ޕެރިސް (ޖުލައި 26) - ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ގަނެވޭނެ ފެންވަރު އިންޓަ މިލާންގެ އެބަހުރި ކަމަށް އިޓަލީގެ މަޝްހޫރު ސްޕޯޓިން ޑިރެކްޓަރު، ރީނޯ ފޮސްޝީ ބުނެފި އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރި އެމްބާޕޭ އެ އެއްބަސްވުން އާ ނުކުރާތީ، ޕީއެސްޖީން މި ފަހަރުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން އޮތީ ނިންމައިފަ އެވެ. އެއީ، އަންނަ އަހަރު ކޮންޓްރެކްޓް ހަމަވުމުން، އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ ދޫކޮށްލުމުގެ ފުރުސަތު އޮތުމުން، އެއްވެސް ފީއެއް ނުލިބި އެ ވަރުގެ ކުޅުންތެރިއަކު ގެއްލެން ބޭނުންނުވާތީ އެވެ.
ސައުދީގެ އަލް-ހިލާލް އިން އޮތީ 330 މިލިއަން ޑޮލަރަށް އެމްބާޕޭ ގަންނަން ތައްޔާރަށެވެ. އެކަމަކު، އެމްބާޕޭ އެ ޑީލާ މެދު އެއްކޮށް ނުރުހޭތީ، އެ ޑީލް ކުރިއަށް ދިއުމުގެ ފުރުސަތު އޮތީ ކުޑަކޮށެވެ. އެމްބާޕޭ ހުރީ ރެއާލް މެޑްރިޑަށް ދާން ޝައުގުވެރިވެފައި ކަމަށް ވިޔަސް، އޭނާ ހޯދަން އިންޓަ އަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށް ރީނޯ ގަބޫލުކުރެ އެވެ.
ރީނޯ ބުނީ އިންޓަގެ ޖެނެރަލް މެނޭޖަރު، ބެޕޭ މަރޯޓާ އަށް އެމްބާޕޭގެ ޑީލް ނިންމިދާނެ ކަމަށާއި އެ ކަމަށް ބޭނުންވާ ފައިސާ ވެސް އިންޓަ އަށް ހަމަޖެއްސޭނެ ކަމަށެވެ.
"އަހަރެން މަރޯޓާ ދަންނަން، މި ކަހަލަ ގޮތްގޮތަށް ދާ ޑީލްތައް ނިންމަން އޭނަ އަށް އެނގޭނެ. ޔަގީނުން ވެސް އިންޓަގެ ކިބައިގައި އެމްބާޕޭ ގެންދެވޭނެ ފެންވަރު އެބަހުރި، އެހެންވީމަ، މީގެ އޮތް ގޮތަކީ އެމްބާޕޭގެ ރުހުން ހޯދުން،" ރީނޯ ބުންޏެވެ.
ރީނޯ ވަނީ ސައުދީ ޕްރޯ ލީގުގެ ކްލަބްތަކުން އެ ގައުމުގެ ސަރުކާރާ ގުޅިފައިވާ ފަންޑެއްގެ އެހީ ހޯދައިގެން ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިންތައް ގެންދިއުމަަކީ ގޯސް ކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އޭނާ ބުނީ މި ފަދަ ގޮތްގޮތަށް ކްލަބް ފުޓްބޯޅަ ސިސްޓަމް ކުރިއަށްދާން ފަށައިފިނަމަ މި ގޮތަށް ފައިސާ ބޭނުންކޮށްގެން، އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ ފުޓްބޯޅަ އަށް ކުރާނެ ކަމަށް ރީނޯ ވަނީ ބުނެފަ އެވެ.












