ރާއްޖެއަކީ ދިވެހީންގެ އިތުރުން ބިދޭސީ އެތައް މަސައްކަތްތެރިންނެއް ދިރިއުޅޭ ގައުމެކެވެ. އެކަމަކު، އިމާރާތްކުރުމާއި ފަތުރުވެރިކަން، ޓޫރިޒަމް އަދި އޮޑިދޯނިފަހަރު ބަނުން ފަދަ ކޮންމެ ސިނާއަތެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރައްކާތެރިކަން ނޯންނަ ވާހަކަ އަބަދުވެސް ދެކެވެ އެވެ.
ނ. ހޮޅުދޫގައި މަގުހެދުމުގެ މަސައްކަތްކުރަމުން ދިޔަ އާރުޑީސީގެ ތިން މުވައްޒަފެއްގެ ބޮލަށް ފާރެއް ވެއްޓި ޒަހަމްވީ މިމަހުގެ ތެރޭގަ އެވެ. އޭސީއެއް ހަރުކުރަން އުޅުމުގެ ތެރޭގައި އިމާރާތެއްގެ ހަތް ވަނަ ބުރިން މަގުމައްޗަށް ބިދޭސީއަކު ވެއްޓުނީ މިދިޔަ ޖެނުއަރީ މަހެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އިމާރާތްކުރާ ސައިޓެއްގައި ބިދޭސީ މަސައްކަތްތެރިއެއްގެ ބޮލަށް ދަގަނޑެއް ހެރި ޒަހަމްވި އެވެ. ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. ނޫހެއްގެ ފަލަސުރުހީއަކަށް ނޭރި ނަމަވެސް ދުވާލެއްގެ މައްޗަށް މިފަދަ ހާދިސާއެއް ނުހިނގާ ދުވަހެއް މަދެވެ.
"އަހަރެންގެ ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކު 10 ވަރަކަށް ފާހާނާ ސާފު ކުރަން ޖެހޭ. ސާފު ކުރަން ބޭނުންކުރަނީ ވަރަށް ބާރުގަދަ ކެމިކަލްތަކެއް. އެކަމަކު ރިސޯޓުން އަހަރުމެންނަށް އަންގިއެއް އަދި މާސްކެއް ވެސް ނުދޭ،" ބ. އަތޮޅު ލަގްޒަރީ ރިސޯޓެއްގެ ރޫމް އެޓެންޑެންޓެއްގެ ވަޒީފާ އަދާ ކުރަމުން އަންނަ މުހައްމަދު އަލީ ބުންޏެވެ.
މަސައްކަތްތެރިން ރައްކާތެރި ކުރާ ގާނޫނެއް ނެތް
"އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު" ގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހެވެ. އެއީ މަސައްކަތްތެރިންނަށް ލިބެންޖެހޭ އެތައް ހައްގުތަކެއް ކަށަވަރުކޮށްދީ އެމީހުންނަށް އަނިޔާއެއް ލިބިއްޖެ ހާލަތުގައި އަމަލުކުރާނެ ހުރިހާ އުސޫލުތަކާއި އިޖުރާއަތްތަކެއް ހިމެނޭ ބިލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދައި، މަޖިލީސް ޑެޑްލޮކަކަށް ދިޔަ އިރު އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު ބިލުގެ ބަހުސް މަރުހަލާ އޮތީ ނުނިމި އެވެ.
ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ރައީސް މައުރޫފް ޒާކިރު ގަބޫލުކުރައްވާ ގޮތުގައި އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތުގެ ގާނޫނަށް އަމަލުކުރެވެން ފަށާ ހިސާބުން މިހާރު މަސައްކަތްތެރިންނަށް ދިމާވާ ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ އެވެ. އަދި އެފަދަ ގާނޫނެއް ނެތުމުން މަސައްކަތްތެރިން ކަންބޮޑުވާންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ޕޯޓްސް ލިމިޓެޑު ފަދަ ތަންތަނުގައި ވަރަށް ބޮޑަށް ދިމާވާ މައްސަލައެއް އެއީ ސޭފްޓީ މެޝާސްތައް އަދި ކަނޑައެޅިފައި ހުރިޔަސް އެއަށް އަމަލުކުރާތަނެއް ނުފެނޭ. އަމަލު ނުކުރާ އެއް ސަބަބަކީ ވަޒީފާ ދޭ ފަރާތަށް ގާނޫނޫން ލާޒިމު ނުކުރުން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ މުހިންމު ގާނޫނެއް ފާސްނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދިޔަ ނަމަވެސް އެ ބިލުގެ މުހިންމުކަން މަސައްކަތްތެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ. ދިމާވާ ސިއްހީ ބައެއް މައްސަލަތަކަކީ މަސައްކަތުގެ މާހައުލުން ކުރިމަތިވާ ކަމެއްގެ ގޮތުގައި ބެލުމުގެ ހޭލުންތެރިކަން ނުހުންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"[ސިއްހީ ބައެއް މައްސަލަތަަކަކީ] މިކަންކަން އަސްލު މަސައްކަތްތެރިންނަކަށް ނުއެއް އެނގޭ. ހޭލުންތެރިކަމެއް ނެތް. އަސްލު ހަގީގަތުގައި މިއީ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑު ހެލްތުގެ މައްސަލައެއް ކަމެއް،" މައުރޫފް ވިދާޅުވި އެވެ.
އޮކިއުޕޭޝަނަލް ސޭޕްޓީ ގާނޫނުން ކަށަވަރުކޮށްދޭ ބައެއް މުހިންމު ކަންކަން
- މަސައްކަތްތެރިންނަށް ލިބޭ އަނިޔާގެ ޒިންމާ އުފުލާނެ ފަރާތާއި މަސްއޫލިއްޔަތު
- މަސައްކަތްކުރާ މާހައުލަކީ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީގޮތުން ވެސް ރައްކާތެރި ތަނަކަށް ހެދުން
- ސިއްހީގޮތުން ކުރިމަތިވެދާނެ ނުރައްކަލުން ރައްކާތެރިކުރުމަށް ހާއްސަ އުސޫލެއް
- މަސައްކަތްތެރިން ރައްކާކޮށްދޭ ހާއްސަ ސިޔާސަތެއް
- މަސައްކަތްތެރިންގެ ސިއްހީ ދުޅަހެޔޮކަމާ ގުޅިގެން ނިންމާ ނިންމުންތަކުގައި ބަސްބުނުމުގެ ހައްގު
- އެފަދަ މައްސަލަތައް ރިޕޯޓުކުރާނެ ނިޒާމެއް ކަނޑައެޅުން
މަޖިލީހުގައި އޮކިއުޕޭޝަނަލް ސޭޕްޓީ ގާނޫނު ފާސްނުވަނީ ކީއްވެ؟
މަސައްކަތްތެރިންގެ ސޭފްޓީ އަދި ހެލްތު ބިލުގައި ބުނާ ގޮތުން މަސައްކަތުގެ މާހައުލުން ލިބޭ ގެއްލުމަށް ފައިސާއިން ބަދަލު ދޭންޖެހެ އެވެ. އެ ބަދަލު ދޭން ޖެހޭނެ މިންގަނޑުތަކެއް ވެސް އެ ބިލު ފާސްވެއްޖެ ނަމަ ކަނޑައަޅޭނެ އެވެ.
އޭގެ އިތުރުން، މަސައްކަތުގެ މާހައުލުގައި ލިބޭ ކޮންމެ އަނިޔާއަކަށް ޒިންމާ ނަގަން ޖެހޭނެ މީހާ އަދި އޭނާގެ މަސްއޫލިއްޔަތު އެ ގާނޫނުން ކަށަވަރުކޮށްދެ އެވެ.
އެއީ ވަޒީފާދޭ މީހުން އެހާ ހިތް އެދޭ ގާނޫނަކަށް ނުވަނީ އެ ސަބަބުތަކަށްޓަކައި ކަމަށް ގާނޫނު ގެންނަން ވަކާލާތު ކުރާ މީހުން ބުނެ އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ހޯދައިދިނުމަށް އަޑުއުފުލާ ފާތިމަތު ޝާއިރާ ވިދާޅުވީ އޮކިއުޕޭޝަނަލް ސޭފްޓީ ބިލު މަޖިލީހުގައި ތާށިވެފައި އޮތީ، އެ ގާނޫނަށް އަމަލުކުރަން ފަށައިފި ނަމަ ގެއްލުން ވާނެ ބަޔަކު ސަރުކާރުގެ އިސް މަގާމުތަކުގައި އަދި މަޖިލީހުގައި ވެސް ތިބުމުން ކަމަށެވެ.
"މަޖިލީހުގަ ވެސް ވަރަށް ބޮޑަށް ރިޕްރެޒެންޓު އެބަކުރޭ ބޮޑެތި ކުންފުނިތަކުގެ އިންޓްރެސްޓް. ލޯ މޭކާސް އަކީ މަޖިލިސް، އެމީހުންގެ އިންޓްރެސްޓު އެބަ އޮވޭ މަސައްކަތްތެރިންނަށް ރައްކާތެރިކަން ނުދޭން. އެމީހުން ނަށް ވަރަށް ގެއްލުންވާނެ ކަމެއް އެއީ،" ޝާއިރާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކުގެ ދާއިރާގައި މަސައްކަތްކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވެސް އެ މޭރުމުން ވާހަކަ ދެއްކެވި އެވެ. ފޯމީ ވިދާޅުވީ ގާނޫނެއް ފާސްކުރުމުން ވެސް މައްސަލަ ހައްލު ނުވާނެ ކަމަށާއި މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އަމަލުކުރެވޭ މިންވަރު ވެސް ބެލިގެން ކަމަށެވެ.
"އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ފަދަ ގާނޫނެއް އަޔަކަސް ކޮންބައެއް [އެގާނޫނު] ބަލަހައްޓާނީ. އެ ބަލަހައްޓާނެ ބައެއް ނެތް، ބޭނުން މެކޭނިޒަމްއެއް ނެތް. ޕްރޮފިޓަކަށް ކަމެއް ކުރާކަމަށް ވަންޏާ ޕްރޮފިޓު ގެއްލޭ ކަމެއް ކުރާކަށް ބޭނުމެއް ނުވާނެ ދޯ، [ސަރުކާރު ހިންގަން] އެލީޓް އެސްޓޭބްލިޝްމެންޓު މި ތިބެނީ،" ފޯމީ ވިދާޅުވި އެވެ.
އެންމެނަށް ވެސް ހައްގުލިބުމަކީ ގޯހެއްތަ؟
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދު ނަމްބަރުތަކުން ސާފުކޮށް ފެންނަން އޮތީ ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯގެ 2020 އަހަރުގެ ތަފާސް ހިސާބުތަކުންނެވެ. އެއިން ފެންނަ ގޮތުގައި ގަވާއިދާ އެއްގޮތަށް 157،560 ރާއްޖޭގައި އުޅެމުން އެބަ ދެ އެވެ.
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އާބާދީގެ 46 އިންސައްތަ މީހުން މަސައްކަތް ކުރަނީ މަސައްކަތްތެރިންނަށް އެންމެ ހިރާސް ބޮޑު ސިނާއަތް ކަމަށްވާ ކޮންސްޓްރަކްޝަން ދާއިރާގަ އެވެ. އެމީހުންނަކީ ގިނަ އިރުތަކެއް ވަންދެއް ބުރަ މަސައްކަތް ކުރާ ބައެއް ނަމަވެސް، ދޭ އުޖޫރަ ކުޑައެވެ.
އޮކިއުޕޭޝަނަލް ސޭޕްޓީ އެންޑް ހެލްތު ގާނޫނުގައި ބުނާ ގޮތުން އެގާނޫނުން މަސައްކަތްތެރިންގެ މަސައްކަތްތެރިންގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދެނީ ހަމަހަމަ ނިޒާމެއްގެ ދަށުންނެވެ. މި ގާނޫނު ފާސްވެއްޖެ ނަމަ ބިދޭސީންނަށް ވަޒީފާ ދޭ ފަރާތުން ކުރަން ޖެހޭ ހަރަދުތައް އިތުރުވާނެ އެވެ.
ކުރިން މި ލިޔުމަށް ވާހަކަ ދެއްކެވި ޝާއިރާ ވިދާޅުވި ގޮތުގައި މަސައްކަތުގެ މާހައުލުގައި ލިބެން ޖެހޭ ރައްކާތެރިކަމަކީ އެންމެންނަށް ހަމަހަމަކޮށް ލިބެން ޖެހޭ ހައްގެއް ނަމަވެސް، ބިދޭސީ މަސައްކަތްތެރިންނަކީ ދަށް ބައެއް ކަމަށް ސަރުކާރުންނާއި އަދި ހައްގުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައެއް ޖަމިއްޔާތަކުން ވެސް ގަބޫލު ކުރެ އެވެ.
"އަހަރުމެން ދިވެހިންގެ ތެރޭގައި މަސައްކަތްތެރިން އެބަ ބަހާލާ ދެބަޔަކަށް. އެއީ އެންމެ ދަށް މަސައްކަތްތެރިންނާ ދެން ތިބޭ މީހުންނާ. ރާއްޖޭގަ ވެސް އެމީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތައް ވެސް ވަރަށް މަދު،" ޝާއިރާ ވިދާޅުވި އެވެ.
ފޯމީ ވެސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ވާހަކަތައް ދެކެވިފައި ހުންނަނީ ބިދޭސީ މަސައްކަތްތެރިންނަށް ހަސަދަވެރިވާނެ ގޮތަށް ކަމަށާއި ހައްގުތަކުގައި އެމީހުން ތަފާތުކުރުން ވެސް އިންތިހާއަށް އޮތް ކަމަށެވެ.
"ބޮޑެތި ޕޮލިޓީޝަނުން ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ އަހަރުމެން މި އަޑުއަހަނީ. އެމީހުން ވަރަށް ހަސަދަވެެރިވާ ގޮތަށް ވާހަކަތައް ދައްކަނީ. މިސާލަކަށް ސިޔާސީ ބައެއް މީހުން ބުނާނެ ބަންގާޅީންނާ ހެދިއޭ މިހެން މިވަނީ، ނޫނީ" ފޯމީ ވިދާޅުވި އެވެ.
އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ބިލަކީ މަސައްކަތްތެރިންގެ ހައްގުތައް ފުޅާ ދާއިރާއެއްގައި ރައްކާތެރިކުރާ ފުރަތަމަ ބިލެވެ. އެފަދަ ގާނޫނެއް ރާއްޖެއަށް މުހިންމު ނަމަވެސް އެބިލާއެކު ރައްޔިތުންގެ މަޖިލިސް އޮތީ ޗުއްޓީގަ އެވެ. އެފަދަ ގާނޫނެއް ނެތި ހިނގާ ކޮންމެ ދުވަހަކީ އެތައް ބައެއްގެ ހައްގުތަކެއް ގެއްލިދާނެ ދުވަހެކެވެ.












