މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެވަޑައިގެންފިއެވެ.
މާލޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ ދެ ކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއިރު، އައްޑޫ ސިޓީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި، ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ދައުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖުލައިމަހުގެ 26 ވަނަ ދުވަހެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިފައި ވަނީ 26 ޖުލައި 1965 ގައެވެ











