކަށެވެ.

ހަތަރުގަނޑު ފޮޓޯގެ ސްމޯކް ސްކްރީން

ވެރިކަމުގައި އޮތް އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ މެދުގައި އާރާއި ބާރު އެއްކޮށް ޖަމާކުރުމަށް ބޮޑު ވާދައެއް ކުރަމުންދަނީ އެވެ. ޒަމާނުއްސުރެ ޕާޓީގެ މުގުލުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅުން ބާރުތައް ރައީސް ސޮލިހުގެ ކޭމްޕަށް ނަގުލުވަމުންދަނީ އެވެ. ޕޯޑިއަމްތަކާއި, ޓީވީ ޕްރޮގްރާމްތަކާއި, ނޫސްތަކުގެ ހެޑްލައިންތަކާއި ނުވި ތާކަށް ވަޓްސްއެޕް ގްރޫޕުތަކުގައި ވެސް ބަހުގެ ހަމަލާތައް ދެބައި މީހުން ބަދަލުކުރަމުންދަނީ އެވެ.

ޖުލައި 29, 2022 ގައި ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ސޯލިހު ޒިނޭކުރެއްވި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ސާބިތުވާ ހަތަރުގަނޑު ފޮޓޯ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އާދައިގެ ތުހުމަތެއް ނޫނެވެ. ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ވަލިއްޔުލް އަމުރެއްގެ އިސްތަށިފުޅުގައި އެޅުވީ ޒިނޭގެ ތުހުމަތެވެ. އެ ހަތަރުގަނޑު ފޮޓޯ ފުލުހުންނާ ހިއްސާކުރަންވީތޯ ވެސް އައްސަވައި ޒާތަކަށް އިންޒާރެއް ދެއްވި އެވެ.

އޭގެ އެންމެ 17 ދުވަސް ފަހުން ނޫސްވެރިންގެ ބައްދަލުވުމަކަށް ނަޝީދު ގޮވާލެއްވުމުން ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހަށް އެއްވި ނޫސްވެރިން އެންމެ ޖަވާބު ބޭނުންވީ އެމަނިކުފާނުގެ އެ ތުހުމަތާ ގުޅޭގޮތުންނެވެ. ސުވާލަކަށް ފަހު ސުވާލެއް އެކި ގޮތްގޮތަށް ނަޝީދަށް އަމާޒުކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވުނެވެ.

ޖަވާބު ނުދެއްވަން އުޅުއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައީސްގެ ފޮޓޯތަކުގެ ވާހަކަ ދެއްކެވީ އެމްޑީޕީގެ ގުނަވަނެއްގެ އެތެރޭގައި ކަމަށާއި އެއީ ވަކި މަފްހޫމެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާއި މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭން،" ލިޔުމެއް ބައްލަވައިގެން ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ދުވަހު ނަޝީދު ވެސް މަސައްކަތް ކުރެއްވީ ރައީސަށް އެ ތުހުމަތު އެމަނިކުފާނު ކުރެއްވި ކަމަށް ހެދީ ނޫސްވެރިން ލިޔުނު ހެޑްލައިންތަކުން ކަމަށް ދެއްކެވުމަށެވެ. އެއަށް ބާރު ދެއްވުމަށް ވިދާޅުވީ އެ ހެޑްލައިންތަކާ ގުޅުވައިގެން އިތުރު ސުވާލު ކުރީމާ އެކަމުގެ އަސްލު ގެއްލޭނެ ކަމަށެވެ.

މިއީ އޭރު އެމްޑީޕީގެ ތެރެއިން ގެއްލެމުންދިޔަ ތާއިދާއި ބާރު އެކީއެކަށް ބީވެގެންދިޔުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ނަޝީދު ދެއްކެވި "ސްމޯކް ސްކްރީން" އެކެވެ.

އަލީ ވަހީދުގެ އެމްއެމްޕީއާރުސީ ސްމޯކް ސްކްރީން

ކޮވިޑް ކިތަންމެ ރަނގަޅަށް މެނޭޖު ކުރި ގައުމަކަށް ރާއްޖެ ވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ވެރިކަމުގައި ޖެހުނު އެއް ލައްގަނޑަކީ އޭރު ހިނގައިދިޔަ ނޭދެވޭ ބައެއް ކަންކަމެވެ. ކޮވިޑު މެނޭޖުކުރަން އުފެއްދެވި ޓާސްކް ފޯހުގެ އިސް މެމްބަރަކަށް ކުރެވުނު ތުހުމަތުތަކެކެވެ.

ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރުކަން ފުރުއްވަމުން ގެންދެވި އަލީ ވަހީދު މާގިރި ހޮޓަލުގައި އަދި ޓޫރިޒަމް މިނިސްޓްރީގެ ދަތުރުތަކުގައި އަންހެނުންތަކަކަށް ޖިންސީ ގޯނާ ކުރި ތުހުމަތުތަކެކެވެ. ޖޭޕީގެ ރައީސްކަން ވެސް އޭރު އަދާކުރައްވަމުން ގެންދެވި އަލީ ވަހީދު މަގާމުން ވަކިކުރީ ވެސް މި ތުހުމަތުތަކާ ގުޅިގެންނެވެ. އޭނާގެ މައްސަލަ އިދާރާތަކަށް ހުށަހަޅައި ތަހުގީގު ހިންގަމުންދަނިކޮށް ފުރައިގެން ދިޔައީ އިނގިރޭސިވިލާތަށެވެ.

އެ ގައުމުގައި ހުންނަވައި ސެޕްޓެމްބަރު 20, 2021 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވައްޓާލި "ބޮމުން" ރައީސްގެ އިސްތަށިފުޅުގައި އެޅިގެންދިޔައީ އެމްއެމްޕީއާރުސީ ހިޔާނާތުގެ އިސް މޭސްތިރިޔާ އަހްމަދު އަދީބުގެ އަތުން 35 މިލިއަން ރުފިޔާގެ ރިޝްވަތު ނެންގެވި ކަމުގެ ސީރިއަސް ތުހުމަތެވެ.

"އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ހުރީ ކަޅު ދަބަސް އުފުލާފައި. ވަރަށް ސާފުކޮށް މި ދަންނަވަނީ. އާދެ އެބޭފުޅާ (ރައީސް) ގެންދިޔަ ކަޅު ދަބަހެއް،" އެ ދުވަހު އޭނާ ވިދާޅުވި އެވެ.

އެހެން ވިދާޅުވިތާ 659 ދުވަސް ފަހުން ރަަސްމީ ފާލަން ކުރިމަތީގައި ހުއްޓި ހުންނަވައި އަލީ ވަހީދު އެއްވެސް ފަސްޖެހުމެއް ނެތި އެ ވާހަކަތައް ނަފީ ކުރެއްވި އެވެ.

"އަޅުގަނޑު އެ ދުވަހު އެ ނޫސްކޮންފަރެންސެއް ބޭނުން ކުރީ ސްމޯކްސްކްރީނަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަޅުގަނޑު އެ ލަފްޒު އަމާޒުކޮށްލީ ސްމޯކްސްރީން އަކަށް," އޭގެ އެއް އަހަރާއި ނުވަ މަސް ކުރިން ރައީސްގެ އިސްތަށިފުޅުގައި އެޅުވި އިލްޒާމަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.

އެކަމަކު އަލީ ވަހީދު "ސްމޯކް ސްކްރީން" ބޭނުންކުރީ އޭނާ ވިދާޅުވާ ގޮތުން ނަމަ އޭނާގެ "ފަހަތުގައި ވިއްދާފައި ތިބީ ކޮން ބައެއްތޯ" ބެލުމަށެވެ. އެއީ, ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާ "ފްރޭމް ކުރީ" ކޮން ބައެއްތޯ ހޯދުމަށެވެ. ތިން ގަޑިއިރަށް ދެމިގެންދިޔަ ޕްރެސް ކޮންފަރެންސްގައި އޭނާ ކުރަހާލި "ސްމޯކް ސްކްރީން" އިން އޭނާ ބޭނުންވި ނަތީޖާ ހާސިލުވި ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ވާހަކައެއް އޮވެ އެވެ. "ބަސް ބުނާހިނދު ބަހަކީ ތިބާގެ އަޅެކެވެ. ބުނުމަށްފަހު ތިބާއީ ބަހުގެ އަޅެކެވެ." މި ބުއްދިވެރި ބުނުމަކީ ދިވެހިރާއްޖެ ނޫނަސް އެތައް މުޖުތަމައުއެއްގައި ތަފާތު ގޮތްގޮތަށް ބުނެ އުޅޭ، އެންމެން ތަބާވާ ބުނުމެކެވެ. ދުލުގައި އަގެއް އޮތުމަކީ ހުރިހާ މުޖުތަމައުއެއްގައި ވެސް ގަދަރުވެރި ކަމަށް ބަލައިގަންނަ ސިފަ އެކެވެ. ބުނާ ބަހާ ހިލާފު ވުމަކީ ގަދަރު ކުޑަވާ ކަމެކެވެ. ބަސް ބުނުމަށްފަހު ތިބާ ބަހުގެ އަޅަކަށް ވާނޭ ކަމަށް ބުނަނީ އެ މާނައިގަ އެވެ.

ދިވެހި ސިޔާސީ ބޭފުޅުންނާ ޖެހުމުން މި ހަރު ބަހެއްވެސް އޭގެ މާނައިގައި ނުހިނގަ އެވެ. އެ ބޭފުޅުން ވިދާޅުވި ބަސް ބަދަލުކުރައްވައިގެން ގަދަރު ކުޑަވާތީއެއް ނުފެނެ އެވެ. އެހާ ފަސޭހައިން ވާހަކަ ބަދަލުކޮށްލާ، ރައްޔިތުންނަށް އޮޅުވާލަން ސިޔާސީ މީހުންނަށް ކެރެނީ އެމީހުން ޖަވާބުދާރީ ނުކުރުވޭތީ އެވެ. ދިވެހީންގެ ހުންނާނީ 'ތިން ހަތް ދުވަހުގެ ހަނދާން' ކަން އަޅުގަނޑުމެންގެ ސިޔާސީ މަސްރަހުން ސާބިތުވާތީ އެވެ. އެކަން ބަދަލުކުރެވޭނީ ސުވާލުކުރާ ރައްޔިތުން ގިނަވެގެންނެވެ. ދައްކާ ވާހަކައާއި ކުރިން ބުނި ބަސް އަޅުގަނޑުމެން ހަނދާ ނުނެތޭނޭކަން ސާބިތުކޮށްދީގެންނެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox