ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބަށް ބާކީ 46 ދުވަހެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި އޮތީ މަޑުޖެހިފަ އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތްވަނަ ދުވަހަށް ހުޅުވާލާފައިވާއިރު، ޔާމީން ކުރިމަތިލާން އޮތް ގާނޫނީ ހުރަސްތަކަށް ފަރުވާއެއް ހޯދަން އެމަނިކުފާނުގެ ވަކީލުން ވަޑައިގަތީ ސުޕްރީމް ކޯޓަށެވެ.
ސުޕްރީމް ކޯޓަށް ފުރަތަމަ ދުސްތޫރީ މައްސަލައެއް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. މައްސަލަ ބަލައިނުގަތުމަށް އާދީއްތަ ދުވަހު ނިންމި އެވެ. ޔާމީންގެ ފަރާތުން އަނެއްކާ ވެސް އާ މައްސަލައެއް މިއަދު ހުށަހެޅި އެވެ. ހުށަހެޅިތާ މާ ގިނައިރުތަކެއް ވެސް ނުވަނީސް އެ މައްސަލަ ވެސް ބޭރުކޮށްލި އެވެ.
ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކުރަން އެމަނިކުފާނުގެ ދިފާއީ ވަކީލުން މި ހުށަހަޅާ ދުސްތޫރީ މައްސަލަތައް ކޯޓުން ބަލައިނުގަންނަން މި ނިންމަނީ ކީއްވެގެން ހެއްޔެވެ؟
ޔާމީން ހުށަހެޅި މައްސަލަ؛
"އަދަދު" ނޫހުން އެއްކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި ޔާމީންގެ ފަރާތުން ވަކީލުން ހުށަހެޅި މައްސަލާގައި އޮންނަ ހަމައެކަނި ވާހަކައަކީ ހައި ކޯޓުގައި އޮތް އިސްތިއުނާފީ މައްސަލަ މަޑުޖެހިފައި އޮތުމުން، މައްސަލަ ކުރިއަށްދާ ދުވެލި ލަސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިދިނުން އެކަންޏެވެ. ދެން އޮތީ ޔާމީނާއި ޕީޕީއެމްގެ ކަންބޮޑުވުންތަކެއްގެ ވާހަކަ އެވެ. ސުޕްރީމް ކޯޓުން ހައްލު ދޭންޖެހޭ ގާނޫނީ ނުކުތާއެއް އެ މައްސަލައިގައި ބަޔާންކޮށްފައެއް ނެތެވެ.
ހުށަހަޅާފައިވާ މައްސަލާގައި ދެ ހައްގެއް ކަށަވަރުކޮށްދިނުމަށް އެދިފައިވެ އެވެ. އެއީ ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައި ދައުވާއެއް އުފުލޭ މީހަކަށް ލިބިދޭން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދެ ހައްގެކެވެ.
- ގާނޫނު އަސާސީގެ 51ވަނަ މާއްދާގެ (ށ): އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ މީހަކާ މެދު ޝަރީއަތްކޮށް ނިންމުމުގެ ހައްގު ކޮންމެ މީހަކަށް ވެސް ލިބިގެންވެ އެވެ.
- ގާނޫނު އަސާސީގެ 56 ވަނަ މާއްދާ: ޖިނާއީ މައްސަލަތަކުގައްޔާއި މަދަނީ މައްސަލަތަކުގައި އިއްވާ ހުކުމްތަކާއި ނެރޭ ކޯޓުގެ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ހައްގު، މައްސަލައާ ގުޅުންހުރި ކޮންމެ މީހަކަށްމެ ލިބިގެންވެ އެވެ.
ދަށު މަރުހަލާގައި އޮތް ޝަރީއަތުގެ މައްސަލައެއް އަވަސް ކުރުމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމް ކޮށްފައެއް ވެސް ނެތެވެ. ކޯޓުތަކުގެ ބެލެނެވެރިކަމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިދޭ ކަމަށް ބުނެ މީގެ ކުރީގައި އޮތީ ބައެއް މައްސަލަތައް މަޑުޖައްސާލަން އަމުރުކޮށްފަ އެވެ.
މިހާރު އޮތް ސުޕްރީމް ކޯޓުގެ ސްޓޭންޑަކީ ގާނޫނު އަސާސީއާއި ޝަރުއީ މަރުހަލާގެ ކޯޓުތަކުގެ ބެލެނިވެރިޔާގެ ބާރު އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
ދުސްތޫރީ މައްސަލަތަކުގެ ހަމަ؛
މި ފަހުން ދުސްތޫރީ މައްސަލަތަކުގެ ހަމަ އެންމެ ސާފުކޮށް ބަޔާންކޮށްފައި ވަނީ ވެސް، ޔާމީންގެ އެންމެ އިސް ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު އެ ކޯޓަށް ހުށަހެޅި މައްސަލައެއްގައި ކޮށްފައިވާ ހުކުމުގަ އެވެ.
އެއީ ޔާމީންގެ ވެރިކަމުގައި، ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ޖަމީލު ނައިބު ރައީސް ކަމުން ވަކިކުރަން ނިންމީ އެ ކަމުގެ އިޖުރާއަތުތަކާ ހިލާފަށް، އޭނާގެ ހައްގުތަކެއް ނިގުޅައިގެންފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ހުށަހެޅި މައްސަލައެވެ.
އޭގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުން، ސުޕްރީމް ކޯޓަށް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސޯސް އޮންނާނީ ތިން ބާވަތެއްގެ ދުސްތޫރީ މައްސަލަައެކެވެ.
- ގައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެ ފަދަ ގާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށް ވުން.
- ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައަކަށް ވުން.
- ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލައަކަށް ވުން.
ހައި ކޯޓަށް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސޯސް އޮންނަ މައްސަލަތައް ވެސް ހުކުމުގައި ބަޔާންކޮށްފައިވެ އެވެ. އެއީ ދެ ބާވަތެއްގެ ދުސްތޫރީ މައްސަލައެކެވެ.
- ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއް ގާނޫނު އަސާސީއާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
- ގާނޫނަކުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ނުވަތަ އެ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ނުވަތަ ގާނޫނަކާ ތައާރަޒުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް.
އެހެންކަމުން އެ ހުކުމުގައި ބަޔާންކޮށްފައިވާ ދުސްތޫރީ މައްސަލައެއް ގޮތުގައި ބަލާ މިންގަނޑަށް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ނުފެތޭކަން ސާފެވެ.
ވާދަކުރަން ދެން ވަކި ކުރެވޭނީ ކޮން ކަމެއް؟
މީގެ ފަރުވާއަކަށް ފެންނަ ކިރިޔާ ވެސް ހަނި ޖާގައެއް ލިބެނީ ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ގާނޫނު އަސާސީ މާނަ ކުރުމާ ގުޅޭ ގޮތުން އުފެދޭ މައްސަލައެއް، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅުމެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލާ މީހެއްގެ ހުންނަންވާ ޝަރުތުތައް ބަޔާންކުރަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގަ އެވެ. އޭގެ ތެރެއިން އެއް ޝަރުތަކީ ޖިނާއީ ކުށެއްކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވުމެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކެވި ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި މާނަކުރުމަށް އެދެންވީ ރައީސުލްޖުމްހޫރިއްޔާއަށް ވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތެވެ. އޭނާ ދެކޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިނުލެވޭނީ ނިހާއީ ހުކުމެއް އޮތް މީހަކަށެވެ. ގާނޫނު އަސާސީގައި އެ ބުނާ ހުކުމަކީ ނިހާއީ ހުކުމެއްކަމުގައި ކަނޑައެޅުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ ކާމިޔާބުވާނޭ ކަމަށް އޭނާ ދެކެ އެވެ.
"ސުޕްރީމް ކޯޓަށް މިހާރު ވެސް އެބަ ޖެހޭ ދާން، ގާނޫނު އަސާސީގައި އެ ބަޔާންކުރަނީ ނިހާއީ ހުކުމެއް ގޮތުގައި މާނަކޮށްދޭން އެދި،" އެ ވަކީލު ވިދާޅުވި އެވެ.
ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ މައްސަލާގައި، އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ދެމިއޮތްހާ ހިނދަކު، ކެންޑިޑެސީ ބަލައިނުގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
އެހެންކަމުން ދައުލަތުގެ ހަރަދުގައި ހިންގާ ސިޔާސީ ޕާޓީ، ޕީޕީއެމް އަދި ދައުލަތުގެ މިނިވަން މުއައްސަސާއެއް ކަމަށްވާ އިލެކްޝަންސް ކޮމިޝަންގެ ދެމެދުގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމާ ގުޅޭ މައްސަލައެއް އުފެދިފައިވާ ކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅިދާނޭކަމަށް އެ ވަކީލު ދެކެ އެވެ.
ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމަށް ޔާމީން އެ ގެންދަވަނީ ފޯމު ފުރުއްވައި، އިލެކްޝަނަށް ހުށަހެޅުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގެންފިނަމަ ދެން އެވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާށެވެ. ކޮންމެ ގޮތަކަށް ނިންމިޔަސް، އެއީ ސުޕްރީމް ކޯޓުން ބަލައި ނުގަނެ ބޭރުކޮށްލާނޭ މައްސަލައެއް ނޫންކަން ޔަގީނެވެ.











