ތައިލޭންޑުގައި ބަޑިބޭސް ގުދަނެއްގައި ހޮނިހިރު ދުވަހު ބާރުގަދަ ގޮވުމެއް ގޮވައި ނުވަ މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.
ދެކުނު ނަރަތިވަޓް ޕްރޮވިންސްގެ ސުންގައި ކޮލޮކް އަވަށުގައި އެ ހާދިސާ ހިނގީ ގުދަނުގައި ވެލްޑިން މަސައްކަތެއް ކުރަމުން ދަނިކޮށެވެ.
އެ ޕްރޮވިންސްގެ ގަވަރުނަރު ސަނަން ޕޮންގަކްސޯން ވިދާޅުވީ ސްޓީލް ވެލްޑިން ކުރަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ އަލިފާން ރޯވީ ކަމަށެވެ.
ތައިލޭންޑްގެ މީޑިއާއިން އާއްމުކުރި ވީޑިއޯތަކުން ފެންނަނީ ކަޅު ބޯ ދުން އަރަމުންދާ އިރު، ކައިރި އިމާރާތްތައް ވެސް ސުންނާފަތިވެފައިވާ މަންޒަރެވެ.
އޭގެ އިތުރުން އުޅަނދުތަކުގައި ރޯވެ، ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައި ހުރި މަންޒަރު ވެސް ފެނެ އެވެ. ބަޑިބޭސް ގުދަން ވަނީ އެއްކޮށް ބިމާ ހަމަވެފަ އެވެ.
ތައި ޕީބީއެސްއިން ބުނީ 500 ގެޔަށް ގެއްލުން ލިބުނު ކަމަށެވެ. ރައްކާތެރިކަމުގެ އުސޫލުތައް ފުރިހަމައަށް ތަންފީޒު ނުކުރާތީ މިފަދަ ހާދިސާތައް ވަރަށް ގިނައިން ތައިލޭންޑްގައި ހިނގަ އެވެ.
މިދިޔަ މަހު ބެންކޮކްގައި އިމާރާތް ކުރަމުން ދިޔަ ބްރިޖެއް ވެއްޓި ދެ މީހުން މަރުވި އެވެ.










