ނުރައްކަލަށް ހުށަހެޅިފައިވާ ރާއްޖެ: ތައްޔާރީތައް ހުރީ ކިހާ މިންވަރަކަށް؟

ނުރައްކަލަށް ހުށަހެޅިފައިވާ ރާއްޖެ: ތައްޔާރީތައް ހުރީ ކިހާ މިންވަރަކަށް؟

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ހަމަލާތައް ފެށުނު ހިސާބުން އަހަރެންގެ އަތުން ފޯނު ދުލެއް ނުވެއެވެ. އެކި ހަބަރު ފަތުރާ ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ހަނގުރާމައިގެ ފަހުގެ މައުލޫމާތުތައް ދަނީ ހޯދަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެދާނެ ގޮތްތަކާ މެދު ވިސްނެނީ އެވެ. ގިނަ ދިވެހިންނަށް ކަންތައް ދިމާވި ފަދައިން، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާ އަހަންނަށްވެސް އިހުސާސްކުރެވުނީ، ފްލައިޓުތައް ކެންސަލްވެ އެއާޕޯޓުގައި ފަތުރުވެރިން ތާށިވާން ފެށި ހިސާބުންނެވެ. ދުނިޔޭގެ ނާޒުކު ސަރަހައްދެއްގައި ހިނގާ މި ހަނގުރާމައަކީ ރާއްޖެއާ ދުރުގައި ހިނގާ ކަމަކަށް ވިޔަސް، އިގްތިސާދީ ގޮތުން ރާއްޖެއަށް މިވަނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައިކަން ވިސްނުނީ މާފަހުންނެވެ.

ބޭރު ގައުމުތަކުގެ ވެބްސައިޓުތައް ބެލުމަށްވުރެ ބޮޑަށް، އަހަންނަށް ބެލުނީ ރާއްޖޭގެ މީޑިއާތަކެވެ. ނަމަވެސް ހިތަށް ތަސައްލީއެއް ލިބޭ ފަދަ އެއްވެސް ހަބަރެއް ނުފެނުނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ސަބަބަކީ މިފަދަ ކަމަކަށް ދިވެހިން ތައްޔާރުވެފައި ނެތްކަން ސާބިތުވާތީ އެވެ.

އެމެރިކާ އާއި އިޒްރޭލާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ދުނިޔޭގެ އެހެން ސަރަހައްދެއްގައި ހިނގާ ހަމަނުޖެހުމެއްގެ އަސަރު ރާއްޖެއަށް އެހާ ބޮޑަށް ނުކޮށްފާނެ އެވެ. ނަމަވެސް، ގަލްފު ސަރަހައްދުގައި ހިނގާ ކުރިމަތިލުންތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ލޮޅުންތަކެއް އަރާނެކަން ރައްޔިތުންނަށް ނޭނގުނަސް، ގައުމުގެ އިސްވެރިންނަށް އެނގެންވާނެ އެވެ. ސަބަބަކީ މި ސަރަހައްދުގެ ހަމަނުޖެހުމުގެ ސަބަބުން ދިވެހި އިގްތިސާދުގެ "ލޭނާރަށް" ދެ ގޮތަކުން ބޮޑު އަސަރެއް ކުރާނެތީއެވެ. އެއީ ވައިގެ ދަތުރުފަތުރާއި ކަނޑުމަގުން ހަކަތަ އުފުލާ މަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު ބަޔަކީ ގަލްފުގެ ދަތުރުފަތުރުގެ މަރުކަޒުތައް މެދުވެރިކޮށް ދަތުރުކުރާ މީހުންނެވެ. ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ތެލަކާއި ޒަރޫރީ މުދަލަކީ އެ ސަރަހައްދުގެ ކަނޑުގެ މަގުތަކުން އަންނަ ތަކެއްޗެވެ. އީރާނުން ކޮންޓްރޯލްކުރާ 'ސްޓްރެއިޓް އޮފް ހޯމޫޒް' އަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އެންމެ ނާޒުކު އެއް ސަރަހައްދެވެ. އެތަނަށް އަންނަ ކޮންމެ ހަމަނުޖެހުމަކާއެކު ތެލުގެ އަގާއި، އާގުބޯޓުފަހަރުގެ އިންޝުއަރެންސާއި، މުދާ އުފުލުމުގެ އަގުތަކަށް ވަގުތުން ބަދަލު އާދެ އެވެ.

މިހިސާބަށް ކަންތައް ދިޔައިރު، އުފެދޭ އެންމެ ބޮޑު ސުވާލަކީ، ދިވެހިންގެ ދިރިއުޅުމަށް މިހާ ބޮޑު އަސަރެއް ކުރާނެކަން ޔަގީންވާ މިސްރާބަކަށް މެދުއިރުމަތީގެ ހާލަތު ބަދަލުވަމުންދާތާ އެތައް މަހެއް ވެފައިވާއިރު، ވައިގެ ބަނދަރަށާއި ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރު ފޯރުމުގެ ކުރިން، ރައްޔިތުން މިކަމަށް ތައްޔާރުކުރަން ސަރުކާރުން މަސައްކަތް ނުކުރީ ކީއްވެގެން ހެއްޔެވެ؟ ފަތުރުވެރިކަމަށް ލޮޅުން ނާރާނޭ ހެން ކަންކަން ރޭވި ފިޔަވަޅުތައް އެޅިފައިނުވަނީ ކީއްވެ ހެއްޔެވެ؟ ދިވެހި ރާއްޖޭގައި ބައިލައްކައަށް ވުރެން ގިނަ ބަޔަކު އާމްދަނީއަށް ބަރޯސާވާ ސިނާއަތަކަށް ބޮޑު ކާރިސާއެއް ކުރިމަތިވާއިރުގައި އަޅަން ޖެހޭ ތައްޔާރީ ފިޔަވަޅުތައް އެޅިފައިނުވަނީ ކީއްވެގެން ހެއްޔެވެ؟

މިހާލަތުގެ ނާޒުކުކަމުން، އާންމުގޮތެއްގައި ދުނިޔޭގައި ހިނގާ މިފަދަ ބޮޑެތި ކަންކަމަށް ދިވެހިން މާ ބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް، މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން މީހުންގެ ހިތްތަކުގައި ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ސޯޝަލް މީޑިއާގައި މިއީ ތިންވަނަ ބޮޑު ހަނގުރާމައިގެ ފެށުން ކަމަށް ބުނެ ވާހަކަ ދެކެވެމުންދާއިރު، މި ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ މައި އިގްތިސާދީ ސިނާއަތް "ފައިބިނދިގެން" ދާ މަންޒަރު މީހުންނަށް ދަނީ ފެންނަމުންނެވެ.

ހޭލުންތެރި ކޮންމެ މީހަކަށްވެސް، ވައިގެ ދަތުރުތައް މަދުވުމުން ފަތުރުވެރިކަމުގެ އާމްދަނީ ދަށްވާނެކަން އެނގެ އެވެ. ތެލުގެ އަގު އުފުލުމުން ކަރަންޓާއި ފެން އުފެއްދުމުގެ ހަރަދު ބޮޑުވާނެކަން އެނގެ އެވެ. ކަނޑުމަގުން މުދާ އުފުލުމުގެ އިންޝުއަރެންސް އަގުބޮޑުވުމުން، މުދަލުގެ އަގު އުފުލޭނެކަންވެސް އެނގެ އެވެ. މިކަންކަން އެނގޭއިރު، މުޖުތަމައުގައި ކަންބޮޑުވުން ފެތުރިގެންދާތަން މިހާރުވެސް ފެންނަން ފަށައިފި އެވެ. އާއިލާތަކުގެ އާމްދަނީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އަދި ހުރިހާ ޒަރޫރީ މުދަލެއް އިމްޕޯޓްކުރާ ގައުމެއްގައި ކަން ވާނީ މިހެންނެވެ.

މި ހާލަތަށް އިޖާބަދިނުމަށްޓަކައި ސަރުކާރުން މިހާރު ވަޒީރުންގެ ކޮމިޓީއެއް އެކުލަވައިލާފައިވާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް، މި ކޮމިޓީ އެކުލަވައިލަން ޖެހެނީ މިއަދު ހެއްޔެވެ؟ މިފަދަ ކަމެއް ކުރިމަތިވާނެކަން ކުރިއާލައި އެނގޭއިރު، އިމަޖަންސީ ކޮމިޓީއެއް ހަދައި، މުއައްސަސާތަކާއި ރައްޔިތުން ތައްޔާރުކުރަންޖެހޭތާ އެތައް ދުވަހެއް ވެއްޖެއެވެ. މިއަދު މި ކޮމިޓީ ހަދައިގެން، ރައްޔިތުންނަށް ސާފު މައުލޫމާތު ފޯރުކޮށްދޭން އަދިވެސް ހަރުދަނާ ފިޔަވަޅެއް އެޅިފައި ނުވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ.

ކާރިސާތަކުން އަރައިގަތުމުގެ ތައްޔާރީތަކަކީ މުއައްސަސާތަކުގެ ތެރޭގައި މިއަށްވުރެން ފުރިހަމަކޮށް ކުރިއާލައި ރޭވިފައި ހުންނަންޖެހޭ ކަންކަމެވެ. ނަމަވެސް މިއީ ދިވެހިންގެ ތެރޭގައި އެއްވެސް އިރެއްގައި އޮތް ސިޔާސަތެއް ނޫނެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވީހިނދު، މިފަދަ ކުއްލި ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކެއް ރޭވިފައި ނެތްކަން، ހަމަލާތައް ފެށި ފްލައިޓުތައް ކެންސަލްވާން ފެށުމުން ސާފުވެއްޖެ އެވެ.

އެހެން ގައުމުތަކުގައި ފަތުރުވެރިން އެއާޕޯޓުގައި ތާށިވުމުން، އެމީހުން ރަށަށް ފޮނުވުމަށް ކުރާ މަސައްކަތްތައް ހާމަކޮށް، ސާފު މެސެޖުތައް ދެމުންދިޔަތަން ފެނުނެވެ. ނަމަވެސް ރާއްޖެ އޮތީ މިފަދަ ހާލަތަކަށް ތައްޔާރުވެފައެއް ނޫނެވެ. މިކަމުގެ ސަބަބުން 19 ފްލައިޓު އިއްޔެ ކެންސަލްވެ 3000 ފަތުރުވެރިންނަށް ދަތިތަށް ކުރިމަތިލާން ޖެހުނު އިރު "ޑިސްރަޕްޝަން މެނޭޖުމަންޓު ސެންޓަރެއް" އެއަރޕޯޓުގައި ގާއިމުކުރެވުނީ އިއްޔެއެވެ. މިއީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމެއްގައި މިހާތަނަށް ގާއިމުވެފައި ނެތުމުން ދެރަވާން ޖެހޭ ކަންކަމެވެ.

މިހާރުވެސް ފެންނަނީ ފަތުރުވެރިކަމަށް ބަރޯސާވާ ދައުލަތަކުން ކަންކުރަންޖެހޭ ފެންވަރުގައި ކަންތައް ނުކުރެވޭ ތަނެވެ. އެމެރިކާއިން މި ހަމަލާތައް މާޗު ތިނެއްގައި ނިމޭނެ ކަމަށް ބުނި ނަމަވެސް، މިކަމުގެ އަސަރު ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާކުރެއެވެ. އެކަމަކު މިފަދަ އެއްވެސް މައުލޫމާތެއް ރައްޔިތުންނާ ހިއްސާކުރާތަނެއް ނުފެނެ އެވެ.

ގައުމަށް ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކަށް ލަފާކޮށް، ކަންކަން ވަކި މިންވަރަކަށް ދިއުމުން ރައްޔިތުންނަށް މައުލޫމާތުދޭނެ އުސޫލުތަކެއް ކަނޑައަޅާފައި އޮންނަންޖެހޭނެ ނޫންހެއްޔެވެ؟ ތެލުގެ ރިޒާވާއި ޒަރޫރީ މުދާ ހުރި މިންވަރު ހާމަކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއް އޮންނަންޖެހޭނެ ނޫންހެއްޔެވެ؟ އަދި ފަތުރުވެރިން އަންނަ މިންވަރު ދަށްވެއްޖެ ހާލަތެއްގައި، އާމްދަނީ ހިފެހެއްޓުމަށް ކުރާނެ ކަންކަމުގެ އޮނިގަނޑެއް އޮންނަންޖެހޭނެ ނޫންހެއްޔެވެ؟

މިއީ އަމިއްލަ ބާރު ނުފޯރުވޭ ބޭރުގެ ކަންކަމުގެ މައްޗަށް މުޅި އިގްތިސާދު ބިނާވެފައިވާ ގައުމެއްގެ ލީޑަރޝިޕަކުން އަދާކުރަންޖެހޭ އެންމެ އަސާސީ ޒިންމާތަކެވެ. ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ އެކު، ރާއްޖެ އަށް އަންނަން ތިބި 30-35 ޕަސެންޓު އައުން ހުއްޓިދާނެ ކަމަށް ބުނުމުން އާންމު މީހާގެ ހަޔާތަށް މިކަމުގެ ސަބަބުން އަސަރުކުރާނީ ކިހިނެތްކަން ބުނެދޭން އަންނާނީ ކާކު ހެއްޔެވެ؟ ސަރުކާރުން ވިސްނާނީ މި ކާރިސާގެ ސަބަބުން ކާބޯތަކެއްޗަށް ބުރޫނާރާގޮތަށް ކަންކަން ބެހެއްޓުމަށޭ ބުނުމުން މީހުންގެ ހިތަށް ކުރާނޭ އަސަރު އެމީހުންނަށް ވިސްނޭ ހެއްޔެވެ؟

މައުލޫމާތު ދިނުން ލަސްވުމުން ކުރިމަތިވާ އިޖުތިމާއީ ނަތީޖާތަކަކީ އަރައިގަންނަން އުނދަގޫ ކަންކަމެވެ. ރަސްމީ ސިފައެއްގައި ރައްޔިތުންނަށް މައުލޫމާތު ހިއްސާނުކުރާނަމަ، އެ އުފެދޭ ހުސްކަން ފުރައިލަނީ ކުށްހީތަކާއި ވަހުމްތަކުންނެވެ. މަޑުމަޑުން ރައްޔިތުން އެންމެ ގޯސް ހާލަތަށް ވިސްނަން ފަށަ އެވެ. ވިޔަފާރިތަކުން ހަރަދުކުރުން މަޑުޖައްސާލައެވެ. ޔަގީންކުރެވޭ މައުލޫމާތު ނެތުމުން ނުތަނަވަސްކަން ބާރަށް ފެތުރެ އެވެ. އިގްތިސާދީ ނާޒުކުކަމުގެ މައްޗަށް، މައުލޫމާތު ލިބުން ހީނަރުވުމުން މައްސަލަ އިތުރަށް ގޯސް ވެ އެވެ.

މީގެ އަސްލަކީ ދިވެހިންގެ ވެރިކަން ހިންގުމުގެ ސަގާފަތެވެ. ދުނިޔޭގެ ސިޔާސީ މަސްރަހަށް އަންނަ ލޮޅުންތަކަކީ ދޭތެރެއަކުން ހިނގާ ކަންކަން ނޫން ކަމާއި، އެއީ ތަކުރާރުވާނެ ކަންކަންކަން ދިވެހިރާއްޖެއަށް ގަބޫލުކުރެވޭނީ ކޮން އިރަކުން ހެއްޔެވެ؟ ހަކަތަ އުފުލާ މަގުތަކާއި، ވިޔަފާރީގެ އޮއިވަރުތަކާއި، ސަރަހައްދީ ބާރުތަކުގެ ގުޅުންތަކަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ ނިޒާމު މިވަނީ ނުތަނަވަސްވެފަ އެވެ.

ދުނިޔޭގެ ބާޒާރުތަކާ ގުޅިފައިވާ ކުދި ގައުމުތަކުން މަސައްކަތްކުރަންޖެހޭނީ، މިފަދަ ލޮޅުންތަކަކީ ކޮންމެ ވަގުތެއްގައިވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ބަލައިގެންނެވެ. މިއީ "ވެދާނެ" ކަމެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، "ވާނެ" ކަމެއްގެ ގޮތުގައި ބަލައިގެން ތައްޔާރުވާންޖެހޭ ކަންކަމެވެ. އަދި އެފަދަ ހާލަތެއްގައި، ރައްޔިތުން ސަލާމަތްތެރި މަންޒިލަކަށް ވާސިލުކޮށްދޭން ވެރިން އަޅާނެ ފިޔަވަޅުތައް ރަނގަޅަށް އެނގިފައި އޮތުން މަޖުބޫރެވެ.

ނަމަވެސް، މިފަދަ ކަންކަމަށް ދުރާލައި އިންޒާރު ދިނުމަކީ ބޭކާރު ކަމެއް ކަމަށް ހީކުރެވެނީ ކަންނޭނގެ އެވެ. ކޮންމެ ފަހަރަކުވެސް ކަމެއް ދިމާވުމުން ނޫނީ ކޮމިޓީއެއް އެކުލަވައެއް ނުލެވެ އެވެ. މީހުން ހޭލުންތެރިއެއް ނުކުރެވެއެވެ. މިއީ ހަރުދަނާ އުސޫލެއް ނޫނެވެ. ހާއްސަކޮށް ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއްގައި، ކަންކަން ހުއްޓުމަކަށް އަތުވެއްޖެނަމަ، އޭގެ އަސަރު ނުފޯރާނެ އެއްވެސް އާއިލާއެއް މި ގައުމަކު ނެތެވެ. މިފަދަ ހާލަތްތަކަށް ތައްޔާރުވެ އޮތުމަކީ ބިރުވެރިކަން އުފެއްދުމެއް ނޫނެވެ؛ އެއީ ހަރުދަނާ ވިސްނުމެކެވެ.

މިހާރުން މިހާރަށް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިލާންޖެހޭ ކަންކަން ރައްޔިތުންނަށް ބުނެދީ، ތައްޔާރުކުރުވަން ޖެހެއެވެ. ތެލުގެ އަގު ދިގު މުއްދަތަކަށް އުފުލިފައި ހުރެއްޖެނަމަ، ދައުލަތުގެ މާލިއްޔަތަށް ކުރާނެ އަސަރު އަންގައިދޭން ޖެހެ އެވެ. ފަތުރުވެރިން އަންނަ މިންވަރު މަދުވެއްޖެނަމަ، ބޭރު ފައިސާގެ ތާށިކަން ބޮޑުވާނެކަން ވިސްނައިދޭން ޖެހެ އެވެ. މުދާ އުފުލުމުގެ ހަރަދު ބޮޑުވާނަމަ، ތަކެތީގެ އަގު އުފުލޭނެކަން ކިޔައިދޭން ޖެހެ އެވެ. ފަހަރެއްގައި މި ހަނގުރާމަ އަވަހަށް ނިމި، ބޮޑު ކާރިސާއަކަށް ނުވެވެސް ހިނގައިދާނެއެވެ. ނަމަވެސް، މިއީ ކުރިއާލައި މެނޭޖްކުރަންޖެހޭ ކަންކަމެވެ.

ދުރުގައި ހިނގާ ހަނގުރާމަތައް ހުއްޓުވުމުގެ ބާރު ރައްޔިތުންގެ އަތްމައްޗަކު ނެތެވެ. ނަމަވެސް، ރައްޔިތުން ބަރޯސާވަނީ މިފަދަ ކަންކަމުގެ ނަތީޖާއަށް ވިސްނައި، ދުރާލައި ފިޔަވަޅު އަޅާނެ ލީޑަރޝިޕަކަށެވެ.

މިފަދަ ދަނޑިވަޅެއްގައި ވެރިކަން ހިންގުމުގެ ނިޒާމުގެ ގާބިލުކަން ވަޒަންކުރެވެނީ ކޮމިޓީއެއް އިއުލާންކުރާ އަވަސްމިނަކުން ނޫނެވެ. އޭގެ ބަދަލުގައި، ވައިގެ ދަތުރުފަތުރަށާއި މުދާ އުފުލުމުގެ ބިލުތަކަށް އަސަރު ފޯރުމުގެ ކުރިން، ކަންކަން ހަމަނިޒާމުތަކެއް ގާއިމުވެފައި ހުރި މިންވަރަކުންނެވެ.

ސިޔާސީ މަސްރަހުގެ ސަބަބުން ދެބަސްވުންތައް ހިނގި ނަމަވެސް، ދިވެހިރާއްޖެއަކީ އަމާން ގައުމެކެވެ. ނަމަވެސް، ރާއްޖޭގެ އަމާންކަމާއި އިގްތިސާދު ވަނީ ދުނިޔޭގެ މަސްރަހާ ގުޅިފަ އެވެ. ވައިގެ ދަތުރުފަތުރާއި އިމްޕޯޓްކުރާ ހަކަތައަށް މިހާ ބޮޑަށް ބަރޯސާވެފައިވާ ގައުމެއް، އެ ގައުމުގެ ދިރިހުރުމާ ގުޅިފައިވާ މައި ދަތުރުފަތުރުގެ މަގުތަކަށް އަންނަ ލޮޅުންތަކާމެދު ހައިރާންވެ، ތައްޔާރުނުވެ އޮތުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox