ރިޕޯޓުބޭރުގެ ދަރަންޏަށް އޮތް ބަރޯސާއިން ނުރައްކާ މިނިވަންކަމަށް؟

ބޭރުގެ ދަރަންޏަށް އޮތް ބަރޯސާއިން ނުރައްކާ މިނިވަންކަމަށް؟

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން އެހެން ގައުމުތަކުގެ ބޭންކުތަކުގެ އިތުރުން އިންޓާނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޒަރިއްޔާއިން ރާއްޖެއިން ނަގާފައިވާ "އެކްޓިވް" ލޯނުތަކުގެ އަދަދު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 128 އަށް އަރަ އެވެ.

ކުރެހުން: ރައްޔާން މުހައްމަދު/އަދަދު
ކުރެހުން: ރައްޔާން މުހައްމަދު/އަދަދު

އަށާރަވަނަ ގަރުނާއި ނަވާރަ ވަނަ ގަރުނުގައި ވެސް ދުނިޔޭގެ ބާރުގަދަ އިގުތިސޯދުތައް އޮތް ގައުމުތަކުން، އިގުތިސޯދީ ގޮތުން ބަލިކަށި ގައުމުތައް އަޅުވެތިކޮށްފައި އޮވެ އެވެ. ވިހިވަނަ ގަރުނުގައި ވެސް އެ ހަގީގަތް އޮތީ އެހެނެވެ. ތަފާތަކީ އަޅުވެތިކުރަން ގެންގުޅޭ އުކުޅުތަކެވެ.

ގައުމެއް އަޅުވެތިކުރުމަށްޓަކައި އޭރު ބާރުގަދަ އަސްކަރިއްޔާތައް އުފައްދާފައި އޮންނަަ ގައުމުތަކުން ގެންގުޅުނީ ހާމަކަން ބޮޑު އިސްތިއުމާރީ އުސޫލުތަކެކެވެ. ކަނޑި ބަޑީގެ ހަމަލާތަކާއެކު އަތްތަގަދަކޮށް އެ ސަރަހައްދަކަށް ވެރިވެގަތުމެވެ. ލޭ އޮހޮރުވާލާ އެ ގައުމެއްގެ ވެރިކަމަށް ލޮޅުން އަރުވާލުމެވެ.

އަބަދުވެސް އަމިއްލަ ވެރިކަމެއް އޮތް ދިވެހި ދައުލަތުގެ ދިގު ތާރީހުގައި ވެސް ތިން ފަހަރެއް މަތިން އަޅުވެތިކަމުގެ ސަފުހާތަކެއްގެ ތަޖުރިބާ ކުރި އެވެ. ޕޯޗުގީޒުންނާއި މަލާބާރީން ގަދަ ބާރުގައި އެ ކަން ކުރިއިރު، އިނގިރޭސީން އެ ކަން ކުރީ ދިވެހި ދައުލަތާ އެކު "ހިމާޔަތް" ދިނުމުގެ އެއްބަސްވުމެއް ތެރެއިންނެވެ.

އިނގިރޭސި ދައުލަތާއެކު ވެފައިވާ އެ އެއްބަސްވުމަކީ، ހަތިޔާރާއެކު ދިވެހި ފަސްގަނޑަށް އިނގިރޭސި ސިފައިން އައިސް މަޖުބޫރީ ހާލަތެއްގައި ކުރެވުނު ކަމެކެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، އިނގިރޭސީންގެ ހިމާޔަތަށް ދިޔަ އެ އެއްބަސްވުމުގައި އޮންނަ ގޮތުން އިނގިރޭސީންގެ ހުއްދަ ނެތި ބޭރުގެ އެހެން ގައުމަކާ ގުޅުން ގާއިމްކޮށް، މުއާމަލާތްތައް ހިންގުމުން މުޅިން މަހުރޫމު ވެގެން ދިޔަ އެވެ.

ނަމަވެސް އޭގެ ފަހުން ބޮޑުވަޒީރު ކަމަށް އިސްވެވަޑައިގަތް ވެލާާނާގޭ އިބްރާހިމް ނާސިރުގެ މާލިމީ ކަމުގައި ދިވެހީންނަށް ނަސްރު ލިބުނެވެ. ޖުލައި 26، 1965 ގައި އިނގެރޭސީންގެ އަތުން ލިބުނު މިނިވަންކަމުގެ ތަތްގަނޑަށްފަހު މިއަދު ރާއްޖެއަކީ އަމިއްލަ ވެރިކަމެއް އޮތް ގައުމެއްތޯ ސުވާލު އުފައްދަން ޖެހެ އެވެ. މިނިވަންކަމުގެ 58 ވަނަ އަހަރު، އޭގެ ތިލަފަތް ކިރުމުގައި ބަލަން އޮތީ ދިވެހީންގެ އިގުތިސޯދަށެވެ.

ރާއްޖެއަކީ އިގުތިސޯދީ ގޮތުން ޒަރޫރީ ބޭނުންތަކަށް ބޭރުގެ އެހެން ގައުމުތަކަށް ބަރޯސާ ވާން ޖެހޭ ގައުމެކެވެ. އޭރު ވެސް އަދި މިހާރު ވެސް ދިވެހީން ކާބޯތަކެތީގެ ގޮތުގައި ހުރި އަސާސީ ތަކެތީން ފެށިގެން އިމާރާތްކުރުމާއި ގޭތެރޭގައި ގެންގުޅޭ ސާމާނު ވެސް ބޭރުން އެތެރެކުރާ ބަޔެކެވެ.

އެހެންވެ އިގުތިސޯދީ ގޮތުން މިނިވަންކަމެއް ނެތް، ދިވެހި ދައުލަތަށް އޭގެ ސަބަބުން އެތައް ގޮންޖެހުމެއް ކުރިމަތީގައި އެބަ އޮތެވެ.

އެހީގެ ނަމުގައި އިގުތިސާދުގެ މައްޗަށް އަތްގަދަކުރުން

ގައުމެއް އަޅުވެތިކުރުމަށްޓަކައި އޭރު ދުޝަމަނުން ގެންގުޅުނީ ހާމަކަންބޮޑު އިސްތިއުމާރީ އުސޫލުތަކެކެވެ. ކަނޑި ބަޑީގެ ހަމަލާތަކާއިއެކު އަތްގަދަކޮށް އެ ސަރަހައްދަކަށް ވެރިވެގަތުމެވެ. ލޭ އޮހޮރުވާލާ އެ ގައުމެއްގެ ވެރިކަމަށް ލޮޅުން އަރުވާލުމެވެ. ނަމަވެސް ބަދަލުވަމުން އަންނަ ޒަމާނާއި އެކު ގައުމުތަކުން ބާރު އެއްކުރުމަށް ގެންގުޅޭ އިސްތިއުމާރީ އުކުޅުތައް ވެސް ވަނީ ބަދަލުވެފަ އެވެ. ގައުމަކަށް އަތްގަދަކުރަން ބޭނުންވާނަމަ މިހާރު އެންމެ އާންމު އުކުޅަކީ އެ ގައުމެއްގެ އިގްތިސޯދު ބަލިކަށިކޮށްލުމޭ ބުނެވިދާނެ އެވެ.

1. ޗައިނާގެ ދަރަނި މަޅި

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ ބައިވެރިއެއް ކަމުގައިވާ ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސޯދީ ބާރެވެ.

ޗައިނާއަކީ އެ ގައުމުން އެހެން ގައުމުތަކުގެ މައްޗަށް ނުފޫޒުފޯރުވުމުގެ ގޮތުން އިގްތިސޯދީ ގޮތްގޮތުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އޮތް ގައުމެކެވެ. އޭގެ ބައެއް ހެކިތަކެއް ވެސް ދުނިޔޭގެ އިގުތިސޯދު ދިރާސާކުރާ އިކޮނޮމިސްޓުންނާއި އެނަލިސްޓުން ފާހަގަ ކުރެ އެވެ.

މިކަމުގެ އެއް ހެއްކަކީ ޗައިނާއިން އެފްރިކާގެ ގައުމުތަކަށް ދޫކުރި ގިނަ އަދަދެއްގެ ލޯނުތަކެވެ. އެ ގައުމުގެ ހިންގުމަށް ބާރު ފޯރުވަން މަސައްކަތްތަކެއް ކުރި ކަމަށް ކުރެވޭ އިތުރު ތުހުމަތުތަކެވެ. އެފްރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ވަނީ ތަފާތު އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް އެ ގައުމުތަކަށް 140 ބިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފަ އެވެ.

މި ޒާތުގެ ލޯނުތައް ދޫކުރުމުގެ މަގުސަދަކީ އެފްރިކާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން އެ ލޯނު ނުދެއްކޭނެ ކަމުގެ ބިރު އޮތުމާއެކު، އެ ގައުމުގެ ސަރުކާރަށް ނުފޫޒު ފޯރުވުން ކަމުގައި ގިނަ ބަޔަކު ދެކެ އެވެ. މިއީ ބޮޑެތި ގައުމުތަކުން އެހެން ގައުމުތައް އަޅުވެތި ކުރުމުގައި ގެންގުޅޭ އުކުޅެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންމެ ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ. މާލެ ސަރަހައްދުގައި އޭރު ހިންގި އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ހިންގީ ޗައިނާއިން އޭރު ދިން ހިލޭ އެހީއާއި ލޯނުތައް މެދުވެރިކޮށެވެ.

އޭގެ ތެރޭގައި މާލެއާއި ހުޅުމާލެ ގުޅުވައިދިން ސިނަމާލެ ބްރިޖްގެ އިތުރަށް ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭއާއި، އެއާޕޯޓްގެ އިތުރު މަޝްރޫއުތަކުގެ އިތުރަށް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ހިއްކި ބިމުގައި އެޅި ފްލެޓް ޓަވަރުތައް ވެސް ހިމެނެ އެވެ.

ސިނަމާލެ ބްރިޖުގެ މަޝްރޫއުއަށް ގާތްގަނޑަކަށް 250 މިލިއަން ޑޮލަރު ހަރަދު ކޮށްފައިވާއިރު، 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިން ބައެކެވެ. އަދި ބާކީ 150 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރުން ލޯނެއްގެ ގޮތުގައި ނެގި ބައެކެވެ.

އިންޑިއާގެ އަސްކަރީ އެހީއާއި ދަރަނި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ އިންޑިއާއަކީ ވެސް ދުނިޔޭގައި އެންމެ ބާރުމިނުގައި ކުރިއަރަމުން އަންނަ އެއް އިގްތިސޯދެވެ. އެ ގައުމުން ވެސް އަންނަނީ ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންނެވެ.

އަލްޖަޒީރާ ނޫހުން ވަނީ މޮރީޝަސްގެ އަގެލެގާ ނަމަކަށް ކިޔާ ރަށެއްގައި އިންޑިއާއިން އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ހިންގާގޮތާއި މެދު ތަހުގީގެއް ހިންގައި، އެ ގައުމުން އަގެލެގާގައި އަސްކަރީ ހަރަކާތްތަކެއް ހިންގާކަމަށް ހެކިތަކެއް ދައްކައިފަ އެވެ.

މިގޮތުން އިންޑިއާގެ "އެފްކޮންސް އިންފްރާންސްޓްރަކްޗާ" ކުންފުނިން އަގެލެގާގައި ހިންގާ މަޝްރޫއުތަކުގައި އެ ރަށުގައި އަސްކަރީ ހަރަކާތްތަކަށް ބޭނުންވާފަދަ ބޮޑު ރަންވޭއަކާއި، މިލިޓަރީ ބޭސް އަދި ބަނދަރުތައް ހަދަމުން އަންނަކަމަށް އަލް ޖަޒީރާ ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި މަޝްރޫއުތަކަކީ އިންޑިއާއިން 250 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މަޝްރޫއުތަކެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަގެލެގާ ތަރައްގީކުރުމުގެ ގޮތުން މޮރީޝަސް އަދި އިންޑިއާއާ ދެމެދު 2015ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ގައުމުން އަގެލެގާގައި ކުރިއަށް އެ ގެންދަނީ އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރުއޫތަކެކެވެ.

އިންޑިއާއިން ރާއްޖޭގައި ވެސް ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އަސްކަރީ މަރުކަޒެއް ވެސް ހިމެނެ އެވެ. އުތުރުތިލަފަޅުގައި ތަރައްގީކުރާ އެ އަސްކަރީ މަރުކަޒުގެ އިތުރަށް، މާލޭން ތިލަފުށްޓާ ހަމައަށް ގުޅުވައިދޭ "ތިލަމާލެ" ބުރިޖާއި، ގުޅީފަޅުގައި ގާއިމުކުރާ އިންޓަނޭޝަނަލް ޕޯޓް، ލ. ގަމުގެ ކެންސަރު ހޮސްޕިޓަލް، ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ފަދަ ބިޔަ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި ތަރައްގީކުރުމުގެ އެންމެ ބޮޑު އެއް މަޝްރޫއު ވެސް މި ހިނގަނީ އެހެން ގައުމަކަށް ބަރޯސާވެ ދަރައިގެންނެވެ.

މި މަޝްރޫއު ވެސް ކުރިއަށްދަނީ އެލެގާ ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގާފައިވާ އިންޑިއާގެ "އެފްކޮންސް އިންފްރާސްޓްރަކްޗާ" ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

ބޭރުގެ ދަރަނި ބޮޑު

ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވާގޮތުން އެހެން ގައުމުތަކުގެ ބޭންކުތަކުގެ އިތުރުން އިންޓާނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޒަރިއްޔާއިން ރާއްޖެއިން ނަގާފައިވާ "އެކްޓިވް" ލޯނުތަކުގެ އަދަދު މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 128 އަށް އަރަ އެވެ. އެއީ 67.7 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އެވެ.

މިފަދަ ލޯނުތަކަކީ އެހެން ގައުމުތަކަށް ދިވެހި ސަރުކާރު ދަރަނިވެރިކޮށް، މި ގައުމުގެ ހިންގުމާއި މިނިވަންކަމަށް ނުފޫޒު ފޯރުވަން ލިބޭ ޖާގަ އެކެވެ.

އުފެއްދުންތެރިކަން ގެންނަން މަޖުބޫރު

ރާއްޖެއަކީ އެހެން ގައުމުތަކުން އެތެރެކުރާ އުފެއްދުންތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ގައުމެކެވެ. ދިވެހިން ދަތް ކޮއްޓަން ބޭނުންކުރާ އިލޮށިކޮޅުން ފެށިގެން ގޮސް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުގެ އިތުރުން، އަންނައުނަކީ ވެސް އިމްޕޯޓު ކުރާ އުފެއްދުންތަކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރު ގެ މާޗު މަހުގެ ނިޔަލަށް މި ގައުމުން ވަނީ 4.3 ބިލިއަން ރުފިޔާގެ ތަކެތި އިމްޕޯޓުކޮށްފަ އެވެ. މީގެ ތެރެއިން 22 އިންސައްތައަކީ ކާބޯތަކެއްޗެވެ.

ދެން އުފެދޭ ސުވާލަކީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗަކީ ހަމަ އެއްގޮތަކަށް ވެސް ރާއްޖޭގައި ނުހެއްދޭނެ ތަކެތި ހެއްޔެވެ؟ ރާއްޖޭގައި އެ ވަރުގެ ވަސީލަތްތައް ނެތީ ހެއްޔެވެ؟

"ކިތައް ބިން ރަނގަޅު ފަޅު ރަށް އެބަ އޮތްތޯ ދަނޑުވެރިކަމަށް ބޭނުން ނުކުރެވި؟ ރާއްޖެއަކީ ވަށައިގެން ކަނޑު އޮތް ގައުމެއް، ސައިންސްވެރިން ވެސް އެބަ އެއްބަސްވޭ ކަނޑުން ނަގާ ލޮނު މިނަރަލްގެ ގޮތުން ބެލިޔަސް ފައިދާ ބޮޑުކަމަށް، އެކަމަކު އަޅުގަނޑުމެން ދިވެހިން މި ބޭނުންކުރަނީ އެހެން ގައުމުތަކުން ފަރުބަދަ ކަނޑައިގެން ނަގާ ލޮނު،" ނޫހުގައި ނަން ނުޖެހުމަށް އެދި އިގްތިސޯދީ ދާއިރާގެ މާހިރެއް ބުންޏެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން ދަށްވުމުގެ އިތުރުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފޭކަން ގިނަ ބޭފުޅުން ފާހަގަކުރައްވަ އެވެ. އަދި އެކްސްޕޯޓުކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދޭނެ އެތައް އަގުހުރި ދިރުންތަކެއް ރާއްޖޭގެ ކަނޑުފަޅުތަކުން އެކަނި ވެސް ލިބެން އެބަ ހުއްޓެވެ.

"އަޅުގަނޑުމެން ކާ ހަނޑޫ، ހަކުރު، ފުށް ފަދަ ތަކެތި ވެސް ގެންނަނީ އެހެން ގައުމުތަކުން. މާދަމާ ވެސް އެ ގައުމުތަކުން ރާއްޖެއަށް އެކްސްޕޯޓު ކުރުން ހުއްޓާލައިފިއްޔާ ވާނެ ގޮތަކާ ދޭތެރޭ އެބަ ވިސްނާލަންޖެހޭ. ފުރިހަމަ މިނިވަންކަން ލިބެން އޮތީ އިގްތިސާދު ވެސް މިނިވަންވެ، ފުދުންތެރި ބަޔަކަށް ވެވިގެން،" މިނިވަން ދުވަހުގެ މުނާސަބަތުގައި ވިސްނާލަންޖެހޭ މުހިންމު ކަމެއް މި ރިޕޯޓަށް ވާހަކަ ދެއްކި އިކޮނޮމިސްޓް ބުންޏެވެ.

ރާއްޖޭގެ ތާރީހުން ވެސް ވިޔަފާރީގެ ގޮތުން ދިވެހީން މީގެ ކުރިން ކޮށްފައިވާ ގިނަ މަސައްކަތްތައް ފެންނާން އެބަ ހުއްޓެވެ.

"ކާބަފައިންގެ ދިރިއުޅުމާ އާދަދަކާދައިން ވެސް ދިވެހިރާއްޖެއަކީ އެހެން ގައުމަކަށް ބަރޯސާވެގެން އުޅުނު ގައުމެއް ނޫންކަން ހާމަވޭ. އެހެންވީމަ އެފަދައިން މި ގައުމުގެ އިގްތިސާދު ބިނާނުކުރެވޭނެ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ،" ގާނޫނީ ވަކީލު އަލީ ރަޝީދު އަހުމަދު ވިދާޅުވި އެވެ.

ދިވެހިންގެ އިގްތިސޯދު މިނިވަންކުރުމަށް ޓަކައި އެކްސްޕޯޓުގެ ދާއިރާ މިހާރަށް ވުރެ ފުޅާކޮށް އުފެއްދުންތެރިވުމުގެ ފުރުސަތު އޮތްކަން އަލީ ރަޝީދު ފާހަގަކުރެއްވި އެވެ.

"ރާއްޖެއަކީ މުއްސަނދި ގައުމެއް، ވަސީލަތްތައް އެބަ ހުރި، މިހާރަށް ވުރެ ގިނަ ތަކެތި އުފައްދާ އެކްސްޕޯޓު ކުރެވޭނެ. ކުރިން އެކްސްޕޯޓު ކުރި ތަކެތީގެ އެކްސްޕޯޓު ވެސް މިހާރު ހުއްޓިފަ އޮތުމަކީ ހިތާމައެއް،" އަލީ ރަޝީދު ވިދާޅުވި އެވެ.

ދިވެހިރާއްޖެއަށް "ފުރިހަމަ މިނިވަން" ގައުމެއްގެ ލަގަބު ލިބެން އޮތީ މިހާރަށް ވުރެ ގައުމުގެ ދަރަނި ކުޑަކޮށް، އުފެއްދުންތެރިކަން އިތުރުކޮށް، ގައުމުގެ ހުންގާނުގައި ހަރުދަނާ ދިވެހި ޖީލެއް ވެސް ތިބެގެނެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ބަދަލުކޮށް ވަރުގަދަކުރުމަށް ކުރީ ސަފުގައި ތިބެ ގިނަ ހިދުމަތްތަކެއް ކޮށްގެނެވެ. އަޅުވެތިކަމުން މި ގައުމު ސަލާމަތްކުރެވެން އޮތީ އޭރުންނެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox