ރިޕޯޓުރައްޔިތުން ކުރާ އެއާޕޯޓުގެ ޑިމާންޑާއި ހަގީގީ މައްސަލަ އަދި ކަމުގެ ކަންބޮޑުވުން

ރައްޔިތުން ކުރާ އެއާޕޯޓުގެ ޑިމާންޑާއި ހަގީގީ މައްސަލަ އަދި ކަމުގެ ކަންބޮޑުވުން

ސިއްހީ އަދި އެހެނިހެން ބައެއް އާސާސީ ބޭނުންތަކަށް ވައިގެ މަގުން ދަތުރުކުރުމުގެ ޑިމާންޑަށް އޮތް ހަމައެކަނި ހައްލަކީ އެއާޕޯޓު ނޫން ކަން ރައްޔިތުންނަށް ވިސްނައިދޭން ޖެހެ އެވެ. ވައިގެ މަގުގެ ދަތުރުފަތުރުގެ އިތުރު ގޮތްތައް ތައާރަފު ކުރަން ޖެހޭ ކަމަށް އިގުތިސޯދީ މާހިރުން ދެކެ އެވެ.

ރަށްރަށުން އެއާޕޯޓްތަކަށް ކުރާ ޑިމާންޑު ބޮޑުވެގެންދާ ކަން - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު
ރަށްރަށުން އެއާޕޯޓްތަކަށް ކުރާ ޑިމާންޑު ބޮޑުވެގެންދާ ކަން - އާޓްވޯކް: ރައްޔާން މުހައްމަދު / އަދަދު

ނިމިދިޔަ ޖުލައި 20 ވަނަ ދުވަހު ކެމްޕެއިނު ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގަތީ މައިގަނޑު ދެ ވައުދެކެވެ. އެއީ ދިއްދޫގެ ބިން ހިއްކައި އެއާޕޯޓެއް އެޅުމާއެކު ދަތުރު ދާނެ ކައިރި ރަށެއް ހަމަޖެއްސުމެވެ.

ގާތްގަނޑަކަށް 3،000 މީހުން ދިރިއުޅޭ ހއ. އަތޮޅުގެ ވެރިކަން ކުރާ ދިއްދޫ އިން ފުރައިގެން އެންމެ ކައިރީގައި އޮންނަ އެއާޕޯޓަކީ ހދ. ހަނިމާދޫ އެއާޕޯޓެވެ. ދިއްދޫއިން ފުރައިގެން ދެކުނަށް 15 ވަރަކަށް މިނެޓުން ދެވޭ މި އެއާޕޯޓަށް ރާއްޖޭން ބޭރު އެތައް ގައުމެއްގެ ފްލައިޓް ޖައްސައި އޮޕަރޭޓް ކުރެވޭ ވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރެވެމުންނެވެ. ދިއްދޫއިން ފުރައިގެން އެ ރަށުގެ އުތުރަށް، ހއ. ހޯރަފުށީ އެއާޕޯޓަށް ދިއުމަށް ކުރަން ޖެހެނީ 35 މިނެޓުގެ ދަތުރެކެވެ.

ދިއްދޫގެ އިތުރުން ވެސް މި ސަރުކާރުން އަންނަނީ ގިނަ ރަށްތަކެއްގައި ޑޮމެސްޓިކް އެއާޕޯޓުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އިތުރު ރަށްތަކެއްގައި އެއާޕޯޓު އެޅުމަށް މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ތެރޭގައި ރައީސް ސޯލިހު އަންނަނީ ވައުދުވެވަޑައިގަންނަމުނެވެ.

އެއާޕޯޓްތައް ގާއިމުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި ރައީސް ސޯލިހުގެ ސަރުކާރުން ވެސް ގެންގުޅެނީ އެއް ސިޔާސަތެކެވެ. އެއީ 20 މިނެޓުން އެއާޕޯޓަކަށް ނުދެވޭނެ ރާއްޖޭގެ އެއްވެސް ރަށެއް ނެތުމެވެ. ކުރީގެ ސަރުކާރުން ފެށިގެން މިހާރު އެއާޕޯޓް އެޅުމުގެ މަޝްރޫއުތަކެއް އިތުރުކުރީ މި ސިޔާސަތުގެ ތެރެއިން ކުރިއަށް ދިޔުމަށް ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް އެއާޕޯޓަކީ ވަރަށް ބޮޑު ކޮމާޝަލް އިންވެސްޓްމަންޓެކެވެ. ވައިގެ ދަތުރަށް އޮތް ޑިމާންޑަށް ޑެލިވާ ކުރުމަށް މި ކުރެވޭ އިންވެސްޓްމަންޓުން ފައިދާއެއް ލިބެން ވާނެ އެވެ. ނަމަވެސް ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަނީ ގެއްލުމުގަ އެވެ. ލިބޭ އާމްދަނީއަކަށް ވުރެ ހަރަދުތައް ބޮޑެވެ.

""ބޮޑެތި ހަރަދުކުރުމަށްފަހު އަޅާ އެއާޕޯތުތައް އެބަޖެހޭ ދެއްތޯ ރަނގަޅަށް ހިންގަން. އެކަމަކު ބައެއް ތަންތަން އެބަހުރި ރަނގަޅަށް ބޭނުން ނުކުރެވޭ،" ކުރީގެ އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ވިދާޅުވި އެވެ.

ރަށްތަކުން އެއާޕޯޓަށް ޑިމާންޑު ކުރަނީ ކީއްވެ؟

1. އެކަހެރިވެފަ އޮންނަ އޮތުމާއި ސިއްހީ ބޭނުން

ގިނަ ރަށްރަށުގެ ރައްޔިތުން އެއާޕޯޓެއް ބޭނުންވަނީ ސިއްހީ ފަރުވާ ހޯދުމަށް މާލެ އަންނަން ޖެހޭ އެމާޖެންސީ ހާލަތްތަކުގައި ކަނޑު ދަތުރުކުރުމަށް ފަހު އެއާޕޯޓުތަކަށް ދާން ޖެހޭތީ އެވެ. ކަނޑުމަތީގައި އެ ހޭދަވާ ވަގުތުކޮޅަކީ، ބަލި މީހާގެ ފަރުވާ ލަސްވެ ފުރާނައަށް ނުރައްކާވާ ހިނދުކޮޅަކަށް ވުމުގެ ބިރުވެރިކަން އޮތުމެވެ. މާޒީގައި އެފަދަ ހިތާމަވެރި އެތައް ތަޖުރިބާއެއް ކުރަން ޖެހުމެވެ.

އަދި ގުދުރަތީގޮތުން އެހެން ރަށްތަކާއި ދުރުގައި އެކަހެރިވެ އޮންނަ އޮތުމުގެ ސަބަބުން އެއާޕޯޓަކަށް ބޭނުންވާ ރަށްތައް ވެސް މި ލިސްޓުގައި ހިމެނެ އެވެ. ހދ. މަކުނުދޫއަކީ މިފަދަ ރަށެކެވެ. މަކުނުދޫގައި އެއާޕޯޓު އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމަށް ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ ޖޫން 22، ގަ އެވެ.

އެ އެއާޕޯޓާއެކު ރަށު މީހުންނަށް ގިނަ މަންފާތަކެއް ވާނެ ކަމަށް އެ ރަށު ކައުންސިލް ރައީސް އައުޒަމް އާދަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހެން ދުރުގަ ތިބޭއިރު ވަރަށް ދަތި އަސްލު ކަނޑުދަތުރުކޮށް ހަދަން، ހާއްސަކޮށް ހުޅަނގު މޫސުމުގަ ދުވަސްތަކެއް އެބަ ދޭ ދަތުރު ހަމަ އެއްވެސް ވަރަކަށް ނުކުރެވި، މި އެއާޕޯޓު އެޅުމާއެކު ރަށުން ދަތުރުކުރުމަށް ފަސޭހަވެގެން ދާނެ،" އައުޒަމް ވިދާޅުވި އެވެ.

އެއާޕޯޓާއެކު މަކުނުދޫއަށް އިގްތިސޯދީ ގޮތުން ބޮޑު ބަދަލެއް އަންނާނެ ކަން ވެސް އައުޒަމް ފާހަގަކުރެއްވި އެވެ. އެގޮތުން މަކުނުދޫގައި ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް އެއާޕޯޓަކީ މުހިންމު ފިޔަވަޅެއް ކަމުގައި ފާހަގަކުރެއްވި އެވެ.

"މަކުނުދޫ ފަޅު ތެރޭގައި ހަދަމުން އަންނަ ސޮނެވާގެ ސޮނެވާ ސީކްރެޓް ރިސޯޓު އަންނަނީ ހެދެމުން. އެބޭފުޅުން ވެސް ވަރަށް ބޮދަށް އެދިލައްވާ ކަމެއް މިކޮޅުގަ [މަކުނުދޫގަ] އެއާޕޯޓެއް އޮތުމަށް ވެސް،" މަކުނުދޫ ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

2. ތަރައްގީ އާއި ރަށްރަށުގެ ވާދަވެރިކަން

އެއާޕޯޓަކަށް ރަށްރަށުގެ ރައްޔިތުން އެދޭ ދެ ވަނަ ސަބަބަކީ ރަށު ރައްޔިތުންނަށް ޒަމާނުއްސުރެ ގަބޫލުކުރެވިފައިވާ ތަރައްގީގެ ހަމަތަކެވެ. ރަށެއް ތަރައްގީ ވާނީ އެ ރަށެއްގައި އުމްރާނީ ގިނަ ބިނާތަކެއް ހުރުމުން ކަމަށް ބެލެވުމެވެ. އޭގެ ތެރޭގައި ފެންވަރު ރަނގަޅު އެއާޕޯޓެއް ވެސް ހިމެނެ އެވެ. އަދި ރަށްރަށުގެ މެދުގައި އޮންނަ ޒަމާންވީ ވާދަވެރިކަން ވެސް އެއީ ސަބަބެކެވެ.

އެކަމުގެ އެއް މިސާލު ހއ. ކެލައިން ފެންނާނެ އެވެ. ކެލަޔަކީ މަސްވެރި ރަށެއް ނޫނެވެ. މާ ގިނަ މަސްދޯނިތަކެއް އެ ރަށަކު ނުދުއްވަ އެވެ. އެ އަތޮޅު އެންމެ މަސްވެރި ރަށް ކަމަށްވާ އިހަވަންދޫގައި މަސްމާރުކޭޓެއް ގާއިމުކުރުމާއެކު ކެލާ މީހުންގެ އެދުމަކަށް ވެސް ވީ މަސްމާރުކޭޓެކެވެ. މިއަދު ކެލާގެ މަސްމާރުކޭޓު އޮތީ ފަޅަށެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހެދި މާރުކޭޓުގެ ބޭނުމެއް ނުކުރެވެ އެވެ.

ރަށު ވާދަވެރިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ހިނގާ މިފަދަ މަޝްރޫއުތައް މިހާރު ވެސް ދަނީ ހިނގަމުންނެވެ. އެއާޕޯޓުތަކަށް ކުރެވޭ ބައެއް ޑިމާންޑުތައް ވެސް ފެންނަނީ އެ ބީދައިންނެވެ.

ހއ. ދިއްދޫއިން ވެސް އެ އައީ އެ ޒާތުގެ ޑިމާންޑެއް ކަމަށް ބެލެވެ އެވެ. ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއާ އެ ސުވާލުކޮށްލުމުން ލިބުނު ޖަވާބުން އެ ކަން ސާފެވެ. އަތޮޅުތަކުގެ ބައެއް ވެރިރަށުގައި އެއާޕޯޓު އޮވެފައި، ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށް އަދި އޭނާ އުފަން ދިއްދޫގައި ވެސް އެއާޕޯޓެއް ނޭޅެންވީ ސަބަބެއް ނެތް ކަމަށް ރަޝީދު ގަބޫލުކުރައްވަ އެވެ.

"ދިއްދޫއަކީ މި އަތޮޅުގެ އިގްދިސާދީ ގޮތުން މައި ހަބް، ކުޅުދުއްފުއްޓާއި ފުނަދޫގައި ވެސް އޮވޭ ނޫންތޯ އެއާޕޯޓެއް، އެހެންވީމަ ދިއްދޫގަ ވެސް އެއާޕޯޓެއް އޮތުން މުހިއްމުކަމުގަ އަޅުގަނޑުމެން ދެކެނީ،" ދިއްދޫ ކައުންސިލުގެ ރައީސަކަށް ހުންނެވި ޕީޕީއެމްގެ އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އެއާޕޯޓު އަޅާ އުސޫލު

ރަށްތަކުގައި ޑޮމެސްޓިކް އެއާޕޯޓު އެޅުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ސަރުކާރުން ގެންގުޅެނީ ކްރޮސް ސަބްސިޑީ އުސޫލެވެ. ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުއެއް ކުރިއަށް ގެންދާ ނަމަ، އެ މަޝްރޫއަކަށް ފައިނޭންސް ކުރާ ބަޔަކަށް ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޭނެ އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓްތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. ބެރިޔަންފަރު - 23.6 މިލިއަން ޑޮލަރު

މިވަގުތު ރާއްޖޭގެ ހަތަރު އެއާޕޯޓެއްގެ މަސައްކަތް ހިނގަމުން އެބަ ދެ އެވެ. އެއީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމާއި ރ. އަލިފުށި، ފ. ބިލަތްދޫ، އަދި މުލި އެއާޕޯޓުގެ މަސައްކަތެވެ.

އޭގެ އިތުރުން ރައީސް ސޯލިހު ވަނީ މިހާރު ކުރަމުން އަންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ށ. ކޮމަންޑޫއަށް ވަޑައިގެން އެރަށް ކައިރީގައި އޮންނަ ށ. ކުޑަަފަރުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށާއި ހއ. ދިއްދޫ އަދި ށ. މިލަންދޫގައި ވެސް އެއާޕޯޓެއް އަޅައިދޭނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވާފަ އެވެ. މިގޮތުން މިލަންދޫގައި އެއާޕޯޓު އެޅުމަށް ޓެކްނިކަލް ސާވޭ ހެދުމަށްފަހު އެކަމާއި މެދު ގޮތެއް ނިންމަވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

ށ. ފުނަދޫގައި އެއާޕޯޓެއް އޮވެ އެވެ. ނަމަވެސް މި އެއާޕޯޓް އޮންނަނީ އަތޮޅުގެ އަނެއް ބިތުގަ އެވެ. އެއާޕޯޓް އަޅަން ނިންމި ކުޑަފަރު ފިނޮޅާ ދެމެދު އޮތް ރާސްތާ ދުރެވެ. އެ ދެމެދުގައި ތިރީހަކަށް ކިލޯ މީޓަރުގެ ރާސްތާއެއް އޮވެ އެވެ. ނަމަވެސް މިލަންދޫއިން ލޯންޗެއްގައި 15 މިނެޓުން ފުނަދޫއަށް ދެވޭނެ އެވެ.

ކަނޑުދަތުރު ކޮށްފައި އެއް ރަށުން އަނެއް ރަށަށް ދެވުނު ނަމަވެސް، ކައިރިކައިރީގައި އެއާޕޯޓު އެޅުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެންމެ ރަނގަޅު ސިޔާސަތު ހެއްޔެވެ؟ އެއާޕޯޓުތައް އެޅުމަށް މިއަށްވުރެ ހަރުދަނާ ސިޔާސަތެއް އޮންނަން ޖެހޭ ކަމަށް، މި ރިޕޯޓަށް ވާހަކަ ދެއްކެވި ކަމުގެ މާހިރުން ވިދާޅުވެ އެވެ.

"އެހާ ކައިރިކައިރީގަ އެއާޕޯޓު އެޅުން ބޭނުންތެރި އެއް ނޫން، މިފަދަ ބޮޑު ހަރަދު ހިނގާ މަޝްރޫއުއެއް ފެށުމުގެ ކުރިން ވަކި އުސޫލުތަކެއް އަދި މިންގަނޑުތަކެއް ކަނޑައަޅަން ޖެހޭ،" އިގްތިސާދީ ކަންކަމާ ބެހޭ ވަޒީރުކަމުގެ މަގާމާއި ފައިނޭންސްއާ ބެހޭ ވަޒީރުކަމުގެ މަގާމު ކުރިން އަދާކުރެއްވި މަހްމޫދު ރާޒީ ވިދާޅުވި އެވެ.

އެއާޕޯޓަކީ އެންމެ ރަނގަޅު ހައްލުތަ؟

ސިއްހީ އަދި އެހެނިހެން މައްސަލަތަކުގެ ސަބަބުން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އެއާޕޯޓުތަކަށް ޑިމާންޑް ކުރާ ނަމަ، އެ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ އެއާޕޯޓެއް ނޫން ކަމުގައި ރައްޔިތުންނަށް ވިސްނައިދޭން ޖެހެ އެވެ. އަދި ބޮޑު ހަރަދު ކޮށްގެން ކައިރިކައިރީގައި ޑޮމެސްޓިކް އެއާޕޯޓުތަކެއް އެޅުމުގެ ބަދަލުގައި ދަތުރުފަތުރުގެ އިތުރު ގޮތްތަކެއް ތައާރަފުކުރަން ޖެހެ އެވެ. މިއީ ކަމުގެ މާހިރުން ދެކިވަޑައިގަންނަވާ ގޮތެވެ.

"ރައްޔިތުންގެ ނީޑްސް ފުރިހަމަ ކޮށްދޭން ހަމައެކަނި އެއާޕޯޓެއް އަޅައިދިނުމަކީ ޒިންމާދާރުގޮތެއް ނޫން. އެއާޕޯޓު އެޅުމުގެ ބަދަލުގަ އިތުރު ޓްރާންސްޕޮޓޭޝަން އޮޕްޝަންސް ދައްކަންޖެހޭ. ޕްލޭނެއް އޮންނަން ޖެހޭ،" އާކިޓެކްޗާ އާއި އާބަން ޑިޒައިންގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މުހައްމަދު އިޝާން ސައީދު ވިދާޅުވި އެވެ.

ސިއްހީ އެމާޖެންސީތަކުގައި އަވަސް ފަރުވާއަށް ބަލި މީހަކު މާލެ ގެންނަން ޖެހިއްޖެ ހާލަތްތަކަށް ހާއްސަ "އެއާ އެމްބިއުލައިންސް" ގެ ހިދުމަތް ފެށުމުގެ ވާހަކައަކީ ވެސް މި ސަރުކާރުން ދެއްކި ވާހަކަތަކެކެވެ. ނަމަވެސް، އެ ހިދުމަތައް އަމަލީ ސިފަ ގެނެވިފައެއް ނުވެ އެވެ.

ސަރުކާރު ކުންފުނި، އެމްޓީސީސީން މިހާރު ވަނީ ރާއްޖެ ޓްރާންޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ފެރީގެ ހިދުމަތް ރާއްޖޭގެ އުތުރު އަދި ދެކުނުގައި ފަށައިފަ އެވެ. އެހެންކަމުން ކުރިއަށް ވުރެ ރައްކާތެރި ކަމާއެކު، ކަނޑުދަތުރުކޮށްގެން އެއާޕޯޓު އޮންނަ ރަށަށް ދެވެން އެބަ އޮތެވެ. މާލީ ދާއިރާގެ މާހިރެއް ކަމަށްވާ އާތިފް ޝުކޫރު ފާހަގަ ކުރެއްވީ އެ ނުކުތާ އެވެ.

"އާރްޓިއެލް ފެރީގެ ހިދުމަތް އެވަނީ ތައާރަފުކުރެވިފަ. މިހާރު ފެރީގަ ރައްކާތެރިކަމާއެކު އެއާޕޯޓަށް އެބަ ދެވޭ. އެހެންވީމަ މި ފަސޭހަ އޮއްވާ ކައިރިކައިރީގަ އެއާޕޯޓް އެޅުން ބުއްދިވެރިއެއް ނޫން،" އާތިފް ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު މިހާރު ހުރި ގޮތަށް ބަލާނަމަ ކައިރިކައިރީގައި އެއާޕޯޓުތައް އެޅުމުގެ ތަނަވަސްކަން އަދި ނެތް ކަން ވެސް އާތިފް ފާހަގަކުރެއްވި އެވެ.

"އެއާޕޯޓު ވެސް އަޅަންވީ އެކަމަކު، އަދި ރާއްޖޭގެ ބަޖެޓް ތަން ދެން ދެން މަޑުކޮއްލާންވީ، އޯގަނައިޒްޑް ސިސްޓަމެއް މިކަމުގަ [އެއާޕޯޓް އެޅުމުގަ] ވެސް ބޭނުންކުރަންޖެހޭ،" ކަންބޮޑުވުން ފާޅުކުރަމުން އާތިފް ވިދާޅުވި އެވެ.

ބިމުގެ ޖާގައިގެ ކުޑަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެފައި އޮންނަ ގައުމެއްގައި ގިނަ އަދަދެއްގެ ޑޮމެސްޓިކް އެއާޕޯޓު އެޅުމުގެ ކުރިން ހަރުދަނާ އުސޫލުތަކެއް ގާއިމްކޮށް އިގްތިސޯދީ އަދި މަލީ ނަޒަރަކުން ދިރާސާކުރުން މުހިންމެވެ. ރާއްޖޭގައި އެންމެ ބޮޑު މައްސަލައަކީ ދިރާސާކޮށް ޕްލޭންކޮށްގެން ސިޔާސަތުތައް ކަނޑަނޭޅުމެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވާގޮތުގެ މަތިން މިއަހަރުގެ މެއި މަހުގެ ނިޔަލަށް 598.8 މިލިއަން އެއާޕޯޓް މަޝްރޫއުތަކަށް ވަނީ ހަރަދުކޮށްފަ އެވެ.

ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެއްގެ ބަދަލުގައި 20 މިލިއަން ޑޮލަރުގެ އެއާޕޯޓެއް އެޅުމަކީ އެންމެ ބުއްދިވެރި ގޮތް ހެއްޔެވެ؟ އެއީ ޕްލޭން ކުރެވިގެން ކަނޑައަޅާފައިވާ ސިޔާސަތެއް ހެއްޔެވެ؟

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox