ޕާކިސްތާނުގައި އާދީއްތަ ދުވަހު ހިނގި ރޭލް އެކްސިޑެންޓެއްގައި 30 މީހުން މަރުވެ 90 މީހުން ޒަހަމްވެއްޖެ އެވެ.
ކަރާޗީން ރާވަލްޕިންޑީއަށް ދަތުރުކުރި ހަޒާރާ އެކްސްޕްރެސް އެކްސިޑެންޓުވީ ރޭލްގެ ބައެއް ކޮމްޕާޓްމެންޓުތައް ޓްރެކްގެ ދަގަނޑުމަތިން ނެއްޓުމުންނެވެ.
އެކަން މެދުވެރިވާންވި ސަބަބު ހޯދުމަށް ތަހުގީގު ވަނީ ފަށައިފަ އެވެ.

ގާތްގަނޑަކަށް 1،000 މީހުން ދަތުރުކުރަމުން ދިޔަ އެ ރޭލް، އެކްސިޑެންޓުވެ، އުޅަނދުގެ 19 ކޮމްޕާޓްމެންޓްގެ ތެރެއިން 10 ކޮމްޕާޓްމެންޓް، ފާލުން ނެއްޓިގެން ދިޔަ އެވެ. ބައެއް ބައިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ރޭލް ޑްރައިވަރު ބައެއް ނޫސްތަކަށް ބުނެފައިވާ ގޮތުގައި ދުއްވަމުން ދިޔައީ ކަނޑައެޅުފައިވާ ސްޕީޑް ލިމިޓަށް ވުރެ ދަށްކޮށެވެ. އެހެންވެ "ވީ ގޮތެއް އަހަންނަކަށް ނޭނގޭ" ކަމަށް ބުނެފައިވެ އެވެ.
ޕާކިސްތާނުގައި ރޭލް އެކްސިޑެންޓްތައް ގިނައިން ހިނގަނީ ގިނަ ދުވަސްވެފައިވާ ރޭލްވޭ ޓްރެކްތައް މަރާމާތު ނުކުރާތީ އާއި ރޭލްތަކުގެ އިންޖީނު ބާވުމާއެކު އެވެ.









